ޕްރޮސެކިއުޓަ ޖެނެރަލް އޮފީހުގެ އިދާރީ މުވައްޒަފެއް ކޮވިޑް 19 އަށް ޕޮޒިޓިވްވެއްޖެ އެވެ.

ޕީޖީ އޮފީހުގެ ޕަބްލިކް ޕްރޮސެކިއުޓާ އަދި މީޑިއާ އޮފިސަރު އަހުމަދު ޝަފީއު 'ސަން' އަށް ވިދާޅުވީ ޕީޖީ އޮފީހުގެ އިދާރީ މުވައްޒަފަކު ކޮވިޑަށް ޕޮޒިޓިވްވުމުން މިއަދު އޮފީސް ބަންދުކޮށް ޑިސްއިންފެކްޓް ކުރުމުގެ މަސައްކަތް ކުރިއަށް ގެންދާ ކަމަށެވެ.

އެ މުވައްޒަފާ އެ އޮފީހުގެ އެހާ ގިނަ މުވައްޒަފުންނާ ކޮންޓެކްޓް ނުވާ ކަމަށް ޝަފީއު ވިދާޅުވި އެވެ.

"މަސައްކަތު މުވައްޒަފެއް އެއީ. މިދުވަސްކޮޅު އޮފީސް ސާފުކުރަނީ ބަޔަކު ގެނެސްގެން ކަމަށްވާތީ އޭނާ ހުންނަނީ ސުޕަވައިޒް ކުރަން." ޕީޖީ އޮފީހުން ބުންޏެވެ.

އެ އޮފީހުގެ މުވައްޒަފުން މިހާރު މަސައްކަތް ކުރަނީ ޝިފްޓްތަކަކަށް ބަހާލައިގެންނެވެ. އެގޮތުން އެއް ހަފްތާއަކު އެއް ގުރޫޕުން އޮފީހަށް ގޮސް މަސައްކަތް ކުރާއިރު ދެން ތިބޭ ގުރޫޕު މަސައްކަތް ކުރަނީ ގޭގަ އެވެ.

ޝަފީއު ވިދާޅުވީ ޕޮޒިޓިވް ކޭސްއާ ގުޅިގެން މިއަދު އޮފީސް ބަންދުކުރުމަށް ފަހު ކޮންޓެކްޓްވީ މުވައްޒަފުންގެ ލިސްޓެއް ތައްޔާރުކޮށް އެޗްޕީއޭއަށް ފޮނުވުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ޝަފީއު ވިދާޅުވި އެވެ.

މިއަދު ޕީޖީ އޮފީހުގެ މުވައްޒަފުން މަސައްކަތް ކުރަމުން ދަނީ ގޭގަ އެވެ.

ޕީޖީ އޮފީހުގެ މުވައްޒަފަކު ކޮވިޑަށް ޕޮޒިޓިވްވުމާ ގުޅިގެން އޮފީސް ޑިސްއިންފެކްޓް ކުރުމުގެ މަސައްކަތް ކުރިއަށް ގެންދާތީ މިއަދު ކްރިމިނަލް ކޯޓުގައި ބާއްވަން ތާވަލުކުރި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް ކުރާ ދައުވާގެ އަޑުއެހުން ވަނީ ކެންސަލް ކޮށްފަ އެވެ.