ޗެލްސީގެ ކޯޗުކަމުން އަންދުރޭ ވިޔަސް ބޮއަސް ދުރުކޮށްފިނަމަ، ދުވަހަކު ވެސް ޓީމު ކުރިއަރައިގެން ނުދާނެ ކަމަށާއި، ކޯޗުކަމުން ވިޔަސް ބޮއަސް ދުރު ނުކުރުމަށް އެ ކުލަބުގެ ވެރިޔާ ރޯމަން އަބްރަހިމޮވިޗް އަށް އެޓީމުގެ ބްރެޒިލް މިޑްފީލްޑަރު ރަމިރޭސް ގޮވާލައިފި އެވެ.

މިސީޒަން ފެށުނުއިރު، ޗެލްސީގެ ކޯޗުކަމަށް ގެނައި ވިޔަސް ބޮއަސް އަށް ގިނަ ފާޑުކިއުންތަކަކާއި ކުރިމަތިލާން ޖެހިފައި ވެއެވެ. މިދިޔަ ހަފުތާގައި އެސްޓަން ވިލާ އާއި ދެކޮޅަށް ކުޅުނު މެޗުން 3-1 ލަނޑުން ޗެލްސީ ބަލިވުމުން ވިޔަސް ބޮއަސް އަށް ގިނަ ފާޑުކިއުންތަކަކާއި ކުރިމަތިލާން ޖެހުނެވެ. ނަމަވެސް މިދިޔަ ހޯމަ ދުވަހު ވޮލްވްސް އާއި ދެކޮޅަށް ކުޅުނު މެޗުން 2-1 ލަނޑުން މޮޅުވުމުން ވިޔަސް ބޮއަސް އަށް ނޭވާލާނެ ފުރުސަތެއް ވަނީ ލިބިފަ އެވެ.

"ވިޔަސް ބޮއަސް އަކީ މޮޅު ކޯޗެއް. އޭނާ ޓީމުގައި ބަހައްޓަން ޖެހޭނެ. އެހެންނޫން ނަމަ، ޗެލްސީ އަށް ދުވަހަކު ވެސް ކާމިޔާބެއް ނުލިބޭނެ. ދަނޑަށް ނުކުމެ ހުރިހާ ކަމެއް އޮތީ ކުޅުންތެރިންގެ އަތްމަތީ. ބޯޅަ ހޯދުމާއި ގޯލު ކާމިޔާބު ކުރުމަކީ ކޯޗުގެ ކަމެއް ނޫން. ފުޓުބޯޅާ ގައި ބައެއް ފަހަރު ނާކާމިޔާބީ ލިބޭނެ." ރަމިރޭސް ބުންޏެވެ.

މިދިޔަ ހޯމަ ދުވަހު ވޮލްވްސް އާއި ދެކޮޅަށް ކުޅުނު މެޗުގައި ޗެލްސީ އަށް ފުރަތަމަ ފަހަރަށް ލީޑު ހޯދައިދިނީ ރަމިރޭސް އެވެ. ވޮލްވްސް އިން ނަތީޖާ ހަމަހަމަ ކުރި ނަމަވެސް، ފްރޭންކް ލަމްޕާޑު އަލުން ލީޑު ނަގައިދީ ކޯޗު ވިޔަސް ބޮއަސް އަށާއި ކުޅުންތެރިން އަދި ސަޕޯޓަރުންނަށް އާހިތްވަރެއް ހޯދައިދީފައި ވެއެވެ.