04 Jan 2012, 16:34
ވިލާ އެއާގެ ފްލައިޓެއްގެ ވިންޑް ސްކުރީން ތަޅައިގެން ދިޔައީ ގުދުރަތީ ހާދިސާއެއްގެ ސަބަބުން ނޫން ކަމަށާއި އެއީ އެ ބޯޓް ދުއްވަން އިން ޕައިލެޓްގެ އިހުމާލުން ދިމާވި ކަމެއްކަމަށް ދައުލަތުން ބުނެފި އެވެ.
ދައުލަތުން މިހެން ބުނީ ވިލާ އެއާގެ އޮޕަރޭޝަންތައް ހުއްޓާލުމަށް ސިވިލްއޭވިއޭޝަން ޑިޕާޓްމަންޓުން ކުރިން އެންގީ ގާނޫނާއި ޚިލާފަށް ކަމަށް ކަނޑައަޅައިދިނުމަށް ވިލާއެއާ އިން ސިވިލްކޯޓަށް ހުށަހެޅި މައްސަލައިގެ މިއަދުގެ ޝަރީއަތުގެ މަޖިލީހުގަ އެވެ.
ދައުލަތުގެ ފަރާތުން ދައުވާއަށް ޖަވާބުދާރީވަމުން އެޓާނީޖެނެރަލް އޮފީހުގެ ޑެޕިއުޓީ ސޮލިސިޓާ ޖެނެރަލް އަހުމަދު އުޝާމް ވިދާޅުވީ ވިލާ އެއާގެ ބޯޓެއްގެ ވިންޑް ސުކްރީން ތަޅައިގެން ދިޔައީ އެ ބޯޓު ދުއްވަން އިން ޕައިލެޓް ބޯޓުގެ ހީޓިން ޕެނަލް ނިއްވާލުމުން ކަމަށާއި، މިނިސްޓްރީގެ ޓީމް ވިލާ އެއާޕޯޓަށް ގޮސް ހެދި އޮޑިޓް އިންސްޕެކްޝަނުން އެކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ ވިލާ އެއަށް ސެޕްޓެމްބަރު 27 ،2011 ގައި އުދުހުމުގެ ހުއްދަ ދިން އިރުވެސް ތިން މަސްތެރޭ އޮޑިޓެއް ހަދާނެކަން އަންގާފައިވާ ކަމަށާއި، ވިލާ އެއާއިން ވެސް އެއާލައިންގެ އޮޑިޓެއް ހެދުމަށް ރިކްއެސްޓްކޮށްފައިވާ ކަމަށެވެ.
ވިންޑް ސްކްރީން ތަޅައިގެން ދިޔުމުން ތިން ކަމެއް ރަނގަޅުކުރުމަށް އެންގުމަށްފަހު އެކަންކަން ރަނގަޅު ކުރުމުން 24 ގަޑިއިރު ނުވަނީސް ވަނީ ހުއްދަ ދީފައި ކަމަށާއި ވިލާ އެއާގެ ދެވަނަ ބޯޓުގެ އުދުހުންތައް ވެސް މެދު ކަނޑާލަން އެންގީ އެ ބޯޓަކީ ވިންޑް ސްކްރީން ތަޅައިގެން ދިޔަ ބޯޓާއި އެއްވައްތަރެއްގެ ބޯޓަކަށް ވުމުން ކަމަށެވެ.
މިއަދުގެ ޝަރީއަތުގެ ސިވިލް ކޯޓުގެ ގާޒީ ނިންމަވާލެއްވީ ދައުލަތުގެ ވާހަކަތަކަށް ޖަވާބުދާރީ ވުމަށް ވިލާއެއަށް ފުރުސަތު ދިނުމަށްފަހު އެވެ.