މި އަހަރު ނިމޭއިރު، ގަވާއިދާ ހިލާފަށް އުޅޭ 20،000 ބިދޭސީން އަނބުރާ ގައުމަށް ފޮނުވާލަން އަމާޒުހިފާފައިވާކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގައި މިއަދު ވާހަކަދައްކަވަމުން މިނިސްޓަރު ފައްޔާޒް ވިދާޅުވީ ރާއްޖޭގައި އުޅޭ ބިދޭސީންގެ ތެރެއިން 62،000 މީހުންނަކީ ގަވައިދާ ހިލާފަށް އުުޅޭ މީހުންކަމަށް އިމިގްރޭޝަންގެ ރެކޯޑުތަކުން ފާހަގަވާ ނަމަވެސް، އެ އަދަދު 80،000 އާއި ލައްކައަކާ ދޭތެރޭ އުޅޭނެކަމަށް ވަރަށް ބޮޑަށް ޔަގީންވާ ކަމަށެވެ.

ލިޔެކިޔުން ނެތި އުޅޭ ބިދޭސީން ގަވާއިދުގެ ތެރެއަށް ވެއްދުމަށް އިކޮނޮމިކް މިނިސްޓްރީން ކުރިއަށް ގެންދިޔަ ރެގިއުލަރައިޒޭޝަން ޕްރޮގްރާމުގައި 43،000 މީހުން ވަނީ ރަޖިސްޓްރީވެފައެވެ. ލިޔެކިޔުން ނެތި އުޅޭ މީހުންގެ 95 ޕަސެންޓަކީ ބަންގްލަދޭޝް ރައްޔިތުންނެވެ.

މިނިސްޓަރު ވިދާޅުވީ ކޮވިޑް19 އާ ގުޅިގެން މިހާތަނަށް ބަންގްލަދޭޝްގެ 4000 މީހުން އަނބުރާ ގައުމަށް ފޮނުވާލާފައި ވާއިިރު، އޭގެ ތެރެއިން ގާތްގަނޑަކަށް 3800 މީހުންނަކީ ގަވާއިދާ ހިލާފަށް އުޅެމުން ދިޔަ މީހުން ކަމަށެވެ.

"އަޅުގަނޑު މި އުންމީދު ކުރަނީ މި އަހަރުގެ ނިޔަލަށް، ދެން 22،000 ވެއްޖެއްޔާ ރަނގަޅު، އެކަމަކު އަޅުގަނޑުގެ ޓާގެޓަކީ 20،000 އަންޑޮކިއުމެންޓެޑް ވޯކާސް އެމީހުންގެ ރުހުމުގައި ފޮނުވުން،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ރެގިއުލަރައިޒޭޝަން ޕްރޮގްރާމުގެ މަގުސަދަކީ އެމީހުން އަނބުރާ ގައުމަށް ފޮނުވާލުން ނޫން ކަމަށާއި، ގަވާއިދުގެ ތެރެއަށް ވެއްދުން ކަމަށެވެ. އެހެން ނަމަވެސް އަނބުރާ ގައުމަށް ދާން ބޭނުންވެފައި ތިބި ގިނަ ބަޔަކު އެ ޕްރޮގްރާމްގެ ތެރެއިން ފާހަގަވެފައިވާ ކަމަށެވެ.

އަދި ގަވާއިދާ ހިލާފަށް އުޅޭ މީހުންގެ ނުރުހުމުގައި، ގަދަކަމުން އެމީހުން ގައުމަށް ފޮނުވާލުމުގެ ވިސްނުން ނުގެންގުޅުއްވާ ކަަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

"ަޅުގަނޑު އެއްގޮތަކަށް ވެސް ގަސްތެއް ނުކުރަން އަދިއެއް ނުރުހުމުގައި ފޮނުވާކަށް. އެ ފުރުސަތު އެބަ އޮތް،" މިނިސްޓަރު ވިދާޅުވިއެވެ.