12 Jul 2020, 22:11
މިއަދު ރާއްޖެއިން 67 މީހަކު ކޮވިޑް19 އަށް ޕޮޒިޓިވްވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީން ބުނެފިއެވެ.
އެޗްޕީއޭއިން ބުނީ ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 52 ދިވެހީންނާއި، ބަންގްލަދޭޝްގެ 14 މީހުންނާއި އިންޑިއާ މީހެއް ކަމަށެވެ.
މިއަދު އެކަނި 67 މީހަކު ބައްޔަށް ޕޮޒިޓިވްވި އިރު، ފާއިތުވި ހަތް ދުވަހުގެ ތެރޭގައި 263 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ.
ފާއިތުވެދިޔަ ހަތް ދުވަހު ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދުތައް:
ޖުލައި 12، 2020: 67 މީހުން
ޖުލައި 11، 2020: 47 މީހުން
ޖުލައި 10، 2020: 64 މީހުން
ޖުލައި 9، 2020: 36 މީހުން
ޖުލައި 8، 2020: 16 މީހުން
ޖުލައި 7، 2020: 10 މީހުން
ޖުލައި 6، 2020: 23 މީހުން
މިއަދު ޕޮޒިޓިވްވި 67 މީހުންނާއިއެކު މިހާތަނަށް ދިވެހިރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު މިވަނީ 2،731 އަށް އަރައިފަ އެވެ.
އެޗްޕީއޭއިން ހާމަކުރި ގޮތުގައި މިދިޔަ 24 ގަޑިއިރު ތެރޭ އިތުރު 16 މީހަކު ވަނީ މި ބަލިން ރަނގަޅުވެފަ އެވެ. މިއާއިއެކު ރާއްޖޭގައި ބަލިން ރަނގަޅުވި މީހުންގެ ޖުމްލަ އަދަދަކީ 2،284 އެވެ.
އެކްޓިވް ކޭސް ނުވަތަ މިވަގުތު ފަރުވާ ދެވެމުންދާ މީހުންގެ ގޮތުގައި ތިބީ 419 މީހުންނެވެ.
ކަރަންޓީނު ފެސިލިޓީތަކުގައި މިވަގުތު 71 މީހުން ތިބިއިރު އިތުރު 353 މީހަކު މިވަގުތުު ތިބީ އައިސޮލޭޝަން ފެސިލިޓީތަކުގައެވެ.
ކަމާބެހޭ ފަރާތްތަކުން ވަނީ މި ބައްޔަށް ޓެސްޓުކުރުމުގެ ގޮތުން 61،819 ސާމްޕަލްއެއް މިހާތަނަށް ނަގައިފައެވެ. މީގެ ތެރޭގައި ތަކުރާރުކޮށް ނަގަން ޖެހުނު ސާމްޕަލް ވެސް ހިމެނެ އެވެ.
ކޮވިޑް-19ގައި ރާއްޖެއިން މިހާތަނަށް ވަނީ 13 މީހަކު މަރުވެފައެވެ.
ރާއްޖެއިން ބައްޔަށް ޕޮޒިޓިވްް މީހުން ފެންނަ މިންވަރު ކަންބޮޑުވާ މިންވަރަށް އިތުރުވާން ފަށާފައި މިވަނީ މި މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ފުރަބަންދަށް ދިން ލުއިތަކާއެކުއެވެ. އަދި މިއީ ފުރަބަންދަށް ލުއި ދިން ފަހުން އެންމެ ގިނަ އަދަދެއްގެ މީހުން ޕޮޒިޓިވްވީ ދުވަހެވެ.
ކުއްލިއަކަށް ބައްޔަށް ޕޮޒިޓިވް މީހުންގެ އަދަދު އިތުރުވެފައި ވާއިރު، ކަމާބެހޭ ފަރާތްތަކުން ވެސް ވަނީ ފުރަބަންދަށް ލުއިދިނުމުން، މިއީ "ނިއު ނޯމަލް" ކަން ގިނަ ބަޔަކު ހަނދާން ނެތިފައިވާކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ.
އަދި ކޮވިޑް19ގެ ކޭސްތައް އިތުރުވެގެންދާނަމަ ހާލަތު ގޯސްވެ، ބައެއް ތަންތަން ބަންދުކޮށް ނުވަތަ ލޮކްޑައުންއަކަށް ދާން ޖެހިދާނެ ކަމަށް ވެސް ވަނީ ބުނެފައެވެ.