11 Jul 2020, 16:43
އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދިޔަ ހއ. ކެލާގައި ޒަމާނީ ފެންވަރުގެ ބަނދަރެއް ތަރައްގީކުރުމުގެ ދެވަނަ ފިޔަވަހީގެ މަޝްރޫއު އިއްޔެ ނިންމާލައިފިއެވެ.
ކެލާގެ ބަނދަރު ހެދުމުގެ ދެވަނަ ފިޔަވަހި މަޝްރޫއު ޕްލޭނިން މިނިސްޓްރީއިން އެމްޓީސީސީއާ ހަވާލު ކުރީ 30 ޖޫން 2019 ގައެވެ. އެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައިވަނީ 31 ސެޕްޓޭމްބަރު 2019 ގައެވެ. މަޝްރޫއު ނިންމުމަށް ދިނީ 410 ދުވަހެވެ.
ކެލާގެ ބަނދަރު ހެދުމުގެ ދެވަނަ ފިޔަވަހީގެ ދަށުން އެ ރަށު ފަޅުން 3496 ކިއުބިކް މީޓަރު އަދި ނެރުން 12،768 ކިއުބިކް މީޓަރު ފުންކޮށްފައިވެއެވެ. އަދި 30 މީޓަރުގެ ބޭރު ތޮއްޓެއްލައި 220 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހާފައިވެއެވެ.
އޭގެ އިތުރުން، ބަނދަރާ އިންވެގެން 1445 އަކަ މީޓަރުގެ ފޭވްމަންޓް ހެދުމާއި، މަގު ބައްތި ހަރުކުރުމުގެ މަސައްކަތްވެސް އެ މަޝްރޫއު ގެ ދަށުން ހިންގާފައިވެއެވެ.
މި މަޝްރޫއުއަކީ ސަރުކާރުން 17.4 މިލިއަން ރުފިޔާ ހަރަދުކޮށްގެން ކުރިއަށްގެންދިޔަ މަޝްރޫއެކެވެ.