ޖިންސީ ގޯނާއާ ދެކޮޅަށް "ޖާގައެއް ނެތް" ނަމުގައި ވެލާނާގެ ކައިރީ މުޒާހަރާކޮށްފި އެވެ.

މުޒާހަރާގެ ބައިވެރިން ވަނީ އަންހެނުންގެ ރައްކާތެރިކަން ކަށަވަރުުކޮށްދީ، ކުށްވެރިން އިންސާފުގެ ކުރިމައްޗަށް ގެނެސް، ވެރިން ޒިންމާދާރުވުމަށް ގޮވާލާފައެވެ.

މުޒާހަރާގެ ބައިވެރިން ވެލަނާގެ ކުރިމަތީގައި މުޒާހަރާ ކުރުމަށް ފުލުހުން ފުރުސަތު ދީފައެއް ނުވެއެވެ. އޭގެ ބަދަލުގައި ފުލުހުން ވަނީ ހޮޓެލް ޖެން ކައިރިއަށް ފަހަތައް ޖައްސާލާފައެވެ. ނަމަވެސް ފަހުން ފުލުހުން ކޮންމެވެސް ވަރަކަށް ދޫ ދިނުމުން މުޒާހަރާގެ ބައިވެރިން ވަނީ ވެލާނޭގޭ ކައިރީ ހުންނަ ސޮލެރައިލް އިންސުއަރެންސް ކައިރިއަށް ޖެހިލާ އަޑު އުފުލާފައެވެ.

ގަޑިއެއެއް ހާއިރަށް ދިގު ދެމިގެން ދިޔަ މި މުޒާހާރައިގައި ބައިވެރިން ގޮވާލާފައިވަނީ، ޖިންސީ ގޯނާގެ ތުހުމަތު ކުރެވީ މީހުން ހައްޔަރު ކުރުމަށެވެ. އެފަދަ ފަާރަތްތައް މުޖްތަމައުއަށް ދޫވެފައި ހުރުމަކީ، އަނެއްކާވެސް އިތުރު ބަޔަކަށް އަނިޔާ ލިބުމަށް މަގުފަހުވެގެންދާނެ ކަމެއްގެ ގޮތުގައި މުޒާހަރާގެ ބައިވެރިން ފާހަގަ ކުރިއެވެ.

މިއަދުގެ މުޒާހަރާގައި ބައެއް ގާނޫނީ ވަކީލުންވެސް ވަނީ ބައިވެރިވެފައެވެ. މުޒާހަރާގައި ވާހަކަ ދައްކަމުން ބައެއް ވަކީލުން ވިދާޅުވި ގޮތުގައި، މިފަދަ ކުށްތައް ހުއްޓުވުމަށް އެތައް ގާނޫނުތަކެއް ހެދިފައިވާ ކަމަށާއި ނަމަވެސް އެ ގާނޫނުތައް ތަންފީޒު ނުވާކަމަށެވެ. އަދި މިކަމުގައި އިދާރާތައް އިހުމާލުވެފައިވާ ކަމަށް އެ ވަކީލުން ވަނީ ވިދާޅުވެފައެވެ.

ދާދި ފަހުން، މުވައްޒަފުންނަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި ޓޫރިޒަމް މިނިސްޓަރުގެ މަގާމުގައި ހުންނެވި އަލީ ވަހީދު ވަނީ މަގާމުން ވަކިކޮށްފައެވެ. ފުލުހުން އެ މައްސަލަ ބަލުން ދިޔަ ނަމަވެސް އަދި މިހާތަނަށް އޭނާ ހައްޔަރުކޮށްފައި ނުވާތީ، އެކަމުގެ ކަންބޮޑުވުންވެސް މުޒާހަރާގެ ބައިވެރިން ވަނީ ފާޅުކޮށްފައެވެ.

ފަހަކަށް އައިސް ޖިންސީ ގޯނާގެ މައްސަލަތައް ވަނީ އިތުރުވެފައެވެ. އަދި ކުރިން އަނިޔާ ލިބިފައި ތިބި ފަރާތްތައް ފާޅުގައި އެ ވާހަކަތައް ހާމަ ކުރަން ވަނީ ފަށާފައެވެ.