12 Jul 2020, 13:51
ނ. ކުޑަފަރިން މަނަދޫއަށް ގެނެސް އެރަށުން މާލެއަށް ގެނައި އުމުރުން ދުވަސްވީ މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވުމާ ގުޅިގެން ކުޑަފަރީ ފުރަބަންދުކޮށްފި އެވެ.
ޑިރެކްޓާރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއިކުރައްވައި ނ. ކުޑަފަރީ ކައުންސިލަށް ފޮނުވި އިއުލާނުގައި އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނު ދަށުން ސިއްހީގޮތުން ބަލަންޖެހޭ އިތުރު ކަންކަން ބެލުމަށްޓަކައި ވަކި ގޮތެއް އަންގަންދެން ކުޑަފަރީން މީހުން އަރައި ފޭބުން މަނާ ކޮށް ރަށް މޮނިޓަރިންގްއަށް ލާފައިވާކަމަށް ވަނީ އަންގައިފަ އެވެ.
ކުޑަފަރީއިން ޕޮޒިޓިވްވެފައިވަނީ އުމުރުން ދުވަސްވީ މީހެއްކަމަށް އެ ރަށު ކައުންސިލުން ހާމަކޮށްފައިވާއިރު އެމީހާ ޕޮޒިޓިވްކަން އެނގުނީ ފައިގެ ރެނދެއް އެޅުމުގެ ސަބަބުން މަނަދޫ ހޮސްޕިޓަލަށް ފަރުވާދިނުމަށް ގެންދިޔުމަށްފަހު މާލެއަށް ގެނައުމާއިއެކުގައެވެ. އޭނާ ޕޮޒިޓިވްކަން އެނގިފައިވާ ރޭގެ ދަންވަރުގެ ވަގުތެއްގަ އެވެ.
ނ. އަތޮޅު ހޮސްޕިޓަލުގެ މެނޭޖަރު އިސްމާއިލް ޝަފީގު ވަނީ ކުޑަފަރީން ކޮވިޑަށް ޕޮޒިޓިވްވި މީހާއާއި ދެ މީހަކު ބައްދަލުވިކަމަށް ކޮންޓެކްޓް ޓްރޭސިންގް ތެރެއިން ޔަގީންވެފައިވާކަމަށް ވިދާޅުވެފަ އެވެ.
އަދި މަނަދޫއިން 13 މީހެއްގެ އިތުރުން ސީ އެމްބިއުލާންސްގެ ކުރޫއިން ހިމަނައިގެން ޖުމްލަ 16 މީހަކު ގޭގައި އެކަހެރިވުމަށް އަންގާފައިވާކަމަށް ޝަފީގު ވަނީ ވިދާޅުވެފ ައެވެ.
އެހެންނަމަވެސް އަދިވެސް މަނަދޫއިން ކޮންޓެކްޓް ވި ފަރާތްތަކަށް ވަކި ގޮތަކަށް އަމަލުކުރަން އެޗްޕީއޭއިން އަންގާފައި ނުވާކަމަށް ޝަފީގު ވިދާޅުވި އެވެ.