13 Jul 2020, 19:12
ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ) އާ ގުޅިގެން މާކެޓް ސްޓަޑީއާއި އެނޫންވެސް ތަފާތު ގިނަ ދިރާސާތަކެއް ކުރިއަށް ގެންދިޔުމަށް އެއްބަސްވެއްޖެ އެވެ.
އެޗްޑީސީގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރައްވާފައިވަނީ އެ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހުމަދެެވެ. އަދި އެމްއެންޔޫގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރައްވާފައިވަނީ އެ ޔުނިވާސިޓީގެ ވައިސް ޗާންސެލަރު ޑރ. މުހައްމަދު ޝަރީފެވެ.
އެ އެއްބަސްވުމުގެ ދަށުން ދިވެހި ރާއްޖޭގެ ރިއަލް އެސްޓޭޓް ވިޔަފާރިތަކާއި ބޯހިޔާވަހިކަމުގެ މައުލޫމާތު ހޯދައި އެކަމަށް މުވައްޒަފުން ހޯދައި ގުޅުންހުރި ދިރާސާތައް ކުރިއަށްދާނެ އެވެ.
އެޗްޑީސީއިން މިއަދު ބުނެފައިވަނީ އެޗްޑީސީގެ ފަރާތުން ހުޅުމާލެ ތަރައްގީކުރުމުގައި އެކުލަވާލެވޭ ޕްރޮޑަކްޓްތަކަކީ އެކަމަށް ބޭނުންވާ އިލްމީ ހޯދުންތަކާއި ދިރާސާތަކުގެ އަލީގައި ކުރެވޭ ކަންކަމަށް ވުމަކީ އެ ކޯޕަރޭޝަނުން އިސްކަން ދޭ ކަމެއް ކަމަށެވެ.
އަދި އެފަދަ ދިރާސާތަކަކީ ސްމާޓް ސިޓީ ކޮންސެޕްޓް އިތުރަށް ކުރުމަށް ލިބިގެންދާ ފުރުސަތެއް ކަމަށްވެސް އެޗްޑީސީއިން ވަނީ ބުނެފައެވެ.
އެ އެއްބަސްވުމުގެ ދަށުން ކުރިއަށް ގެންދާނެ އިތުރު މަސައްކަތްތަކުގެ ތެރޭގައި
ގެދޮރު ގަތުމާއި ކުލީގެ އަގުތައް ކަނޑައެޅުމުގައި ބަލަންޖެހޭ މިންގަނޑު ދިރާސާކުރުން
- ފައިނޭންޝަލް ސެކްޓާގައި ލިކުއިޑިޓީ ހުރި މިންވަރު ދިރާސާކުރުން
- އިމާރާތް ކުރުމަށް ބޭނުންވާ ފައިސާ ހޯދުމަށް ދިމާވާ ދަތިތަކާއި، އިމާރާތް ކުރާ ފަރާތްތަކަށް ދިމާވާ ގޮންޖެހުންތައް ދެނެގަނެ ދިރާސާކުރުން
- ދިވެހިރާއްޖޭގެ ރިއަލް އެސްޓޭޓް ވިޔަފާރީގައި ގާނޫނީ ގޮތުން ދިމާވާ ގޮންޖެހުންތައް ދެނެގަތުން
- ސަރުކާރުގެ ބޯހިޔާވަހި ކަމުގެ ސިޔާސަތުތައް ކަނޑައެޅުމަށް އިލްމީ ދިރާސާތަކުގެ އަލީގައި ލަފަޔާއި މަޝްވަރާދިނުން