މިދިޔަ އަހަރު ނަގަންފެށި ޓެކްސްތަކާއެކު މޯލްޑިވެސް އިންލޭންޑް އޮތޯރިޓީ (މީރާ) އަށް ލިބުނު އާމްދަނީ 2010 ވަނަ އަހަރަށް ވުރެ 89 ޕަސެންޓް އިތުރުވެ ދައުލަތަށް ލިބުނު އާމްދަނީ 4.5 ބިލިއަން ރުފިޔާ އަށް އަރައިފިއެވެ. ދެހާސް ދިހަ ވަނަ އަހަރު މީރާއަށް ލިބިފައިވަނީ 2.4 ބިލިއަން ރުފިޔާ އެވެ.

މީރާއިން މިއަދު އާއްމުކުރި މިދިޔަ މަހުގެ ރިޕޯޓުން ދައްކާ ގޮތުން ޑިސެމްބަރުމަހުގައި އެކަނިވެސް މީރާއަށް 538 މިލިއަން ރުފިޔާ ލިބުނެވެ. އެއީ ފާއިތުވި އަހަރުގެ ނޮވެމްބަރު މަހު މީރާއަށް ލިބުނު އާމްދަނީއަށް ވުރެ 225 މިލިއަން ބޮޑު އަދަދެކެވެ. މިދިޔަ އަހަރުގެ ނޮވެމްބަރު މަހު މީރާއަށް ލިބުނީ 312 މިލިއަން ރުފިޔާ އެވެ.

މީރާގެ ރިޕޯޓުގައިވާ ގޮތުގައި މިދިއަ ޑިސެމްބަރު މަހުގައި މީރާއަށް އެއްމެ ގިނަ އާމްދަނީއެއް ލިބިފައިވަނީ، މުޅި އަހަރުދުވަހުގެ ތެރޭ އެއްމެ ގިނަ އާމްދަނީ ލިބުނު ޓޫރިޒަމް ލީޒް ރެންޓް ނުވަތަ ރިސޯޓުތައް ހިންގަން ދޫކޮށްފައިވާ ރަށްތަކުގެ ކުލިންނެވެ. ޓޫރިޒަމް ލީޒް ރެންޓުގެ ގޮތުގައި މީރާއަށް ފާއިތުވި އަހަރު 1.2 ބިލިއަން ރުފިޔާ ލިބުނު އިރު ޑިސެމްބަރު މަހު އެކަނި ވެސް ޓޫރިޒަމް ލީޒް ރެންޓުގެ ގޮތުގައި 221 މިލިއަން ރުފިޔާ ލިބުނެވެ. އެއީ 2010 ވަނަ އަހަރު ޓޫރިޒަމް ލީޒް ރެންޓުގެ ގޮތުގައި މީރާއަށް ލިބުނު އާމްދަނީ އަށްވުރެ ނުވަ ޕަސެންޓް އިތުރުވުމެކެވެ.

ފާއިތުވި އަހަރު ޓޫރިޒަމް ޓެކްސްގެ ގޮތުގައި މީރާއަށް 752 މިލިއަން ރުފިޔާ ލިބިފައިވާއިރު ޓޫރިޒަމް ގުޑްސް އެންޑް ސާވިސަސް ޓެކްސް (ޓީޖީއެސްޓީ)ގެ ގޮތުގައި މީރާއަށް 666 މިލިއަން ރުފިޔާ ލިބުނެވެ. އަދި އެއާޕޯޓް ސާވިސް ޗާޖްގެ ގޮތުގައި މިދިއަ އަހަރުގެ ތެރޭގައި މީރާއަށް ވަނީ 337 މިލިއަން ރުފިޔާ ލިބިފައެވެ. އެއީ 2010 ވަނަ އަހަރު އެއާޕޯޓް ސާވިސް ޗާޖުގެ ގޮތުގައި ލިބުނު އާމްދަނީ އަށްވުރެ 849 ޕަސެންޓް އިތުރު އަދަދެކެވެ.

އޭގެ އިތުރުން ސެޕްޓެމްބަރު 2011 ގައި މީރާއިން އަލަށް ތައާރަފްކުރި ވިޔަފާރިއާއި ހިދުމަތްތަކުން ނަގާ ޓެކްސް (ޖީއެސްޓީ)ގެ ގޮތުގައި ފާއިތުވި ޑިސެމްބަރު މަހާ ހަމަޔަށް 256 މިލިއަން ރުފިޔާ ލިބިފައިވެއެވެ. އޭގެ ތެރޭގައި ޖީއެސްޓީގެ ގޮތުގައި ޓޫރިޒަމް އިންޑަސްޓްރީން ލިބުނު 169 މިލިއަން ރުފިޔާ ހިމެނެއެވެ.

ޓޫރިޒަމްގެ ދާއިރާއިން ފާއިތުވި އަހަރު މީރާއަށް ބޮޑު އާމްދަނީއެއް ލިބުނު ނަމަވެސް މަސްވެރިކަމުގެ އިންޑަސްޓްރީން މީރާއަށް ލިބުނު އާމްދަނީ ވަނީ ވަރަށް ބޮޑުތަން ދަށްވެފަ އެވެ. ކަންނެލި އެކްސްޕޯޓު ކޮށްގެން 2010 ވަނަ އަހަރު މީރާއަށް 10 މިލިއަން ރުފިޔާ ލިބުނު ނަމަވެސް އެ އަދަދު 89 ޕަސެންޓަށް ދަށްވެ ފާއިތުވި އަހަރު މީރާއަށް ލިބުނީ އެއް މިލިއަން ރުފިޔާއެވެ. މީގެ އިތުރުން ފާއިތުވި އަހަރު ދަނޑުވެރިކަން ކުރުމަށް ދިގު މުއްދަތަކަށް ކުއްޔަށް ދޫކޮށްފައިވާ ރަށްތަކުން މީރާއަށް ލިބުނު އާމްދަނީ ވެސް ވަނީ 14 ޕަސެންޓް ދަށްވެފަ އެވެ.