12 Jul 2020, 16:32
މިއަހަރުގެ ގައުމީ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު ގައުމީ އިނާމާ ބެހޭ ކޮމިޓީން ހުޅުވާލައިފި އެވެ.
މިއަދު އެ ކޮމިޓީން ވަނީ، އެ ފުރުސަތު ހުޅުވާލައި، ގައުމީ އިނާމާބެހޭ ލިޔުން، ސަރުކާރުގެ ގެޒެޓުގައި ޝާއިއު ކޮށްފަ އެވެ.
ރައީސް އޮފީހުން ބުނީ، މި މަހު ހަތް ވަނަ ދުވަހު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި މި އަހަރު ގައުމީ އިނާމާއި، މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ އިނާމު ދެއްވުމާ ގުޅޭ ގޮތުން މަޝްވަރާކޮށް، މިއަހަރުގެ ގައުމީ އިނާމު ދިނުމަށް ނިންމާފައިވާ ކަމަށެވެ.
ރަައީސް އޮފީހުން ބުނި ގޮތުގައި ކުރީ އަހަރުތަކެކޭ އެއްގޮތަށް، މި އަހަރުވެސް ގައުމީ އިނާމަށް އެދޭ އަމިއްލަ ފަރާތްތަކުންނާއި، ގައުމީ އިނާމަށް އެހެން ފަރާތެއްގެ ނަން ހުށަހަޅުއްވަން ބޭނުންވާ ފަރާތްތަކުންނާއި، ކުންފުނި، ޖަމިއްޔާ ޖަމާއަތް ފަދަ ތަންތަނުން ސަރުކާރުގެ އިދާރާއެއް މެދުވެރިނުކޮށް، ނަން ހުށަހެޅޭ ގޮތަށް ހަމަޖައްސައިވެ އެވެ.
އޭގެ އިތުރުން، ސަރުކާރުގެ އިދާރާތަކުންނާއި، މިނިވަން މުއައްސަސާތަކުން ވެސް ގައުމީ އިނާމަށް ނަން ހުށަހެޅުއްވޭ ގޮތަށް ހަމަޖައްސާފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ގައުމީ އިނާމު މިއަހަރު ވެސް ދެން ނިންމާފައި ވަނީ، މައިގަނޑު 33 ދާއިރާއަކުންނެވެ.
މި ދާއިރާތަކާއި، މި ދާއިރާތަކުގެ ރޮނގުތަކާ ގުޅޭ ގޮތުން މިނިސްޓްރީތަކާއި އެހެނިހެން މުއައްސަސާތަކުގެ ހިޔާލު ހޯއްދަވައި ގެންނަވަން ޖެހޭ ބަދަލުތައް ޤައުމީ އިނާމާބެހޭ ކޮމިޓީން ގެނެސްފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ގައުމީ އިނާމަށް ނަން ހުށަހަޅާ ފޯމު ފޮނުވުމުގެ އެންމެފަހު މުއްދަތަކީ، އަންނަ އޮގަސްޓު މަހުގެ 13 ވަނަ ދުވަހު މެންދުރުފަހު 2:00 އެވެ. ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ، އޮގަސްޓު މަހު ހަތަރަކުން 13 އަށް ހެނދުނު 8:00 އިން މެންދުރުފަހު 2:00 އާ ދެމެދު ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ފޯމު ފޮނުއްވަންޖެހެނީ، ޤައުމީ އިނާމާބެހޭ ކޮމިޓީއަށް އެޑްރެސް ކުރައްވައި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށެވެ. އެ ފޯމު ރައީސް އޮފީހުންނާއި އެއޮފީހުގެ ވެބްސައިޓުންވެސް ޑައުންލޯޑް ކުރެއްވޭނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ. ވެބްސައިޓް އެޑްރެހަކީ www.presidencymaldives.gov.mv އެވެ.