ހދ. ނޮޅިވަރަމުގައި ހޯމް ކަރަންޓީނުގައި ހުރި މީހަކު ކޮވިޑް19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

އެ ރަށު ކައުންސިލްގެ މެންބަރު އިބްރާހިމް ނަސީރު މިއަދު "ސަން" އަށް ވިދާޅުވީ ޕޮޒިޓިވްވި މީހާ އެރަށަށް ގޮސްފައިވަނީ މިމަހުގެ ހަވަނަ ދުވަހު ކަމަށެވެ.

އޭނާ އާއެކު އިތުރު ދެ މީހަކު ހޯމް ކަރަންޓީނުގައި އެއް ގެއެއްގައި ތިބިކަމަށްވެސް ނަސީރު ވިދާޅުވިއެވެ.

ނޮޅިވަރަމުން ޕޮޒިޓިްވި މީހާ ރަށަށް ދިޔުމުގެ ކުރިން މާލޭޭގައި ރެންޑޮމް ސާމްޕަލިންގެ ތެރެއިން އޭނާގެެ ސާމްޕަލް ނެގި ކަމަށާއި، ސާމްޕަލްގެ ނަތީޖާލިބި، ބައްޔަށް ޕޮޒިޓިވްކަން އެޗްޕީއޭ އިން އެންގީ މިއަދު ކަމަށްވެސް ނަސީރު ވިދާޅުވިއެވެ.

"އޭނާއާއެކު ގޭގައި ތިބި އަނެއް ދެމީހުންގެ ސާމްޕަލްވެސް މިހާރު ވަނީ ނަގާފައި،" ކައުންސިލްގެ މެންބަރު ވިދާޅުވިއެވެ.

މީގެ ކުރިން ގއ. މާމެންދޫ އަށް ހޯމް ކަރަންޓީނަށް ދިޔަ ބަޔަކުވެސް ވަނީ ކޮވިޑް19 އަށް ޕޮޒިޓިވްވެފައެވެ.

ރާއްޖެއިން މިހާތަނަށް 2517 މީހުން ކޮވިޑް19 އަށް ޕޮޒިޓިވް ވެފައިވެއެވެ. 2180 މީހުން ބަލިން ރަނގަޅުވެފައިވާއިރު 13 މީހަކު ވަނީ މަރުވެފައެވެ.