10 Jul 2020, 10:46
ދެކުނު އިންޑިއާ ކަނޑުގައި އުފެދިފައިވާ ދިގު ބާނިތަކުގެ އަސަރު ރާއްޖެއަށް ކޮށް، ބައެއް ރަށްތަކަށް ރާޅު އަރާނެ ކަމަށް ލަފާކޮށް، އެކަމަށް ސަމާލުވެތިބުމަށް މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން ބުނެފިއެވެ.
މެޓް އޮފީހުން މިއަދު ބުނީ، ރާއްޖެއާ ދުރުން ދެކުނު އިންޑިއާ ކަނޑުގައި އުފެދެމުންދާ ދިގު ބާނިތައް ރާއްޖެއާ ހަމައަށް ފޯރާނެ ކަމަށް ލަފާ ކުރެވޭތީ، ކުރިއަށް އޮތް ތިން ދުވަހު، ދެކުނާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ރާޅު އެޅުމުގެ ފުރުސަތު ބޮޑު ކަމަށެވެ. އަދި ހާއްސަކޮށް ދިޔަވަރު ބޮޑުވާ ގަޑީގައި އެކަން ހިނގުމުގެ ފުރުސަތު ބޮޑު ކަމަށް މެޓްއިން ބުންޏެވެ.
މެޓް އޮފީހުން ބުނީ، ހުރިހާ އެންމެން މިކަމަށް ސަމާލުވެ ތިބުން މުހިންމު ކަމަށެވެ. ހާއްސަކޮށް ގޮނޑުދޮށާއި ކައިރި ހިސާބުތަކުގައި ދިރިއުޅޭ މީހުން ސަމާލުވެ ތިބުމަށް އެ އޮފީހުން އެދުނެވެ.
އޭގެ އިތުރުން މޫދަށް އެރި އުޅުމުގައި ހާއްސަ ސަމާލުކަމެއް ދިނުމަށާއި، ފަޅުތެރޭގައި އަޅާފައި ހުންނަ އުޅަނދުތަކުގެ ރައްކާތެރިކަމަށްވެސް ވިސްނުން މުހިންމު ކަމަށް މެޓް އޮފީހުން ބުންޏެވެ.
މިދިޔަ އާދީއްތަ ދުވަހުން ފެށިގެން ދެތިން ދުވަހަށް ބައެއް ރަށްރަށަށް އުދަ އަރާފައިވެއެވެ. އޭރު އުދަ އެރުމުގެ ސަބަބުން ބައެއް ރަށްރަށުގައި ތަނބިކަށްޓަށް ވުރެ މައްޗަށް ބަފެންބޮޑުވިއެވެ. އަދި ބަނދަރުކޮށްފައި ހުރި އުޅަނދުތައް ބަނދަރުގައި ޖެހުމުން ބައެއް އުޅަނދުތަކަށް ގެއްލުންވެސް ވިއެވެ.