އިސްލާމް ދީނުގައި ހިލާފު އުފެދޭ މައްސަލަތަކުގެ ވާހަކަތައް ސުކޫލުތަކުގެ ތެރެއަށް ވައްދަން ނުޖެހޭ ކަމަށް މަންދު ކޮލެޖްގެ ވެރިޔާ އިބްރާހިމް އިސްލާއިމް ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށަހަޅާފައިވާ ތައުލީމުގެ ބިލަށް އާންމުންގެ ހިޔާލު ހޯދުމުގެ މަޝްވަރާ ބައްދަލުވުމެއް ރޭ ވަނީ މަޖިލީހުގެ އިދާރާގައި ބާއްވާފަ އެވެ. އާންމުންގެ ހިޔާލުތަކަށް ވާހަކަދެއްކުމަށް މަޖިލީހުން އެކުލަވާލި ޕެނަލްގައި އިބްރާ ހިމެނެ އެވެ.

ރޭ އެބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އިބްރާ ވިދާޅުވީ ދީނުގައި ހިލާފު ހުރި ކަންތައްތައް ސުކޫލު ތެރެއަށް ވައްދާނެ ކަމެއް ނެތް ކަމަށެވެ.

"މީގައި [ތައުލީމުގެ ބިލުގައި] އަޅުގަނޑުމެން ލިޔަން ވާނެ ކަމަށް އަޅުގަނޑު ދެކެނީ. މި ދީނުގެ ނަމުގައި ފިތުނަ އުފެއްދުމުގެ ބައިތައް ސުކޫލުތަކަށް ނުވެއްދޭނެ ގޮތަށް. އެކަން އަޅުގަނޑުމެންނަށް ކުރެވޭނީ ހަމަ މިދަންނަވާ ކަހަލަ ގޮތަކަށް މީގައި ލިޔުންވަން އަޅުގަނޑަށް ފެނޭ. އިލްމުވެރިންގެ މެދުގައި ހިޔާލު ތަފާތުވުން ހުރި ނުވަތަ ހިލާފު ހުރި ވާހަކަތައް ވަކި ގޮތަކަށް ގެންދަން ސުކޫލުތަކުގައި ކިޔަވައިދީގެން ނުވާނެއޭ. އަސާސީ ބައިތައް ކުދިންނަށް އަގީދާގެ ބައިތައް ކިޔައިދޭށޭ. ހިލާފު ހުރިކަންތައްތައް އެއީ މާ މަތީ ލެވެލް އެއްގައި ޑިބޭޓްކުރާ ކަންތައްތައް. ޔުނިވަސިޓީތަކުގައި." އިބްރާ ވިދާޅުވި އެވެ.

އިބްރާ ވިދާޅުވީ އުމުރުން 13 ނުވަތަ 14 އަހަރުގެ ކުދިންނަށް "މި ހަދީސްގައި އޮތީ މިހެންތޯ. އެހަދީސްގައި އޮތީ އެހެންތޯ" އެބައި ބައި ނޭނގޭނެ ކަމަށެވެ. އެއަށްވުރެ ބޮޑަށް ކިޔަވައިދެންވީ އިސްލާމީ އުސޫލުތަކަށް އުޅުމަށާއި އަގީދާ ވަރުގަދަ ކުރުމަށް އަދި ވާޖިބުތައް އަދާކުރުމަށް ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިއީ އިސްލާމީ މުޖުތަމައެއް ކަމަށާއި މަދަރުސާ ނިންމާފައި ކުދިން ނުކުންނައިރު އެކުދިންނަކީ އިސްލާމީ އަގީދާ ހަރުދަނާ ކުދިންނަށް ވުމަކީ ކޮންމެހެން ވާންޖެހޭ ކަމެއް ކަމަށެވެ.

"އެކަމަކު އެނަމުގައި މިހާރު ސުކޫލުތަކުގައި ދަނީ ގްރޭޑް 10 އެއް ނިމޭއިރު ފިގުހު އިލްމުވެރިއަކަށް އެބަވާން ޖެހޭ. އެހިސާބަށް އިސްލާމް މުގައްރަރު ގޮސްފައި މިއޮތީ. ކިޔަވައިދެނީ އެހެން،" އިބްރާ ވިދާޅުވި އެވެ.

