04 Jan 2012, 14:21
ޕޯޓްސް ލިމިޓެޑްގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މަހުދީ އިމާދު މަގާމުގެ ނުފޫޒު ބޭނުންކުރައްވައި ވަކި މުވައްޒަފަކަށް ނާޖާއިޒު ފައިދާ ހޯދައިދެއްވާފައިވާ ކަމަށް ބުނާ މައްސަލަ އެއް ޝަރީއަތަށް ހުށަހަޅައިދިނުމަށް އެސީސީން ޕީޖީ އަށް ފޮނުވައިފި އެވެ.
އެސީސީން ތަހުގީގު ކުރުމަށް ފަހު މިދިޔަ ހަފުތާގެ ބުދަ ދުވަހު ޕީޖީއަށް ފޮނުވި މައްސަލައިގައި ބުނެފައިވަނީ ޕޯޓްސް ލިމިޓެޑްގައި މަސައްކަތް ކުރާތާ އަހަރު ހަމަނުވާ މުވައްޒަފަކު ގާނޫނީ ވަކީލުކަމުގެ ޑިގްރީ ކޯހެއްގައި މެލޭޝިއާ ފޮނުވާފައިވާ ކަމަށާއި އެ ކޯހަކީ 2009 އަހަރު އެ ކުންފުނީގެ ބަޖެޓްގައި ކަނޑައަޅާފައިނުވާ ކޯހެއް ކަމަށެވެ.
އަދި ބުނެފައި ވަނީ ވަކި މުވައްޒަފަކު އެ ކޯހުގައި ފޮނުވިއިރު އެ ކޯހަށް ކުރިމަތިލުމުގެ ފުރުސަތު އެހެން މުވައްޒަފުންނަށް ދީފައިނުވާ ކަމަށެވެ.
އޭސީސީން ބުނީ އެ މައްސަލަ ބެލިއިރު ވަކީލު ކަމުގެ ޑިގްރީ ކޯހުގައި ވަކި މުވައްޒަފަކު ފޮނުވާފައިވަނީ މަހުދީ އިމާދުގެ މަގާމާއި ނުފޫޒު ބޭނުން ކުރައްވައިގެން ކަމަށެވެ.
"... މަހުދީ އިމާދުގެ މި ޢަމަލަކީ ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނުގެ 12 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކުށަކަށް ވާތީ، މި މައްސަލަ ޝަރީޢަތަށް ހުށަހަޅުއްވައި ދެއްވުމަށް އެދި 28 ޑިސެމްބަރު 2011 ގައި ޕްރޮސެކިއުޓާ ޖެނެރަލް އޮފީހަށް ވަނީ ފޮނުވާފަ އެވެ،" އޭސީސީން މިއަދު އާންމު ކުރި ލިޔުމެއްގައި ވެއެވެ.