ވޮޝިންޓަން (ޖުލައި 12) : ކޮވިޑް-19 ކޮންޓްރޯލް ކުރަން އަޅަންޖެހޭ ސިއްޙީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ތަކުރާރުކޮށް ދެކޮޅު ހެއްދެވުމަށްފަހު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މާސްކް އެޅުއްވުމުން ޓްރަމްޕްގެ އިންތިޚާބީ ވާދަވެރިޔާ ޖޯ ބައިޑެން ޓްރަމްޕަށް ފާޑުވިދާޅުވެއްޖެއެވެ.

ޓްރަމްޕަށް ޖޯކު ޖައްސަވަމުން ބައިޑެންގެ ފަރާތުން ވާހަކަ ދެއްކެވި އޭނާގެ ތަރްޖަމާން އެންޑްރީ ޕީޓްސް ވިދާޅުވީ ކޮވިޑް-19 ކޮންޓްރޯލް ކުރަން އަޅަންޖެހޭ ސިއްޙީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ފާއިތުވި 4 މަސްތެރޭގައި ދެކޮޅު ހައްދަވައި ސިއްހީ މާހިރުންގެ ނަސީހަތްތައް ބޮލާލާ ޖެހުމަށްފަހު އެންމެފަހުން މާސްކް އަޅުއްވަން ޓްރަމްޕް ނިންމެވީ ކޮންމަގްސަދެއްގައިކަން ނޭންގޭ ކަމުގައެވެ.

ޓްރަމްޕަކީ ކޮވިޑް ރޯގާވެސް ސިޔާސީ ކުރައްވައި އެމެރިކާގެ އާންމު ރައްޔިތުންގެ މެދުގައި ބައިބައިވުން އުފައްދައި ގައުމު ގަޑުބަޑު ކުރަން މަސައްކަތްކުރައްވައި ކޮވިޑް ކޮންޓްރޯލް ކުރުމާ ދެކޮޅަށް މަސައްކަތް ކުރައްވާ ބޭފުޅެއްކަމަށްވެސް ޖޯ ބައިޑެންގެ ތަރްޖަމާނު ވިދާޅުވިއެވެ.

ޓްރަމްޕް އިއްޔެވަނީ އެމެރިކާގެ އަސްކަރީ ހޮސްޕިޓަލެއް ކަމަށްވާ ވޯލްޓާ ރީޑް ހޮސްޕިޓަލަށް މާސްކް އަޅުއްވައިގެން ވަޑައިގެން އެތަނުން ފަރުވާހޯދާ އެމެރިކާ ސިފައިންނާއި ބައްދަލުކުރައްވައި އެމީހުންގެ ހާލު ބައްލަވާލައްވާފައެވެ. އެމެރިކާގައި ކޮވިޑް ކޮންޓްރޯލް ކުރުމަށްޓަކައި މޫނުގައި މާސްކް އެޅުމަށް އެމެރިކާ ސެންޓަ ފޯ ޑިޒީޒް ކޮންޑްރޯލް އިން މިދިޔަ އެޕްރީލް މަހު ލަފާދިނުމުން ޓްރަމްޕް ވަނީ އެގޮތަށް އަމަލު ނުކުރައްވާނެ ކަމަށް ވިދާޅުވެ އެމެރިކާގެ ސިއްހީ މާހިރުންނަށާއި ސިއްހަތާބެހޭ އިދާރާތަކަށް ގޮންޖައްސަވާފައެވެ.

ނަމަވެސް އިއްޔެ މާސްކް އެޅުއްވުމަށްފަހު ޓްރަމްޕްވަނީ އޭނާއަކީ މާސްކްއާ ދެކޮޅު ބޭފުޅެއް ނޫންކަމާއި އިލްމީ ހަގީގަތްތަކާ ދެކޮޅު ހައްދަވާ ބޭފުޅެއްވެސް ނޫންކަމަށާ ކުރިން މާސްކް ނޭޅީ މާސްކް އަޅަންޖެހޭ ވަގުތު އައުމުން މާސްކް އެޅުއްވުމުގެ ބޭނުމުގައި ކަމަށް ވިދާޅުވެފައެވެ.

ޓްރަމްޕްގެ މިފަދަ އަމަލުތަކުގެ ސަބަބުން މުޅި ދުނިޔޭގެ ކުރިމަތީގައާއި އެމެރިކާގެ އާންމުންގެ މެދުގައިވެސް ޓްރަމްޕް ބޮޑު ޖޯކަކަށްވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. ކޮވިޑް-19 މުޅި އެމެރިކާގައި ކޮންޓްރޯލް ނުވާމިންވަރަށް ފެތުރި 3 މިލިޔަނަށްވުރެ ގިނަ އެމެރިކާ މީހުން އެ ރޯގާގެ ޝިކާރައަކަށްވެފައިވާއިރު އެ ރޯގާގައި އެމެރިކާގެ 134 ހާސް މީހުން މަރުވެފައިވެއެވެ. ނަމަވެސް ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް ޓްރަމްޕްގެ ސަރުކާރުން ސީރިޔަސް މަސައްކަތްތަކެއް ނުކުރެއެވެ.

ކޮވިޑް-19 ކޮންޓްރޯލް ކުރަން މަސައްކަތްކުރަނީ އެމެރިކާގެ ސްޓޭޓްތަކުގެ ލޯކަލް ސަރުކާރުތަކުންނެވެ. އެހެންކަމުން އެމެރިކާގެ ރައީސް ގެ ހައިޘިއްޔަތުން ގައުމުގެ ރައްޔިތުންގެ މަސްލަހަތު ހިމާޔަތް ކުރުމުގައި ނުކުޅެދިފައިވާ ކަމުގެ ތުހުމަތު އެމެރިކާގެ އިދިކޮޅު ފަރާތްތަކުން ވަނީ ޓްރަމްޕްގެ މައްޗަށް ކޮށްފައެވެ.

(ނޫސްއެޖެންސީތައް)