ލ. ކައްދޫއިން އެ އަތޮޅު މާމެންދޫއަށް ދަތުރު ކުރި ޑިންގީއެއް ބަންޑުން ޖަހާލައި ގެއްލުނު އައިމިނަތު ޝިމާ ނާފިޒު ދަތުރުކުރި ކަމަށް ބެލެވޭ ޑިންގީއެއް ކަނޑު އަޑިން ފެނިގެން ފުލުހުން ހަރަކާތްތެރިވާން ފަށައިފި އެވެ.

ފުލުހުން ބުނީ، ލ. އަތޮޅުގެ ސަރަހައްދަކުން ކަނޑު އަޑިން ޑިންގީއެއް ފެނުނު ކަމަށް ލިބުނު ރިޕޯޓަކާއި ގުޅިގެން ފުލުހުން ސާޗު އޮޕަރޭޝަނެއް ކުރިއަށް ގެންދާ ކަމަށެވެ.

އެނގިފައިވާ ގޮތުގައި އެ ޑިންގީ ފެނިފައިވަނީ ލ. ފޮނަދޫ ކައިރިއަށް ފީނަން ދިޔަ ބަޔެކަށެވެ. އަދި އެ މީހުން ޝިމާ ދަތުރުކުރި ކަމަށް ބެލެވޭ ޒާތުގެ އެ ޑިންގީ ކަނޑުގެ އަޑިން ފެނެމުން ވަނީ ފުލުހުންނަށް ރިޕޯޓް ކޮށްފަ އެވެ.

ވީނުވީއެއް ނޭނގި ޝިމާ ގެއްލުނީ މިދިޔަ އަހަރުގެ ފެބުރުއަރީ މަހުގެ ތެރޭގަ އެވެ. ޝިމާ ގެއްލުނު ފަހުން މިހާރު އަހަރެއް ވެފައިވާއިރު، އަދިވެސް އެ މައްސަލައިގައި އެއްވެސް ކުރިއެރުމެއް ލިބިފައެއް ނުވެ އެވެ.

ޝިމާ ގެއްލުނު މައްސަލައިގައި އެންމެ ބޮޑަށް ތުހުމަތުތައް އަމާޒުވެފައިވަނީ، އޭނާއާ އެކު ދަތުރު ކުރި އިބްރާހިމް ފަޒީލްގެ މައްޗަށެވެ.

އެ ހާދިސާއާ ގުޅިގެން ފަޒީލް ބުނެފައި ވަނީ، ޑިންގީ ބަންޑުން ޖަހާލުމުން ޝިމާ ކަނޑުމައްޗަށް ދޫކޮށްލާފައި ދިޔައީ ފެންމަތީގައި އޮންނާނެ ހަމެއް ދީފައި ކަމަށެވެ. އަދި ޝިމާ ދޫކޮށް ގޮސްފައި ވަނީ އެހީތެރިކަން ހޯދުމަށް ކަމަށް ވެސް އޭނާ ބުންޏެވެ.

ޝިމާގެ އާއިލާއިން ފަޒީލްގެ ވާހަކަތައް ގަބޫލުނުކުރާ އިރު، ފަޒީލް ޝިމާ ގޮވައިގެން އެހެން ރަށަކަށް ދިޔަ ކަމަށް ބައެއް ފަރާތްތަކުން ތުހުމަތުވެސް ކުރެ އެވެ. އަދި އެކަމާ ގުޅިގެން ލ. މާމެންދޫ ކައިރީގައި އޮންނަ، ފަޅުކޮށްފައިވާ ގާދޫ ވެސް ފުލުހުން ވަނީ ބަލާފަ އެވެ.

ފުލުހުން ބުނީ ޝިމާ އެހެން ތަނަކަށް ގެންދިޔަ ކަމަށް ގަބޫލު ނުކުރެވޭ ކަމަށެވެ. ޝިމާއާއި އެ މީހުން ދަތުރުކުރި ޑިންގީގެ ނިޝާނެއް ވެސް ނުފެންނަ އިރު، ފުލުހުން ބުނެފައި ވަނީ ފަޒީލް ދައްކާ ބައެއް ވާހަކަ ދިމާ ނުވާ ކަމަށެވެ.

އެހެން ނަމަވެސް ޝިމާ ގެއްލުވާލީ ފަޒީލް ގަސްތުގައިކަން ކަށަވަރު ކުރެވޭ ވަރަށް ހެކި ލިބިފައި ނެތް ކަމަށް މީގެ ކުރިން ފުލުހުން ވަނީ ބުނެފަ އެވެ.

ފަޒީލަކީ ޖިނާއީ މައްސަލަތަކުގައި ބޮޑެތި ތުހުމަތުތަކެއް ކުރެވޭ މީހެކެވެ. ޝިމާ ގެއްލުނު މައްސަލައިގައި އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ އިރު އޭނާ ވަނީ އެ ތުހުމަތުތައް މީގެ ކުރިން ދޮގުކޮށްފަ އެވެ. އެފަހުން ޝިމާގެ ކޮއްކޮ ރަހީނުކޮށްގެން ގެންދަނިކޮށްވެސް އޭނާ ވަނީ ހައްޔަރުކޮށްފަ އެވެ. އެ މައްސަލައިގައި އޭނާގެ މައްޗަށް ވަނީ ދައުވާވެސް އުފުލައިފަ އެވެ.