13 Jul 2020, 18:26
ރަޝިއާގައި ތިބެ އެތަނުގެ ސްކޫލުތަކަކާއި ހޮސްޕިޓަލުތަކަށް ހަމަލާ ދިނުމަށް ރާވަމުން ދިޔަ އިސްލާމިކް ސްޓޭޓް (އައިސް) ޖަމާއަތުގެ ސަޕޯޓަރުންތަކެއްގެ ޓެރަރިސް ހަމަލާތައް އެގައުމުގެ ފެޑެރަލް ސެކިއުރިޓީ ސާވިސް (އެފްއެސްބީ)އިން ހުއްޓުވައި ނާކާމިޔާބުކޮށްލައިފި އެވެ.
އެފްއެސްބީ އިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ އެ ސާވިސްގެ ރޮސްތޮވް ސަރަހައްދުގައި ތިބި ފަރާތްތަކުން ވަނީ އެ ސަރަހައްދުގައި ހިންގަން އުޅުނު ޓެރަރިސްޓް ހަމަލާތަކެއް ފެށުމުގެ ކުރީން ހުއްޓުވާފައި ކަމަށެވެ.
އެގޮތުން އިސްލާމިކް ސްޓޭޓް އިންޓަނޭޝަނަލް ޓެރަރިސްޓް ޖަމައާތުގެ ސަޕޯޓަރުންގެ ގޮތުގައި ތިބެ ޓެރަރިސްޓް ހަމަލާތައް ރާވާފައިވާ ގްރޫޕުގައި ހަ މީހުން ހިމެނޭ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ. އެ ހަ މީހުންގެ ތެރޭގައި ރަޝިއާގެ މީހުންގެ އިތުރުން އޭޝިއާގެ ސަރަހައްދުގެ މީހުންވެސް ހިމެނޭ ކަމަށް އެފްއެސްބީ އިން ވަނީ ބުނެފައެވެ.
އެ ބަޔާނުގައި ބުނެފައިވަނީ ޓެރަރިސްޓުން ރާވަމުން ދިޔައީ ތައުލީމު ފޯރުކޮށްދޭ ސަރަހައްދުތަކާއި ސިއްހީ ހިދުމަތް ފޯރުކޮށްދޭ ތަންތަނަށް ހަމަލާ ދިނުމަށް ކަމަށެވެ.
އެފްއެސްބީ އޮފިސަރުން އެ ޓެރަރިސްޓުން ހައްޔަރުކުރުމަށް އުޅުމުން ގްރޫޕުގެ ލީޑަރު ވަނީ އެސޯލްޓް ރައިފްލް އެއް ބޭނުންކޮށްފައި ކަމަށްވެސް ބަޔާނުގައި ބުނެފައިވެއެވެ. އަދި އޭގެއިތުރުން އަމިއްލައަށް އެއްޗެއް ގޮއްވާލުމަށް އުޅުމުގެ ތެރޭގައި ފުރާނައަށް ނުރައްކާތެރި އަނިޔާތަކެއް ލިބިފައިވާ ކަމަށްވެސް އެފްއެސްބީއިން ވަނީ ބުނެފައެވެ.
އެފްއެސްބީއިން ބުނެފައިވަނީ އެ ގްރޫޕުގައި ހިމެނޭ ބާކީ ފަސް މީހުން ވަނީ މިހާރު ހައްޔަރުކޮށްފައި ކަމަށެވެ.