04 Jan 2012, 14:11
އިންޓަނެޓް މެދުވެރިކޮށް ގައުމީ ކުތުބުހާނާގެ ފޮތްތަކުގެ މައުލޫމާތު ހޯދައި ފޮތް ރިޒާވް ކުރުމުގެ ހިދުމަތާއެކު ގައުމީ ކުތުބުހާނާ ހުޅުވައިފި އެވެ.
މިދިއަ ޑިސެމްބަރު މަހުން ފެށިގެން ކުތުބުހާނާ ބަންދުކޮށްފައި ހުރީ ސަރުކާރުގެ ސިޔާސަތުގެ ތެރޭގައި ގައުމީ ކުތުބުހާނާގެ މަސައްކަތް ތަރައްގީ ކުރަން ކަނޑައަޅުއްވާފައި ވާތީ އެވެ. ސޮފްޓް ލޯންޗިންގައި އަލުން ހުޅުވީ މި މަހުން ފެށިގެނެވެ.
ގައުމީ ކުތުބުހާނާގެ ޑިރެކްޓަރު ޖެނެރަލް އިބްރާހިމް ޝިޔާމް ވިދާޅުވީ އޮންލައިންކޮށް ފޮތް ރިޒާވް ކުރުމާއި ފޮތްތަކުގެ މައުލޫމާތު ބެލޭނެ ގޮތް ހަމަޖައްސައި ހުޅުވުމަށްފަހު ފުރަތަމަ ޒިޔާރަތްކުރި ތިން ފަރާތަކަށް ކުތުބުހާނާއިން މަރުހަބާ ކިޔައި ފުރަތަމަ ޒިޔާރަތްކުރި ރ. އަލިފުށި އާޒާދުގޭ އަހުމަދު އީސާއަށް ލައިބްރަރީގެ ކެޓަލޮގް އޮންލައިން ކުރުމުގެ ޝަރަފުދީފައިވާ ކަމަށެވެ.
ލައިބްރަރީގެ މަސައްކަތް މިހާރު ވަނީ އޮޓޮމޭޓް ކޮށްފަ އެވެ. ޝިޔާމް ވިދާޅުވީ ލައިބްރަރީގެ އިލެކްޓްރޯނިކް ކެޓަލޮގް އޮންލައިން ކުރެވުމުން ކަސްޓަމަރުންނަށް ދެވޭ ހިދުމަތުގެ 90 ޕަސެންޓް އަވަސްކުރެވިފައިވާ ކަމަށެވެ.
"މިހާރު ލައިބްރަރީގެ މަސައްކަތްތައް އޮޓޮމޭޓް ކުރެވުމުން އިންޓަނެޓް ލިބޭ ކޮންމެ ތަނަކުން ވެސް ގައުމީ ކުތުބުހާނާގައި ހުރި ފޮތްތަކުގެ މައުލޫމާތު ލިބި ފޮތްތައް ރިޒާވް ކުރެވިގެންދާނެ. އެގޮތުން މިހާރު އަޅުނގަޑުމެންދޭ ހިދުމަތް 90 ޕަސެންޓް އަވަސްވާނެ." އޭނާ ވިދާޅުވިއެވެ.
އަލަށް ގެނައި ބަދަލާއެކު ކުތުބުހާނާއިން ފޮތް ގެންދާ ފަރާތްތަކަށް އޯވާ ޑިއު ވުމުގެ ކުރިން ކުތުބުހާނާއިން އެމީހެއްގެ ފޯނަށް މެސެޖް ކުރެ އެވެ. ޝިޔާމް ވިދާޅުވީ އެ ހިދުމަތް އިތުރަށް ފުޅާ ކުރާނެ ކަމަށެވެ.
ކުތުބުހާނާ ރަސްމީކޮށް ހުޅުވަން ނިންމާފައި ވަނީ އަންނަ ހަފުތާގެ ބުރާސްފަތީގަ އެވެ.