13 Jul 2020, 13:44
ޑޮލަރު ވިއްކުމުގެ ނަމުގައި އޮޅުވާލައިގެން ފައިސާ ނަގައިގެން ހިޔާނަތްތެރިވާ މައްސަލަތައް އިތުރުމުން އަންނާތީ އެކަމަށް ސަމާލުވުމަށް ފުލުހުން އިލްތިމާސް ކޮށްފި އެވެ.
ފުލުހުން މިއަދު ބުނީ، ޑޮލަރު ހޯދައިދޭނެ ކަމަށް ބުނެ މަކަރާއި ހީލަތުން ބިޑެތި އަދަދުތަކުން މީހުން އަތުން ފައިސާ ނެގުމަށްފަހު އެ ފައިސާއަށް ހިޔާނާތްތެރިވާ މައްސަލަތައް ފަހަކަށް އައިސް ހުށަހަޅާވަރު އިތުރުވެފައިވާ ކަމަށެވެ.
އެ ފަދަ މީހުން، ސޯޝަލް މީޑިއާގެ އެކިި ޕްލެޓްފޯމްތައް ހާއްސަކޮށް ވައިބާރގެ ކޮމިއުނިޓީ ގުރޫޕްތައް މެދުވެރިކޮށް ޑޮލަރު ވިއްކާ ކަމަށް އިސްތިހާރުކޮށް ފައިސާ އަތުލަމުންދާކަން ފާހަގަވެފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
"އެހެންކަމުން މިފަދަ ކުށްކުށުގެ ޝިކާރައަކަށް ވުމުން ރައްކާތެރިވުމަށްޓަކައި އޮތޮރައިސްޑް މަނީ ޗޭންޖާރސް މެދުވެރިވެގެން ނޫނީ މިފަދަ މުއާމަލާތްތައް ނުހިންގުމަށް ފުލުހުން އިލްތިމާސް ކުރަން،" ފުލުހުންގެ މީޑިއާ އިން ބުންޏެވެ.
އޮޅުވާލައިގެން ފައިސާ އަތުލުމުގެ އެފަދަ މައްސަލަތައްޕޯޓަލް މެދުވެރިކޮށް އޮންލައިންކޮށް ހުށަހެޅޭނެ ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ.
ރާއްޖެ ލޮކްޑައުންކޮށް ޓުއަރިޒަމް ހުއްޓިފައި އޮތުމުން ޑޮލަރު ލިބުން ދަތިވެ ކަޅު ބާޒާރުގައި ޑޮލަރުގެ އަގު ވަނީ 18 ރުފިޔާއަށް ވުރެން މައްޗަށް އަރާފަ އެވެ. އެހެން ކަމުން ބޮޑު އަގުގައި ޑޮލަރު ގަނެ ވިއްކަމުންދާއިރު ބޭންކް އޮފް މޯލްޑިވްސް އިން ވަނީ، އޭޓީއެމް މެދުވެރިކޮށް ކަސްޓަމަރުންނަށް ޑޮލަރު ދޫކުރާވަރު ލިމިޓް ކޮށްފަ އެވެ. ކުރިން ދުވާލަކު 1600 ޑޮލަރު ނެގުނު ނަމަވެސް މިހާރު ކާޑަކުން މަހަކު ނެގޭނީ 2000 ޑޮލަރެވެ. އެހެން ކަމުން ޑޮލަރު ގަނެ ވިއްކުމުގައި ގިނަ މީހުން އޮންލައިން ޓްރާންސްފާރ އިހްތިޔާރު ކުރަން ވަނީ މަޖުބޫރުވެފަ އެވެ.