13 Jul 2020, 14:55
މީގެ ހަފްތާއެެއްހާ ދުވަސްކުރިން ވެސް އޮތީ މުޒާހަރާ ކުރާނެކަމުގެ އިންޒާރެއް ދީފަ އެވެ. އެއް ހަފްތާ ތެރޭގައި މުސާރައިގެ ކަންކަން ހަމަނުޖައްސައިފިނަމަ އަނެއްކާވެސް މުޒާހަރާއަށް ނިކުންނާނެކަމަށެވެ. އެ ދުވަހު ހުޅުމާލޭގައި މުޒާހަރާކުރި ބައެއް ބިދޭސީން "ސަން"ގެ ނޫސްވެރިންނަށް ކިޔައިދިން ވާހަކަތަކުން އެނގުނީ މިކަމެވެ.
ޖުލައި ހަވަނަ ދުވަހު ކުރި މުޒާހަރާ ނިންމާލީ ހަމަނުޖެހުމެއް ނުހިންގަ އެވެ. އެހެންނަމަވެސް މިވީ ދުވަސްކޮޅުގައި ވެސް މުސާރައިގެ ކަންކަން އެމީހުންނަށް ވަޒީފާދިން އައިލެންޑް އެކްސްޕާޓް ކުންފުންޏަށް ހައްލު ނުކޮށްދެވުމުގެ ސަބަބުން އަނެއްކާވެސް މިއަދު މަގުމައްޗަށް އެ ނުކުތީއެވެ.
"ބޭނުމީ ހަމަނުޖެހުން ހިންގައިގެންވެސް ރަށަށް ދާން"
ހެނދުނު 9:00 ޖަހާކަންހާއިރު އައިލެންޑް އެކްސްޕާޓްގެ ބިދޭސީ މުވައްޒަފުން ފެށި މުޒާހަރާ ފުލުހުންނަށް ކޮންޓްރޯލްކުރެވުނީ 11 ޖަހަނިކޮށެވެ.

ޖުލައި 13، 2020: ހުޅުމާލޭގައި އައިލެންޑް އެކްސްޕާޓް ކުންފުނީގެ ބިދޭސީން ކުރިޔަށްގެންދިޔަ މުޒާހަރާއެއް -- (ސަން ފޮޓޯ/ އަހުމަދުﷲ އަބްދުލްހާދީ)
މުޒާހަރާ ކޮންޓްރޯލްކުރި އިރު، ފުލުހުންގެ ބައެއް ފަރާތްތަކަށް އަނިޔާ ލިބި ވެހިކަލްތަކަށްވެސް ވަނީ ބޮޑެތި ގެއްލުންތަކެއްވެފަ އެވެ. އެހެންނަމަވެސް މުޒާހަރާގެ ބައެއް ބައިވެރިން ބުނިގޮތުގައި އެންމެ ފުރަތަމަ ހަމަލާދޭން ފެށީ އެމީހުންނެއް ނޫނެވެ.
"އަހަރެމެން ފުރަތަމަ ފައިޓު (ތަޅާފޮޅާ) ނުކުރަނީ. އެކަމު އެތާ ސައިކަލް މަތީ ތިބި ދިވެހި މީހުން އެއްޗިހި އުކީމަ ދެން މި މީހުން އެއްޗިހި އުކަނީ،" މުޒާހަރާގެ ބައިވެރިޔަކު ބުންޏެވެ.

