ހުރިހާ ރައްޔިތުންް ވެސް ބޭރުގައި އުޅޭއިރު މާސްކް އަޅައިގެން އުޅުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އާދޭހާއެކު އެދިވަޑައިގެންފި އެވެ.

ކޮވިޑް-19 އާ ގުޅިގެން ދެ މަހަށް ވުރެ ގިނަ ދުވަސް ވަނދެން މާލެ ސަރަހައްދު ފުރަބަންދުކޮށްފައި އޮތުމަށްފަހު، މި މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ވަނީ ފުރަބަންދަށް ލުއި ދީފަ އެވެ.

ފުރަބަންދަށް ލުއި ދިނުމާއެކު ރާއްޖެއިން ވައިރަހަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އަންނަނީ ވަރަށް ބޮޑުތަން އިތުރުވަމުންނެވެ. އެގޮތުން އިއްޔެ އެކަނި 67 މީހަކު ވަނީ ވައިރަހަށް ޕޮޒިޓިވްވެފަ އެވެ. އޭގެ ތެރޭގައި ގިނައީ ދިވެހިންނެވެ. އަދި ބައްޔަށް ޕޮޒިޓިވް ދިވެހިންގެ އަދަދު ވެސް ވަނީ ހާހުން މައްޗަށް އަރައިފަ އެވެ.

ލުއި ދިނުމާއެކު ކެފޭ، ރެސްޓޯރަންޓުތަކަށް ދާ މީހުންނާއި ބޭރު ތެރޭގައި އުޅޭ މީހުންްގެ އަދަދު ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ. އަދި މާސްކް ނާޅާ ބޭރުގައި އުޅުމާއި، ގައިދުރުމިން ނުބަހައްޓާ ގްރޫޕް ހަދައިގެން އުޅުން ވެސް ވަނީ އިތުރުވެފަ އެވެ.

މިކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވަމުން މިއަދުގެ މަޖިލިސް ޖަލްސާގައި މަޖިލިސް ރައީސް ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން މިހާރު މާސްކް ނާޅުއްވައި ވާހަކަދައްކަވާތީ، މާސްކް އަޅަންޖެހޭ ކަމަށް ގަބޫލުކުރާ އާންމުންގެ އަދަދު މަދުވަމުން އަންނަ ކަމަށެވެ.

ތަޅުމުގައި މަޖިލީހުގެ ޖަލްސާތައް ފެށި އިރު ހުރިހާ މެމްބަރުން ވެސް ތިއްބެވީ މާސްކް އަޅުއްވައިގެންނެވެ. މީގެ ދެ ހަފްތާ ކުރިން، މާސްކް ނާޅާ ވާހަކަދެއްކުމުގެ ހުއްދަ ދީފައި ވަނީ، ގާތުގައި އެހެން މެމްބަރުން ނެތް ނަމަ މާސްކް ނާޅާ ވާހަކަދެއްކިދާނެ ކަމަށް ރިޔާސަތަށް ލިބުނު ލަފަޔަކާ ގުޅިގެންނެވެ.

"މިހާރު އަޅުގަނޑު ރިޔާސަތުގައި އިންނަ އިރުގައި މާސްކް ނާޅަނީ އަޅުގަނޑަށް މިހާރު ފާހަގަވާ ގޮތުގައި ތިން ފޫޓު ދުރުމިނުގައި ތިބީމާ މިކަމުން އަޅުގަނޑުމެންނަށް ސަލާމަތްވެވޭ ކަަމަށް އަޅުގަނޑަށް ވެސް މިހާރު ވަރަށް ސާފުކޮށް މައުލޫމާތު ދީފައި ވާތީ. އަޅުގަނޑަށް ކުރީގާވެސް އެކަން އެނގޭ. އެހެން ނަމަވެސް މީގައި މި ދިމާވާ މައްސަލައަކީ އަޅުގަނޑުމެން މާސްކް ނޭޅީމާ ދެން އާންމުންގެ ތެރެއިން މާސްކް އަޅަންޖެހޭ ކަމަށް ދެކިވަޑައިގަންނަވާ މީހުން މަދުވެގެން ދަނީ،" މަޖިލިސް ރައީސް ވިދާޅުވި އެވެ.

އެހެންކަމުން އަދި ކުޑަ ދުވަސްކޮޅެއް ވަންދެން މާސްކް އަޅައިގެން އުޅުމަށް ހުރިހާ ރައްޔިތުންގެ ކިބައިން މަޖިލިސް ރައީސް އެދިވަޑައިގެންނެވި އެވެ.

"އަޅުގަނޑު ވަރަށް އާދޭހާއެކު ދަންނަވަން ރާއްޖޭގެ ހުރިހާ ބޭފުޅުންނަށް ވެސް މި މާސްކް ގަނޑު އަޅާލައިގެން އަދި ދުވަސްކޮޅަކު އުޅުއްވާށޭ،" މަޖިލިސް ރައީސް ވިދާޅުވި އެވެ.

ބައްޔަށް ޕޮޒިޓިވް މީހުންގެ އަދަދު ކުއްލިއަކަށް އިތުރުވެފައި ވާއިރު، ކަމާބެހޭ ފަރާތްތަކުން ވެސް ވަނީ ފުރަބަންދަށް ލުއިދިނުމުން، މިއީ "ނިއު ނޯމަލް" ކަން ގިނަ ބަޔަކު ހަނދާން ނެތިފައިވާކަމުގެ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

އަދި ކޮވިޑް19ގެ ކޭސްތައް އިތުރުވެގެންދާނަމަ ހާލަތު ގޯސްވެ، ބައެއް ތަންތަން ބަންދުކޮށް ނުވަތަ ލޮކްޑައުންއަކަށް ދާން ޖެހިދާނެ ކަމަށް ވެސް ވަނީ ބުނެފަ އެވެ.