އައްޑޫގައި ކުޑަ އަންހެން ކުއްޖަކާމެދު ގަދަކަމުން ބަދުއަހުލާގީ ޢަމަލު ހިންގި ކަމުގެ ތުހުމަތުގައި 18 އަހަރުން ދަށުގެ ދެ ފިރިހެން ކުއްޖަކާއި އިތުރު ތިން މީހަކު ހައްޔަރު ކޮށްފި އެވެ.

ފުލުހުން ބުނީ އައްޑޫގައި 17 އަހަރުގެ އަންހެން ކުއްޖަކު ގަދަކަމުން ރޭ ފަޅުގެއަކަށް ގެންގޮސް ބަދުއަޚްލާގީ ޢަމަލު ހިންގި މައްސަލަ އާއި ގުޅިގެން ފަސް މީހަކު މިއަދު ހައްޔަރު ކޮށްފައިވާ ކަމަށެވެ.
އޭގެ ތެރޭގައި 17 އަހަރުގެ ދެ ފިރިހެން ކުއްޖަކާއި 23 އަހަރުގެ ޒުވާނަކާއި 20 އަހަރުގެ ޒުވާނެއްގެ އިތުރުން 19 އަހަރުގެ ޒުވާނަކު ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ނަމަވެސް އެ އަމަލު ހިންގީ އައްޑު އަތޮޅުގެ ކޮން ރަށެއްގައި ކަމެއް ފުލުހުން ނުބުނެ އެވެ.

މިދިޔަ އަހަރު ފުލުހުންނަށް ހުށަހެޅި މައްސަލަތަކަށް ބަލާ އިރު، ކުޑަކުދިންނާއި އަންހެނުންނާ ގުޅުން ހުރި މައްސަލަތަކުގައި 18 އަހަރުން ދަށުގެ ކުޑަކުދިންނާ ބަދުއަޚްލާގީ ޢަމަލު ހިންގުމުގެ މައްސަލަތަކާއި ކުޑަކުދިންނަށް އަނިޔާ ކުރުމުގެ މައްސަލަތައް ގިނަކަން ފާހަގަ ކުރެވޭ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.