ޖުލައި 13، 2020: އައިލެންޑް އެކްސްޕާޓް ކުންފުނީގެ ބިދޭސީން ހުޅުމާލޭގައި ކުރި މުޒާހަރާގެ -- (ސަން ފޮޓޯ/ އަހުމަދުﷲ އަބްދުލްހާދީ)
މުޒާހަރާއާ ތަންކޮޅެއް ދުރުގައި ބަލަން ހުރި އައިލެންޑް އެކްސްޕާޓު ކުންފުނީގެ އެހެން ބިދޭސީ މުވައްޒަފަކު ބުނީ އެމީހުން ބޭނުންވަނީ ހަމަނުޖެހުން ހިންގަންޖެހިއްޖެ ނަމަ އެކަން ކޮށްގެން ނަމަވެސް އެނބުރި ރަށަށް ދެވޭނެ ގޮތެއް ހޯދުމެވެ.
"މިހާރު ދެން މުސާރަ ނުލިބެނީ، ދެން މިކޮޅު މަސައްކަތްކުރުން ބޭކާރު. ދެން ރަށަށް ދެވެނީ މިހެން ވައިލެންޓްވީމަ. ޑީޕޯޓުކުރަނީނު؟ ހައްޔަރުކުރަނީމަ؟" އޭނާ ސުވާލުކޮށްލި އެވެ.
އެމީހާ ބުނިގޮތުގައި މުސާރަ ނުދެވޭއިރު އެމީހުންގެ ކުންފުނިން އެމީހުން ރަށަށް ފޮނުވަންވެސް މަސައްކަތެއް ނުކުރެ އެވެ.
ބައެއްގެ އަމަލުތަކުން ހުރިހާ ބިދޭސީންނަށް ބިރު
އެ ހުރިހާ މަސައްކަތްތެރީންވެސް ހިތްހަމަނުޖެހި ރުޅިވެރިކަމުގައި ތިބި ނަމަވެސް ގޮތެއް ފެނޭތޯ މަގުމަތީގައި ހަމަނުޖެހުން ހިންގަމުން ދަނީ އޭގެ ތެރެއިން ވަކި ބައެކެވެ. ދުރުގައި ބަލަން ހުރި ބަންގްލަދޭޝްގެ މަސައްކަތްތެރިޔާ ބުނީ ހަމަނުޖެހުން ހިންގާ ބިދޭސީންގެ އަމަލުތަކާ ހެދިވެސް ކަންބޮޑުވާ ކަމަށެވެ.
ވަކި ބަޔަކު ހަމަނުޖެހުން ހިންގީމާ އޭގެ ރުޅިގަނޑު އަމާޒުވަނީ ރާއްޖޭގައި އުޅޭ ބަންގްލަދޭޝްގެ އެންމެންނަށް ކަމަށް އޭނާ ބުންޏެވެ.
"މަންމަ، ބައްޕަ ހުންނަނީނު ރަށުގައި،؟ އެމީހުން ލާރި ބޭނުންވަނީ. އެކަމު މިހެން ފައިޓުކުރީމަ ހުރިހާ ދިވެހިން ބަންގްލަދޭޝް މީހުން ދެކެ ރުޅި އަންނަނީ. އަހަރެން ފައިޓު ނުކުރަނީ" އެެމީހާ ކިޔައިދިނެވެ.

ޖުލައި 13، 2020: ހުޅުމާލޭގައި އައިލެންޑް އެކްްސްޕާޓް ކުންފުނިން ކުރި މުޒާހަރާ -- (ސަން ފޮޓޯ/ އަހުމަދުﷲ އަބްދުލްހާދީ)
އެ ކުންފުނީގެ ގާތްގަނޑަކަށް 50-100 އެއްހާ ބިދޭސީން މިއަދު މުޒާހަރާކުރިއިރު 300 އެއްހާ މީހުން އަމިއްލައަށް ވަޒީފާއިން ވަކިވެފައިވާކަމަށްވެސްސަންއަށް ވަނީ މީގެ ކުރިން މައުލޫމާތު ލިބިފައެވެ.
އައިލެންޑް އެކްސްޕާޓް ކުންފުނިން ވަނީ މީގެ ދުވަސްކޮޅެއް ކުރިން ބިދޭސީންނަށް މުސާރަ ދޭން ފަށާފައިވާކަމަށް ބުނެފަ އެވެ. އެހެންނަމަވެސް އޭގެ ފަހުން ބިދޭސީންނާއި ވާހަކަދައްކާލުމުން އެނގިގެންދިޔައީ އެ ކުންފުނިން ކޮންމެ ބިދޭސީއަކަށްވެސް ދިނީ 1،600 ރުފިޔާކަމަށެވެ.
މިއީ ޖެނުއަރީ މަހުން ފެށިގެން މުސާރަ ނުދީ ބޭތިއްބުމަށްފަހު މި މަހު ދިން ފައިސާގެ އަދަދެވެ.
މިއަދުގެ މުޒާހަރާގެ މައްސަލައިގައިވެސް ކުންފުނީގެ ބަހެއް ހޯދުމަށް ކުރި މަސައްކަތުން ބަހެއް ލިބޭ ގޮތް ވަނީ ނުވެފަ އެވެ.