މެންޗެސްޓާ ސިޓީގެ އާޖެންޓީނާ ފޯވާޑް ކާލޮސް ޓެވޭޒަށް އޭސީ މިލާނުން ހުށަހެޅި ހުށަހެޅުމަށް އެ ކުލަބުގެ ސްވިޑަން ފޯވާޑް ޒްލަޓަން އިބްރަހިމޮވިޗް މަރުހަބާ ކިޔައިފި އެވެ.

މިލާނުން ހުށަހެޅުމަށް މެންސިޓީ އިން އެއްބަސް ނުވުމުން ޓެވޭޒް ގެނައުމަށް މިލާނަށް ވަނީ ދަތިތަކަކާއި ކުރިމަތިލާން ޖެހިފައެވެ. މެންސިޓީ އިން އެއްބަސްނުވީ މިލާނުން ލޯނުގެ ދަށުން ޓެވޭޒް އެ ކުލަބަށް ގެންދިއުމަށް ބޭނުންވާތީ އެވެ. މެންސިޓީ އިން ބުނަމުންދަނީ މެންސިޓީގެ ކުޅުންތެރިން ދެން ދޫކުރާނީ ދާއިމީ ގޮތުގައި ކަމަށެވެ.

"އަހަރެންނަށް ޓެވޭޒް އަކީ ވަރަށް މޮޅު ކުޅުންތެރިއެއް. އަހަރެންނަކަށް ނޭނގޭ މިލާނާއި މެންސިޓީ އާއި ދެމެދު މިހާރު ހިނގާ ކަންތައްތަކެއް. މިލާނާ ޓެވޭޒް ގުޅިއްޖެ ނަމަ، އޭނާ ބުރަ މަސައްކަތެއް ކުރާނެ. އޭނާ އަކީ އަހަރެމެންނަށް އިތުރު ހަތިޔާރަކަށް ވާނެ. އެންމެންނަށް ވެސް އެނގޭނެ ޓެވޭޒް އަކީ ކޮންކަހަލަ ކުޅުންތެރިއެއް ކަން." އިބްރަހިމޮވިޗް ބުންޏެވެ.

މެންސިޓީ އާއެކު ގިނަ މައްސަލަތަކެއް ޖެހިފައިވާ ޓެވޭޒް ވެސް އެކުލަބު ދޫކޮށް ދާން ބޭނުންވާ ކަމަށާއި އެނބުރި އިނގިރޭސި ވިލާތަށް ނުދާނެ ކަމުގައި އަންނަނީ ބުނަމުންނެވެ. މިލާނުގެ އިޓަލީ ފޯވާޑް އެންޓޯނިއޯ ކަސާނޯގެ ހިތުގެ ސާޖަރީ އަށް ފަހު އަރާމުކުރަން ޖެހުމުން އެކުލަބަށް ވަނީ ފޯވާޑެއްގެ ބޭނުންތެރިކަން ވަރަށް ބޮޑަށް ޖެހިފަ އެވެ.