30 Jun 2010, 10:51
14:30
ފުލުހުންގެ ހައްޔަރުގައިވާ ރައްޔިތުންގެ މަޖިލީހުގެ ދެ މެމްބަރުން ދޫކޮށްނުލަނީސް ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް ކުރިއަށް ގެންދިޔަ ނުދެއްވާނެ ކަމަށް ޑީއާރްޕީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ ވެސް މެންބަރ އަހްމަދް ތަސްމީން އަލީ ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މާމިގިލި ދާއިރާގެ މެމްބަރު އަދި ޖުމްޖޫރީ ޕާޓީގެ ލީޑަރ ޤާސިމް އިބްރާހިމާއި މުލަކު ދާއިރާގެ މެމްބަރު އަދި ޕީއޭގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ފުލުހުންގެ ހައްޔަރުގައިވާ މައްސަލާއާ ގުޅޭ ގޮތުން މައުލޫމާތު ދެއްވަމުން ޑީއާރްޕީގެ ޕާލިމަންޓްރީ ގްރޫޕްގެވެސް ރައީސް، އަހަމަދް ތަސްމީން މިއަދު ވިދާޅުވީ، ކުށެއްގެ ތުހުމަތުގައި ހައްޔަރުކޮށްފައިވީ ނަމަވެސް، މަޖިލީހުގެ ޖަލްސާގައި ބައިވެރިވުމުގެ ހައްގު އެބޭފުޅުންނަށް މަޖިލީހުގެ ޤާނޫނުގެ ދަށުން ލިބިވަޑައިގެންފައިވާ ކަމަށެވެ.
އެހެންކަމުން މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ސިޓީއަކުން ފުލުސް އޮފީހަށް އެވާހަކަ ރޭ އެންގެވި ކަމަށާއި، ނަމަވެސް، މިއަދު ހެނދުނު އޮތް މަޖިލީހުގެ ޖަލްސާގައި އެ ދެ މެމްބަރުންނަށްވެސް ބައިވެރިވެވަޑައިގެންނެވޭ ގޮތް ފުލުހުން ހަމަޖައްސާފައި ނުވާކަމީ ޤާނޫނާ ޚިލާފް ކަމެއް ކަމަށެވެ.
އެ މެމްބަރުންގެ ޤާނޫނީ ހައްޤު އެހެން އޮއްވާ، ޑީއާރްޕީން މަޖިލީހުގެ ޖަލްސާތައް ކުރިއަށް ގެންދިއުމަށް އެއްވެސް ޖާގައެއް ނުދެއްވާނެ ކަމަށް ތަސްމީން ވިދާޅުވި އެވެ. އެގޮތަށް ނިންމަވަން ޖެހިވަޑައިގެންނެވި ސަބަބު ފާހަގަކުރައްވަމުން ތަސްމީން ވިދާޅުވީ، މިއަދު ހައްޔަރުކޮށްފައިވަނީ މަޖިލީހުގެ ދެ މެމްބަރުން ކަމަށާއި މާދަމާ އެހެން މެމްބަރުން ހައްޔަރު ނުކުރާނެ ކަމެއްވެސް އެނގިވަޑައިނުގަންނަވާ ކަމަށެވެ.
ތަސްމީން އިތުރަށް ވިދާޅުވީ، ގައުމުގެ ސަލާމަތީ ކަންތައްތައް ހުރި ގޮތުން މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ނުބޭއްވުމަށް އިލްތިމާސްކުރައްވާ ޗީފް އޮފް ޑިފެންސް ފޯސް މޫސާ އަލީ ޖަލީލް މަޖިލީހުގެ ރައީސަށް ސިޓީފުޅެއް ފޮނުއްވި ކަމަށެވެ. ނަމަވެސް، އެއީ ޑީއާރްޕީން ގަބޫލު ކުރާ ކަމެއް ނޫން ކަން ފާހަގަކުރައްވަމުން ތަސްމީން ވިދާޅުވީ، ދިފާއީ ބާރުތަކުން ދާޚިލީ ކަންކަމުގައި ބަސްބުނާ ހިސާބަށް އަދި މި ގައުމުގެ ހާލަތު ގޮސްފައިވާ ނުވާ ކަމަށެވެ.