ޖެނީވާ (ޖުލައި 11): މިއަހަރުގެ ކުރީކޮޅަށްވުރެ ކޮވިޑް-19 މިހާރު ފެތުރެމުންދާ ވަރު މިހާެރު މާ ބޮޑުކަމަށާ އެރޯގާ ކޮންޓްރޯލްނުވެ ދިގުލައިގެންދާނަމަ އިގްތިސާދީ ގޮތުންނާއި ސިއްޙީ ގޮތުން ގައުމުތައް އިނދަ ޖެހޭ ހިސާބަށް ކަންތައް ދިޔުމުގެ ބިރު އެބައޮތްކަމަށް ދުނިޔޭގެ ސިއްހަތާބެހޭ ޖަމްޢިއްޔާ (ޑަބްލިޔޫއެޗްއޯ) އިން ބުނެފިއެވެ.

އެ ޖަމްއިއްޔާގެ ވެރިޔާ އަދި ޑައިރެކްޓާ ޖެނެރަލް ޑރ. ޓެޑްރޮސް އަދަނޮމް ގެބްރިއެސުސް ވިދާޅުވީ ބައެއް ގައުމުތަކުން ކޮވިޑް-19 ކޮންޓްރޯލް ކުރުމުގައި ކާމިޔާބު ހޯދިނަމަވެސް އަނެއްބައި ގައުމުތަކުގައި ކޮންޓްރޯލްނުވެ އިތުރަށް ފެތުރެމުންދަނީ ބިރުވެރި މިންވަރަކަށް ކަމަށާ އެރޯގާ ޖެހުނު މީހުންގެ އަދަދަށްބަލާއިރު އެންމެ ބޮޑަށް ފެތުރިފައިވަނީ ފާއިތުވި ދޮޅު މަހެއްހާ ދުވަހުގެ ތެރޭގައި ކަމުގައެވެ.

ކޮވިޑް ކޮންޓްރޯލް ކުރުމުގެ ފުރުސަތު އަދިވެސް އެބައޮތް

ކޮވިޑް-19 ކޮންޓްރޯލް ކުރެވުނު ނަމަވެސް އަދި ނުކުރެވުނު ނަމަވެސް ޑރ. ޓެޑްރޮސް ވިދާޅުވީ ކޮވިޑް ކޮންޓްރޯލް ކުރުމުގެ ފުރުސަތު އަދިވެސް ގައުމުތަކަށް އެބައޮތް ކަމުގައެވެ. ފާއިތުވި ދޮޅުމަހަކީ އިގްތިސާދީ ދަތިތަކަށް ބެލުމަށްފަހު ދުނިޔޭގެ ގައުމުތަކުން ނިޔުނޯމަލްއަށް ގޮސް އިގްތިސާދީ ހަރަކާތްތައް އަލުން ފަށައިގެން އުޅޭ ދޮޅުމަހެވެ.

ކޮވިޑް-19 ނައްތާނުލެވުނު ނަމަވެސް އެ ރޯގާ ވަރަށް ބޮޑަށް ފެތުރިފައިވަނިކޮށް ކޮންޓްރޯލްކުރި ގައުމުތަކުގެ ތެރޭގައި ޗައިނާ، ނިއުޒިލޭންޑް، ޔޫރަޕްގެ ގިނަ ގައުމުތައް ދެކުނު ކޮރެއާ އަދި ޖަޕާން އަދި މެލޭޝިއާ ހިމެނެއެވެ. ނަމަވެސް އެމެރިކާ، ބްރަޒީލް، އިންޑިއާ އަދި ރަޝިއާ ހިމެނެނީ ކޮވިޑް-19 ކޮންޓްރޯލް އެއްވެސް ވަރަކަށް ކޮންޓްރޯލް ނުކުރެވުނު ގައުމުތަކުގެ ތެރޭގައެވެ.

ކޮވިޑް ގެ މައްސަލަ އެންމެ ގޯހީ އެމެރިކާ، ބްރަޒިލް އަދި އިންޑިއާގައި

ޚާއްސަކޮށް އިންޑިއާވަނީ ކޮވިޑް-19 ފެތުރޭ ނިސްބަތުން 12 ވަނާގައި އޮވެފައި އެ ރޯގާ އެންމެ ބޮޑަށް ފެތުރޭ ތިންވަނަ ގައުމަށްވެފައެވެ. ނަމަވެސް ކެރެލާފަދަ އިންޑިއާގެ ބައެއް ސްޓޭޓްތައް ކޮވިޑް-19 ކޮންޓްރޯލް ކުރުމުގައި ފާހަގަ ކޮށްލެވޭފަދަ ކާމިޔާބީތައް ހޯދާފައިވެއެވެ. މުޅި ދުނިޔެއަށް ބަލާއިރުވެސް އެމެރިކާއަކީ ކޮވިޑް-19 އާ ދެކޮޅަށް ކުރާ ހަނގުރާމައިގާ މުޅިން ނާކާމިޔާބުވެ ހާލަތު ގޯހުން ގޯހަށްދާ މައިގަނޑު ގައުމެވެ. އެމެރިކާގެ އިތުރުން މި ލިސްޓުގެ ގައުމުތަކުގައި ހިމެނެނީ ބްރަޒިލް، އިންޑިއާ ރަޝިއާ އަދި ޕެރޫ އެވެ. ނަމަވެސް ޖެނީވާގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޑރ. ޓެޑްރޮސް ވިދާޅުވީ ކޮވިޑް-19 މިހާރު ފެތުރެމުންދާވަރު ކުރިޔަށްވުރެ ބޮޑުނަމަވެސް އެރޯގާ ކޮންޓްރޯލް ކުރުމުގެ ފުރުސަތު އަދިވެސް ނުގެއްލޭ ކަމުގައެވެ.