ދެކޮޅުންވެސް ހައްދު ފަހަނާއަޅާ ދިއުން އޮންނަ ކަންކަން ސުލޫތަކަށް ނުވައްދަން އިބްރާ އިލްތިމާސްކުރެއްވި އެވެ. އޭނާ ވިދާޅުވީ އެއްކޮޅުން ދީނޭ ކިޔައިގެން އެކި ވާހަކަ ދައްކާއިރު އަނެއްކޮޅުން ދީނަކީ އެއްޗެއް ނޫން ކަމަށް ބުނަމުން ދާ ކަމަށާއި އެއަށް ކުދިން ހުށަ ނޭޅޭނެ ގޮތަކަށް ދަރިވަރުންނަށް ކިޔައިދިނުމަށް ގާނޫނުގައި ލިޔަން ޖެހިއްޖެ ކަމަށް ގަބޫލުކުރެވޭ ކަމަށް އިބްރާ ވިދާޅުވި އެވެ.

ހިޔާލު ހޯދުމުގެ ބައްދަލުވުމުގެ ތެރެއިން --- ފޮޓޯ/ މަޖިލިސް

ދުނިޔޭގައި އެކި ބަހުން ވާހަކަ ދައްކާ މީހުން އުޅޭނެ ކަމާއި އެކި ދީންތަކަށް އުޅޭ މީހުން އުޅޭނެކަން ސުކޫލުތަކުން ކުދިންނަށް ކިޔަވައިދޭން ޖެހޭ ކަމަށް އިބުރާ ވިދާޅުވި އެވެ. އަދި "ޓޮލަރެންސް" އެއީ އޮންނަ އެއްޗެއްކަން ކުދިންނަށް އަންގައިދޭން ޖެހޭ ކަމަށާއި އެއީ ތައުލީމު ބިލުގައި ހިމަނަން ޖެހޭ ބައެއް ކަމަށް އިބްރާ ވިދާޅުވި އެވެ.

އިބްރާގެ ވާހަކަތަކަށް ހިތްހަމަނުޖެހުން ފާޅުކޮށް އެބައްދަލުވުމަށް ދިޔަ އާންމުންގެ މީހަކު ބުނީ އެއްވެސް ގޮތަކަށް އިބްރާ ދެއްކި ވާހަކައަށް ތާއީދު ނުކުރާ ކަމަށެވެ. ފުރަތަމަ ކިޔަވަން ފަށާއިރުވެސް އިސްލާމް ދީނަކީ ކޮން އެއްޗެއްކަން އެނގެން ޖެހޭ ކަމަށް އޭނާ ބުންޏެވެ.

އޭނާގެ އެ ހިޔާލަށް ޖަވާބު ދެއްވަމުން ބިލު މަޖިލީހަށް ހުށަހެޅުއްވި ފުވައްމުލަކު ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު މުމްތާޒު ވިދާޅުވީ ދީނީ ތައުލީމު ސުކޫލުތަކުން ފޯރުކޮށް ނުދޭން އިބްރާ ބާރު ނާޅުއްވާ ކަމަށެވެ. އެއީ ބިލުގައިވެސް ސުކޫލުތަކުގެ ކުދިންނަށް އިސްލާމީ އަގީދާއާއި އިސްލާމީ ތަރުބިއްޔަތު އަދި ގުރުއާން އުގަންނައިދޭން ޖެހޭނެ ކަމަށް ބުނެފައިވާ ކަމަށް މުމްތާޒު ވިދާޅުވި އެވެ.

"މީގެ ހަފްތާއެއްހާ ދުވަސް ކުރިން އަޅުގަނޑުގެ ދަރިފުޅު އަޅުގަނޑާ ކުރާ ސުވާލަކީ. މި ހަމަ ހަގީގަތުގައި ހިނގާފަ އޮތް ކަމެއް އިނގޭތޯ. ކުރާ ސުވާލަކީ ގުރުއާން ތާއަބަދަށް ބާއްވާލައްވާފައި އޮތް އެއްޗެކޭ. އެހެންނަމަވެސް އެއްވެސް ކަހަލަ ބަދަލެއް ގުރުއާނަށް އައިސްފައި ނެތްކަން އެނގެނީ ކިހިނެއްހޭ. މިއީ ކުޑަކުއްޖަކު އަޅުގަނޑާ ކުރި ސުވާލެއް. މުމްތާޒު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އިބްރާ ދެއްކީ މުހިންމު ވާހަކައެއް ކަމަށެވެ. އިބްރާ ވާހަކަފުޅުދެއްކެވީ ތައުލީމު މުގައްރިރު ތެރޭގައި ކުއްޖާއަށް ނަގައި ނުގަނެވޭ އެއްޗެހި ހިމެނިގެން ދިއުމާ ގުޅޭ ގޮތުން ކަމަށެވެ.

ތައުލީމުގެ ބިލު ގައުމީ ތަރައްގީއާއި ތަރިކައިގެ ކޮމިޓީއިން ދަނީ ދިރާސާ ކުރަމުންނެވެ