ދުނިޔޭގެ އެންމެ މޮޅު ލީގަކީ ސްޕެނިޝް ލަލީގާކަމަށް ރެއާލް މެޑްރިޑަށް ކުޅެމުންދާ ޕޯޗުގަލް ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ބުނެފި އެވެ.

ރޮނާލްޑޯ އަކީ ހަ އަހަރު ދުވަހު އިނގިރޭސި ޕްރެމިއާ ލީގަށް ކުޅެފައިވާ ކުޅުންތެރިއެކެވެ. ރޮނާލްޑޯ ދުނިޔާގައި މަޝްހޫރު ކަން ހޯދީ ޕްރެމިއާ ލީގުގެ މެންޗެސްޓާ ޔުނައިޓެޑް އަށް ކުޅެމުންނެވެ. ސްޕެނިޝް ލިލީގާ އަކީ ހުރިހާ ގޮތަކުން ވެސް އެންމެ މޮޅު ލީގުކަމަށް ރޮނާލްޑޯ ބުނެފައި ވެއެވެ.

"ސްޕެނިޝް ލަލީގާ އަކީ އެންމެ މޮޅު ލީގުކަމާއި މެޗު އެއްވެސް ޝައްކެއް ނެތް. އެކުޅުންތެރިއެއްގެ ކުޅުން އެންމެ ރަނގަޅަށް ފެނިގެންދާނީ ވެސް މިލީގުން. ޕްރެމިއާ ލީގާއި ލަލީގާގެ ކުޅުމަކީ މުޅިން ތަފާތު ކުޅުމެއް. ސްޕެނިޝް ލީގުގައި ކުޅޭ ކުޅުންތެރިއަކާއި އެހެން ލީގެއްގެ ކުޅުންތެރިއެއްގެ ފަރާތުން ފެނިގެންދާނީ ވެސް މުޅިން ތަފާތު ކުޅުމެއް." ރޮނާލްޑޯ ބުންޏެވެ.

ރޮނާލްޑޯ އަކީ މިދިޔަ ސީޒަނުގެ ލަލީގާގެ އެންމެ ގިނަ ގޯލު ކާމިޔާބުކުރި ކުޅުންތެރިޔާ އެވެ. ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ އަށް ވާދަކުރާ ރޮނާލްޑޯ އަކީ ރެއާލް މެޑްރިޑްގެ ތަޅުދަނޑި ކަމަށް ގިނަ ރިޕޯޓްތަކެއް ބުނަމުން ދެއެވެ. ރޮނާލްޑޯ އާއި އެންމެ ވާދަވެރި ކުޅުމެއް ދައްކަމުން ދަނީ މިހާރުގެ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ ބާސެލޯނާގެ ލިއޮނަލް މެސީ އެވެ.