އެންމެންގެ އެއްބާރުލުން ނުލިބި ކޮވިޑް ކޮންޓްރޯލެއް ނުކުރެވޭނެ

އިގްތިސާދީ ހަރަކާތްތައް އެއްކޮށް ހުއްޓާނުލައި ފުލް ލޮކްޑައުންއަކަށްވެސް ނުގޮސް ކޮވިޑް އިން ސަލާމަތްވުމަށް ފަރުދީ ފެންވަރުގައި ގެންގުޅެންޖެހޭ ސިއްޙީ ރައްކާތެރި މިންގަނޑުތަކާ އަޅަންޖެހޭ ފިޔަވަޅުތައް ގައުމުގެ ހުރިހާ ރައްޔިތުން އަޅައި އެއަށް ތަބާވެ އެންމެން އެކައްޗެއް ކިޔައި އެއްބާރުލުން ދީގެން މަސައްކަތް ކޮށްފިނަމަ ޗައިނާއާއި ނިއުޒިލެންޑާއި ޔޫރަޕްގެ ގައުމުތަކާއި މެލޭޝިއާފަދަ ގައުމުތަކުން ކޮވިޑް ކޮންޓްރޯލް ކުރިގޮތަށް އެހެން ގައުމުތަކަށްވެސް ކޮވިޑް ކޮންޓްރޯލް ކުރެވޭނެކަމަށް ޑރ. ޓެޑްރޮސް ވިދާޅުވިއެވެ. ނަމަވެސް އެންމެންގެ އެއްބާރުލުން ނުލިބި ކޮވިޑް ކޮންޓްރޯލެއް ނުކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ފަރުދީގޮތުން އަޅަންޖެހޭ ފިޔަވަޅުތަކަށް ފަރުވާކުޑަކުރާނަމަ ނަތީޖާ ގޯސްވާނެ

ނަމަވެސް ނިޔުނޯމަލްގައި ގައުމުތަކުން ދިން ލުއި ތަކާއެކު ސިއްޙީ ރައްކާތެރި ކަމުގެ ފިޔަވަޅުތައް ހަނދާންނައްތާލައި ފަރުވާކުޑަކޮށްލާފައި އުޅެމުން ގެންދާނަމަ ކޮވިޑް-19 އެއްގޮތަކަށްވެސް ކޮންޓްރޯލް ނުވާނެކަމަށާ އަދި ކޮންޓްރޯލްނުޥާ ހާލަތު ދިގުލައިގެންދާނަމަ ގައުމުތައް ކާރިސާއަކަށްވެއްޓި ސިއްހީ ނިޒާމަށް ނުތަކައިގެން އެތަށް ހާހަކުން މީހުން މަރުވެ އިގްތިސާދީ ގޮތުންނާއި ސިއްޙީ ގޮތުން ގައުމުތައް އިނދަ ޖެހޭ ހިސާބަށް ކަންތައް ދިޔުމުގެ ބިރު ބޮޑު ކަމަށް ޑރ. ޓެޑްރޮސް ވިދާޅުވިއެވެ.

ކޮވިޑް އެއްކޮށް ނައްތާލެވޭނީ ވެކްސިން އެއް ހޯދިގެން

ޑރ. ޓެޑްރޮސް މިމޭރުމުން ވާހަކަ ދައްކަވާފައިވާއިރު ކޮވިޑް-19 އެއްކޮށް ނައްތާލެވޭނީ އަދި އެރޯގާގެ ބިރުވެރިކަމުން އިންސާނުންނަށް ސަލާމަތް ވެވޭނީ އެކަމަށް ޚާއްސަ ވެކްސިން އެއް ހޯދިގެންކަމަށް ޑަބްލިޔޫއެޗްއޯ ގެ އިސް ތަޖްރިބާކާރު ޑރ. މާކް ރިޔަން ވަނީ ވިދާޅުވިއެވެ. ނަމަވެސް ކޮވިޑް-19 އަކީ ފަރުދީގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅައިގެން ކޮންޓްރޯލް ކުރެވިދާނެ ރޯގާއެއްކަމަށް ޑރ. ރިޔަން ވެސް ވިދާޅުވިއެވެ.

(ނޫސްއެޖެންސީތައް)