އޯކިޑް މަގުގައި ހުންނަ ދަމާސް ކުންފުނީގެ އޮފީހުގައި ހުރި ދެ ތިޖޫރީއާއެކު ނުވަ ލައްކަ އަށް ވުރެ ގިނަ ރުފިޔާ ވަގަށް ގެންދިޔަ މައްސަލައިގައި ދަމާސް ކުންފުނީގެ މުވައްޒަފަކު ހައްޔަރު ކޮށްފި އެވެ.

ފުލުހުން ބުނީ އެ މައްސަލަ އާއި ގުޅިގެން ދަމާސް ކުންފުނީގެ މުވައްޒަފަކު އައްޑޫގައި އުޅެނިކޮށް މިދިޔަ ހަފުތާގެ ތެރޭގައި ހައްޔަރުކޮށް އިއްޔެ މާލެ ގެނެސްފައިވާ ކަމަށެވެ. ދަމާސްގެ އެ މުވައްޒަފާ ބެހޭ އިތުރު މައުލޫމާތެއް ނުދެ އެވެ.

މީގެ ދެހަފްތާ ކުރިން ދަމާސް ކުންފުނީގެ އޮފީހުގައި ހުރި ދެ ތިޖޫރީ ވަގަށް ގެންގޮސްފައިވާކަން އެނގުނީ ހަފްތާ ބަންދަށްފަހު އެ އޮފީސް ހުޅުވުމުން ނެވެ.

ދަމާސް ކުންފުނީގެ އޮފީހަށް ވަދެފައި ވަނީ ދޮރުގެ ތަޅު ހުޅުވައިގެން ކަމަށް ބެލެވޭ ކަމަށާއި އޮފީހަށް އެއްވެސް ގެއްލުމެއް ދީފައިނުވާ ކަމަށް އެ ކުންފުނިން ވަނީ ބުނެފަ އެވެ.

ދެ ތިޖޫރީގައި ހުރި ނުވަ ލައްކަ އަށް ވުރެ ގިނަ ރުފިޔާ އަކީ ޕެޓީ ކޭޝްގެ އިތުރުން އެ ކުންފުނީގެ ފިހާރަތަކަށް ލިބިފައި ހުރި ފައިސާ އެވެ. ފައިސާތައް ވަގަށް ގެންދިޔައިރު އެ އޮފީހުގައި ހަރުކޮށްފައި ހުރި ސެކިއުރިޓީ ކެމެރާތައް ބޭނުން ކުރަން ނުފަށާ އެވެ.