13 Jul 2020, 16:53
ފުލުހުންނާއި ސިފައިންގެ ފްލެޓްތައް ހަދަމުން އަންނަ ކުންފުނީގެ ބިދޭސީން މުވައްޒަފުން މުސާރަ ނުލިބިގެން ހުޅުމާލޭގައި މިއަދު ކުރި މުޒާހަރާ ހިނގާދިޔަ ގޮތް ކައިރިން ބަލަމުން އަންނަ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރްސީއެމް) އިން ބުނެފި އެވެ.
މިއަދު ހުޅުމާލޭގައި ކުރި މުޒާހަރާ ހޫނުވެ، ބިދޭސީން ވަނީ ފުލުހުންނަށް އޮށްގަލުން ހަމަލާދީފަ އެވެ. އެ ހަމަލާތަކުގައި ބައެއް ފުލުހުންނަށް އަނިޔާވިއެވެ. އަދި ހަމަނުޖެހުންތަކުގައި ބައެއް ބިދޭސީންނަށް ވެސް ވަނީ އަނިޔާވެފަ އެވެ.
މީގެ އިތުރުން ބިދޭސީން އުކި ގާތަކުން ޖެހި ފުލުހުންގެ ވެހިކަލްތަކަށް ވެސް ވަނީ ގެއްލުންވެފަ އެވެ. އެ މުޒާހަރާއިން ފުލުހުން ވަނީ 41 ބިދޭސީއަކު ހައްޔަރުކޮށްފަ އެވެ.
މިފަހުން ބިދޭސީން ކުރި އެއްވެސް މުޒާހަރާއަކާ ގުޅޭގޮތުން އެއްޗެއް ނުބުނެ ހިމޭނުން އޮތް އެޗްއާރްސީއެމް އިން މިއަދުގެ މުޒަހަރާއާ ގުޅިގެން ކުރި ޓުވީޓެއްގައި ބުނީ އެ މުޒާހަރާ ވަރަށް ގާތުން މޮނިޓާކުރަމުން އަންނަ ކަމަށާއި، ކޮމިޝަންގެ ޓީމެއް އެތަނުގައި މިހާރު ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.
މީގެ އިތުރުން މީޑިއާ އާއި ސޯޝަލްމީޑިއާގެ ވަސީލަތްތަކުން ލިބެމުންދާ އަޕްޑޭޓުތައް ވެސް ބަލަމުން އަންނަ ކަމަށް ބުނެފައިވެ އެވެ.
މި މަހުގެ ދެވަނަ ދުވަހު ބ. ބޮޑުފިނޮޅުގައި ވެސް ބިދޭސީންތަކެއް ވަނީ މުސާރައިގެ މައްސަލައިގައި ހަމަނުޖެހުން ހިންގާ، ދިވެހިންގެ ބަޔަކު ރަހީނުކޮށް ފުލުހުންނާ ކުރިމަތިލައިފަ އެވެ.
އެ ހަމަނުޖެހުމާ ގުޅިގެން އެޗްއާރްސީއެމް އިންް އެއްވެސް ބަހެއް މިހާތަނަށް ބުނެފައެއް ނުވެ އެވެ. އަދި އެ ބިދޭސީންގެ ހާލަތު ބަލަން އެޗްއާރްސީއެމް އިން ނުދާކަމުގެ ކަންބޮޑުވުން އެމީހުން އަންނަނީ ފާޅުކުރަމުންނެވެ.