11 Jul 2020, 22:08
މާލެ އިން ރ. ދުވާފަރަށް ގޮސް ހޯމް ކަރަންޓީން ފުރިހަމަ ކުރުމަށްފަހު ދޫކޮށްލި ތިން މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެ އެވެ.
ޕޮޒިޓިވްވެފައިވަނީ މަންމަ އަކާއި ބައެއްޕައެއްގެ އިތުރުން އޭނާގެ ފިރިހެން ދަރިއެކެވެ. އަދި އެ މީހުންނާ އެކު ދެން ކަރަންޓީނުގައި ހުރި ދެމަފިރިންގެ އަނެއް ދަރިފުޅުގެ ސާމްޕަލް ވަނީ ނެގެޓިވްވެފަ އެވެ.
ދުވާފަރު ކައުންސިލްގެ ރައީސް އިބްރާހިމް ނަސީރު 'ސަން' އަށް ވިދާޅުވީ، އެ އާއިލާ އެ ރަށަށް ގޮސްފައިވަނީ މިދިޔަ މަހުގެ 19 ވަނަ ދުވަހު ކަމަށާއި ހޯމް ކަރަންޓީނުގައި 14 ދުވަސް ހަމަކުރުމަށްފަހު ސާމްޕަލް ނެގެޓިވް ކަމަށް އެޗްޕީއޭ އިން އެންގުމުން މީގެ ދެ ދުވަސްކުރިން އެ މީހުން ކަރަންޓީނުން ދޫކޮށްލާފައިވާ ކަމަށެވެ.
ކަރަންޓީނުން ދޫކޮށްލި ފަހުން އެޗްޕީއޭގެ އެދުމުގެ މަތިން އަނެއްކާ ވެސް އެ މީހުންގެ ސާމްޕަލް ފޮނުވުމުން އޭގެތެރިއިން ތިން މީހަކު ޕޮޒިޓިވްވެފައިވާކަން އެޗްޕީއޭ އިން މިއަދު އަންގާފައިވާ ކަން އިބްރާހިމް ނަސީރު ފާހަގަކުރެއްވި އެވެ.
އެއާއެކު އެ ގެ އަލުން ކަރަންޓީނަށް ލައި ކޮންޓެކްޓް ޓްރޭސިން ހެދުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. އެ ގޭގައި އިތުރު ބަޔަކު ނޫޅުނު ނަމަވެސް އެ މީހުން ކަރަންޓީނުން ދޫކޮށްލުމުން ގިނަ ބަޔަކާ ކޮންޓެކްޓް ވެފައިވާ ކަމަށް އިބްރާހިމް ނަސީރު ވިދާޅުވި އެވެ.
"ވަރަށް ކަންބޮޑުވާ ކަމެއް މިއީ. ކަރަންޓީނުން ދޫކޮށްލުމުން އެ މީހުންނާއި ވަރަށް ގިނަ މީހުން ވަނީ ބައްދަލުވެފައި. ބުނާކަށް ވެސް ނޭންގެ ކިހާ މީހުނަކާއި ބައްދަލުވެފައި ހުރި ކަމެއް،" އިބްރާހިމް ނަސީރު ވިދާޅުވި އެވެ.
މާލެ އިން އއ. ތޮއްޑޫއަށް ގޮސް ހޯމް ކަރަންޓީނުގައި ހުރި ކުޑަ ކުއްޖަކު އިއްޔެ ވަނީ ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ. އަދި އޭގެ ކުރިން ދުވަހު ހދ. ނޮޅިވަރަމްގައި ހޯމް ކަރަންޓީނުގައި ތިބި ބަޔަކު ވެސް ވަނީ ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ.