ރާއްޖޭގެ ގިނަ ދީނީ އިލްމުވެރިން ބައިވެރިވެވަޑައިގެންނެވި އިލްމުވެރިންގެ މަހާސިންތާއަކީ ވަރަށް ކާމިޔާބު މަހާސިންތާއެއް ކަމަށް ޕީޕީއެމުން މިއަދު ބުނެފި އެވެ.

ޕީޕިއެމްގެ ކައުންސިލް މެންބަރު ޑރ އަފްރާޝީމް އަލީ މިއަދު ވިދާޅުވީ މަހާސިންތާ ކާމިޔާބް ކަމަށް ދެކެވަޑައިގެންނަވާ ސަބަބުތަކުގެ ތެރޭގައި ހިމެނޭ އެންމެ މުހިންމު އެއް ކަމަކީ އިސްލާމްދީނުގެ އުސޫލުތަކާއި ފުށު އަރާ އަދި ހިލާފް އެއްވެސް ކަމަކަށް އެއްވެސް ވެރިއަކު އަމުރު ކުރެއްވިޔަސް އެކަން ދީނީ އިލްމުވެރިން ނުކުރާގޮތަށް ވެވުނު އެއްބަސްވުން ކަމަށެވެ.

"ހުރިހާ އިލްމުވެރިން އެއްބަސްވެފައި މިވަނީ ރާއްޖޭގެ ރައީސުލްޖުމުހުރިއްޔާ ވިދާޅުވިއަސް އަދި އެހެން ވެރިޔަކު ވިދާޅުވިޔަސް އިސްލާމް ދީނާއި ފުށުއަރާ އެއްވެސް ކަމެއް ދީނީ އިލްމުވެރިން ކުރަން އެއްބަސް ނުވާން. މިއީ ވަރަށް ބޮޑު ކާމިޔާބެއް،" އަފްރާޝިމް ވިދާޅުވި އެވެ.

އަފްރާޝީމް އަދި ވިދާޅުވީ އިސްރާއިލްގެ މަތިންދާ ބޯޓް ޖެއްސުން އެއީ ހުއްދަ ކަމެއްތޯ މަހާސިންތާއަށް ހުށައެޅުމުން ފުރަތަމަ އެހުށައެޅުން ތަޅުމުން ބޭރުކޮށްލި، ނަމަވެސް ދެވަނަ ފަހަރަށް އެމައްސަލަ ސަމާލް ކަމަށް ގެނައީ އިލްމުވެރިންގެ މަޖިލިހުން އެކަން ނުބަލައިފިނަމަ ސަރުކާރުން ނާޖާއިޒު ގޮތުގައި އެކަމުގެ ފައިދާ ނެގިޔަނުދޭން ކަމަށެވެ.

"އިސްރާއިލްގެ މަތިންދާ ބޯޓް ޖައްސަން ސަރުކާރުން މަސައްކަތްކުރާ ދަނޑިވަޅެއްގައި ރާއްޖޭގައި ތިއްބެވި ހަރުދަނާ ހުރިހާ އިލްމުވެރިންވެސް އެއްބަސްވީ، ޝަރުއީ ގޮތުން ބަލާއިރުވެސް އިސްރާއިލްގެ މަތިންދާ ބޯޓް ރާއްޖޭގައި ޖެއްސުން އެއީ ހުއްދަ ކަމެއް ނޫން ކަމަށް. މިއީ އަޅުގަނޑުމެނަށް ލިބުނު ކާމިޔާބެއް މިކާމިޔާބްގެ ފަހަތުގައި ރާއްޖޭގެ ހަރުދަނާ އިލްމުވެރިން އެބަތިބި،" އަފްރާޝީމް ވިދާޅުވި އެވެ.

ކުރީގެ ރައީސް މައުމޫން އަބުދުލް ގައްޔޫމް އިލްމު ވެރިންގެ މަހާސިންތާގައި ބައިވެރިވަޑައިނުގެން ވާހަކަ ވަރަށް ބޮޑަށް ދެކެވުނު ކަމަށް ވިދާޅުވަމުން އަފްރާޝީމް ވިދާޅުވީ ދިމާވި ކޮންމެވެސް ސަބަބަކާއި ހުރެ ރައީސް މައުމޫން އެމަހާސިންތާގައި ބައިވެރިވަޑައިނުގެންނެވި ނަމަވެސް އެމަނިކުފާނު މައުނަވީ ގޮތުން އެމަހާސިންތާގައި ބައިވެރިވެވަޑައިގެންނެވި ކަމަށާއި އެގޮތުން ދީނީ މަޖައްލާއެއް ކަމަށްވާ އަލް މިންބަރު ގައި ލިޔުއްވާފައިވާ "ކީރީތި ރަސޫލައަށް ތަބާވުން" އެލިޔުމާއި މެދު މަޝްވަރާކުރެއްވުން ދޭހަކޮށްދެނީ މައުމޫނަށް މަހާސިންތާގައި ބައިވެރިވެ ވަޑައިގެންނެވުން ކަމަށެވެ.

އަފްރާޝީމް ވިދާޅުވި 23 ޑިސެމްބަރުގެ މުޒާހަރާގައި ބައިވެރިވި ދީނީ އިލްމުވެރިންނަކީ ހައްދުފަހަނައަޅައި ގޮސްފައިވާ ބަޔެއް ކަމަށް ރައީސް ނަޝީދު ދެއްކުމަށް މަސައްކަތްކުރެއްވި ކަމަށެވެ. ނަމަވެސް އެދުވަހުގެ މުޒާހިރާގައި ބައިވެރިވެވަޑައިގެންނެވި ދިނީ އިލްމުވެރިންނަކީ ހައްދު ފަހަނައަޅައި ގޮސްފައިވާ ބައެއް ނޫން ކަން މިހާރު އެނގިވަޑައިގެންނަވާނެ ކަމަށްވެސް ވިދާޅުވި އެވެ. އަދި ވިދާޅުވީ އިސްލާމް ދީން ހީނަރުކުރުމަށް އުޅޭ ދަނޑިވަޅެއްގައި އެދީން ނަގަހައްޓަން ކުރާ މަސައްކަތަކީ ހައްދުފަހަނައަޅައި ދިއުމޭ ބުނުން އެއީ ގަބޫލްކުރޭވެނެ ކަމެއް ނޫން ކަމަށް ވެސް ވިދާޅުވި އެވެ.