މިއަހަރުގެ ފުޓްބޯޅަ ސީޒަންގައި ވެސް ވިބީގައި މަޑުކުރުމަށް އެ ކުލަބްގެ ހުނަރުވެރި މިޑްފީލްޑަރު އިބްރާހިމް އާރިފް (ބަކާ) ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށް ޓީމްގެ މެނޭޖަރު އިބްރާހިމް ރަޝީދު (ސަތޯ) ބުނެފިއެވެ.

ސަތޯ ބުނީ، މިއަހަރުގެ ސީޒަންގައި ވެސް ބަކާ ފެނުން އެންމެ ގާތީ ހަމަ ވީބީން ކަމަށެވެ. އެހެން ނަމަވެސް ބަކާއާއި މެދު ކުލަބުން އަދި ވަކިގޮތެއް ނިންމާފައި ނުވާކަމަށް ސަތޯ ބުންޏެވެ.

"ބަކާގެ ޝައުގުވެރިކަން މިވަގުތު ހުރީ ވީބީގައި މަޑުކުރުމަށް. ބަކާ އަދި ވަކިގޮތަކަށް ނުނިންމާގެން މިއުޅެނީ. ވީބިން ވާނީ ބަކާއާއި މަސްވަރާތަކެއް ކުރެއިފަ" ސަތޯ ބުންޏެވެ.

އޭނާ ބުނީ، މިއަހަރުގެ ސީޒަންގައި ވީބީއަށް ކުޅުމަށް އަލަށް ސޮއި ކުރި ކުޅުންތެރިންގެ ލިސްޓު ރަސްމީކޮށް އަންނަ ހޮނިހިރު ދުވަހު އިއުލާން ކުރުމަށް ނިންމާފައި ވާއިރު، ވީބީން މިހާރު ތައްޔާރު ވަމުން އަންނަނީ އެކުލަބުގެ ހިންގާ ބޯޑު ކުރިއަށް އޮތް ދެ އަހަރަށް އިންތިހާބުކުރުމަށް ކަމަށެވެ. އެގޮތުން ވީބީގެ އިންތިހާބީ ޖަލްސާ ބާއްވާނެ ތަނެއްގެ ގޮތުގައި މިހާރު ހަމަޖެހިފައި ވަނީ ކުރީގެ އެމްއީއެސް ސްކޫލް ހުންނަ އިމާރާތުގައެވެ.

މިދިޔަ އަހަރުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދާފައިވާ ވީބީގެ މުހައްމަދު އާރިފް (ބަކާ) ހޯދުމަށް ވިކްޓަރީ އާއި އީގަލްސްއިން މަސައްކަތް ތަކެއް ކުރަމުން އަންނަ އިރު، އޭނާ އެންމެ ފަހުން ވީބީ އަށް ކުޅެފައި ވަނީ އެއް އަހަރު ދުވަހުގެ ކޮންޓްރެކްޓެއްގައެވެ.
މިދިޔަ އަހަރުގެ ސީޒަން އެންމެ ކާމިޔާބު ކުލަބެއްގެ ގޮތުގައި ވީބީން ނިންމާލިއިރު، އެޓީމް އެންމެ ފުރަތަމަ މަސްހޫރު ވެފައި ވަނީ އައިލެންޑް ފުޓްބޯލް ކްލަބު (އައިއެފްސީ)ގެ ނަމުންނެވެ.