14:30


ރައްޔިތުންގެ މަޖިލީސްކުރާ ގޭދޮށަށް އެމްޑީޕީ އަށް ނިސްބަތްވާ ބަޔަކު އެއްވެ މުޒާހަރާކޮށްފި އެވެ.


މިއަދު ހެނދުނު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މެންބަރުންގެ މެދުގައި އުފެދުނު ހިޔާލު ތަފާތުވުންތަކެއްގެ ސަބަބުން ޖަލްސާ ކުރިއަށް ނުގެންދެވިގެން ޖަލްސާ ފަސްކުރެއްވިކަން ރިޔާސަތުން އިޢުލާންކުރެއްވިތާ ކުޑައިރު ކޮޅެއް ފަހުން ގިނަ އަދަދެއްގެ ބަޔަކު ވަނީ މަޖިލީސް ކުރާ ގޭ ދޮށަށް އެއްވެ، ނުރުހުން ފާޅުކޮށްފަ އެވެ. މަޖިލީސް ކުރާގޭ ސަރަހައްދަށް އެއްވި މީހުން ގޮވަމުންދިޔައީ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިސްތިއުފާއަށާއި މަޖިލީހުހައި ތިއްބެވި މެންބަރުންގެ ތެރެއިން ކޮރަންޝަންގެ މައްސަލަތަކަށް ތުހުމަތުކުރެވޭ މެންބަރުންނާއި މާލިއްޔަތު ޤާނޫނަށް އިސްލާހް ގެނައުމަށް ރިސްވަތް ހިފި މެންބަރުން ހިފާ ހައްޔަރު ކުރުމަށް ވެސް މަޖިލީސް ކުރާ ގޭ ކައިރިއަށް އެއްވެ ތިބި މެންބަރުން ވަނީ ގޮވާލާފަ އެވެ.


މަޖިލީސް ކުރާ ގޭ ކައިރިއަށް އެއްވި ތިބި މީހުންގެ ތެރޭގައި އިއްޔެ ކެބިނެޓުން އިސްތިއުފާ ދެއްވި ބައެއް މިނިސްޓަރުންނާއި އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގެ މެންބަރުންގެ އިތުރުން އެމްޑީޕީގެ ގިނަ އަދަދެއްގެ އެކްޓިވިސްޓުން ހިމެނެ އެވެ.