ޒަކާތް ބެހުމުގައި ކޮންމެ އަހަރަކުވެސް ފަގީރުންގެ ލިސްޓު މުރާޖައާ ކުރުމަށް ފަހު، ޒަކާތުގެ ފައިސާ ބެހުމަށް އިސްލާމިކް މިނިސްޓްރީއަށް ރައްޔިތުންގެ މަޖިލީހުން އަންގައިފި އެވެ.

ވޭތުވެ ދިޔަ އަހަރު އެކުލަވާލާފައިވާ ފަގީރުންގެ ލިސްޓަށް ޒަކާތު ފައިސާ ބެހި މައްސަލާގައި ތޮއްޑޫ ދާއިރާގެ މެމްބަރު ހަސަން ޝިޔާން މަޖިލީހުގެ އިޖުތިމާއީ ކޮމިޓީއަށް ސިޓީއއް ފޮނުއްވީ ނިމިދިޔަ އަހަރު އެކުލަވާލާފައިވާ ފަގީރުންގެ ލިސްޓަށް މިއަހަރު ޒަކާތު ފައިސާ ބެހުމަކީ އިންސާފުވެރި ގޮތެއް ނޫން ކަމަށް ވިދާޅުވެ އެވެ.

އެމައްސަލަ ބަލައި އިޖުިމާއީ ކޮމިޓީއިން ނިމާފައިވަނީ ޒަކާތު ފައިސާ ފަގީރުންނަށް ބެހުމުގައި ކޮންމެ އިންސާފުވެރިވުމަށް އިސްލާމިކް މިނިޓްރީއަށް އެންގުމަށާއި ކޮންމެ އަހަރަކުވެސް ފަގީރުންގެ ލިސްޓު މުރާޖާ ކުރުމަށް އެންގުމަށެވެ. އިޖުތިމާއީ ކޮމިޓީގެ އެ ނިންމުން މިއަދު ފާސްކުރީ މަޖިލީހުގެ 58 މެމްބަރުންގެ ވޯޓާ އެކު އެވެ.

އިސްލާމިކް މިނިސްޓްރީއިން މި އަހަރުގެ ފަގީރުންގެ ލިސްޓު މުރާޖާ ނުކުރަން ނިންމާފައިވަނީ ކޮވިޑްގެ ހާލަތާއި ގުޅިގެން ފަގީރުންނާއި މިސްކީނުންގެ ގޮތުގައި ރެޖިސްޓްރީ ކުރުމަށް އެދޭ ފަރާތްތަކުން ފުރިހަމަ ކުރަން ޖެހޭ މައުލޫމާތު ފުރިހަމަ ކުރުމަށް ދަތިތަކެއް ކުރިމަތިވާނެތީ އެންމެންނަށް ހަމަ ހަމަ ފުރުސަތު ނުލިބޭނެ ކަމަށް ބަލާފައި ކަމަށް މިނިސްޓްރީއިން ކޮމިޓީއަށް އަންގާފައިވާކަން ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.