09 Jul 2020, 12:55
ޖެނީވާ (ޖުލައި 9) : ކޮވިޑް-19 ގެ ބިރުވެރިކަމާއެކު އިޖްތިމާއީ ގައިދުރުކަން ބަހައްޓަންޖެހޭތީ މިއަހަރުގެ ހައްޖުގެ އަޅުކަމުގައި ބައިވެރިވުމުގެ ފުރުސަތު ދޭނީ ގާތްގަނޑަކަށް 10 ހާސް މީހުންނަށް ކަމަށް ސައޫދީ އަރަބިއާ އިން ބުނެފިއެވެ.
ހައްޖާއި ޢުމުރާގެ ކަންތައްތަކާބެހޭ ސައޫދީ ވުޒާރާ އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މިއަހަރުގެ ހައްޖު މޫސުމުގައި އެންމެ ބޮޑަށް ރިޢާޔަތް ކުރަނީ ކޮވިޑް-19 ގެ ނުރައްކަލުން ހައްޖުވެރިން ސަލާމަތް ކުރުމަށާއި ހައްޖުގެ އަޅުކަމުގެ ތެރެއިން އެރޯގާ ފެތުރުނަ ދިނުމަށްޓަކައި އަޅަންޖެހޭ ސިއްޙީ ރައްކާތެރި ކަމުގެ ފިޔަވަޅުތައް އެޅުމަށެވެ.
ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް ސައޫދީގައި އެންމެ ބޮޑަށް މަސައްކަތްކުރާ އެގައުމުގެ އިދާރާ ކަމަށްވާ "ނެޝަނަލް ސެންޓާ ފޯ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަން" އިންވަނީ މި އަހަރުގެ ހައްޖު މޫސުމުގައި ހައްޖުގެ އަޅުކަން އަދާކުރާއިރު ސިއްޙީ ރައްކާތެރިކަމުގެ ގޮތުން އަމަލުކުރަން ލާޒމުވާ ޚާއްސަ ގަވައިދެއް ނެރެފައެވެ. އެގަވައިދުގައި މި އަހަރުގެ ހައްޖުގެ އަޅުކަން އަދާކުރާއިރު ގެފުޅާ ގާތްވުމާއި ގެފުޅުގައި އަތްލުމާއި ހަޖަރުލްއަސްވަދުގައި އަތްލުމާ އަދި ހައްޖުވެރިން އެއްތަނަކަށް އެއްވެ ވާހަކަ ދެއްކުމާއި ބައްދަލުވުންތައް ބޭއްވުން ވަނީ މަނާކޮށްފައެވެ.
ޖަމްރާތަކަށް ހިލަ އުކާއިރުވެސް އުކަންވާނީ ސްޓެރިލައިޒް ކޮށްފައިވާ ހިލަކަމަށާ އެނޫން ހިލަ ގެންގުޅުމާއި ބޭނުންކުރުންވެސްވަނީ މަނާކޮށްފައެވެ. ޖަމްރާތަކަށް ހިލަ އުކުމަށް ކޮންމެ ހައްޖުވެރިއަކަށްވެސް ވަކިވަގުތެއްދީ އެވަގުތުގައި ނޫނީ އެކަން ނުކުރެވޭ ގޮތަސްވެސް ވަނީ ހަމަޖައްސާފައެވެ. އަދި އެއްވަގުތަކުން އެއްޖަމްރާއެއްގެ ކައިރީގައި ހިލައުކުމަށް (ޖަމްރާތަކުގެ އިމާރާތުގެ ކޮންމެ ބުރިއެއްގައިވެސް) 50 އަށް ވުރެގިނަ މީހުންނަށް ނުތިބެވޭނެ ކަމާއި ހިލަ އުކާއިރު އެކަކުއަނެކަކާ ދެމެދު 1.5 މީޓަރުގެ ގައިދުރުކަމެއް ބެހެއްޓުންވެސް އެގަވައިދުގައި ހައްޖުވެރިންގެ މައްޗަށް ލާޒިމްކޮށްފައިވެއެވެ.
މީގެއިތުރުން ހައްޖުގެ އަޅުކަމުގައި އުޅޭ ހުރިހާ ވަގުތެއްގައިވެސް މާސްކް އަޅައިގެން އުޅުމާއި ތަވާފް ކުރާއިރުގައާއި ސަޢްޔު ކުރާއިރު އެކަކު އަނެކަކާދެމެދު 1.5 މީޓަރުގެ ގައިދުރުކަން ބެހެއްޓުންވަނީ ލާޒިމްކޮށްފައެވެ. މި ގަވައިދު ތަންފީޒުކުރާނެ ކަމަށް ހައްޖާއި ޢުމުރާގެ ކަންތައްތަކާބެހޭ ސައޫދީ ވުޒާރާގެ ބަޔާން ބުނާއިރު މިގަވައިދު ރަނގަނޅަށް ތަންފީޒު ކުރެވެނީ 12 ހާހާއި 10 ހާހާ ދެމެދުގެ އަދަދެއްގެ މީހުންނަށް ހައްޖުގެ ފުރުސަތު ދީގެންކަމަށް ލަފާކުރެވޭކަމަށް އެ ވުޒާރާއިން ބުނެއެވެ.
ސައުދީގައިވެސް ކޮވިޑް-19 ގެ ނުރައްކާ އަދަޔާ ޚިލާފަށް ބޮޑުވެފައިވާތީ މި އަހަރު ހައްޖުގެ އަޅުކަމުގައި ބައިވެރިވުމުގެ ފުރުސަތު އެގައުމުން ދީފައިވަނީ ސައޫދީ ދިރިއުޅޭ މީހުންނަށް އެކަންޏެވެ. މީގެތެރޭގައި ސައޫދީ ރައްޔިތުންނާއި އެގައުމުގައި ދިރިއުޅޭ ބޭރުމީހުން ހިމެނެއެވެ. ހައްޖުގެ ފުރުސަތުދޭ 10 ވަރަކަށް ހާސް މީހުންގެ ތެރެއިން 70 އިން ސައްތަ ސައޫދީ ގައި ދިރިއުޅޭ ބޭރުމީހުންނަށް ދިނުމަށާއި އަނެއް 30 އިންސައްތަ ސައޫދީ ރައްޔިތުންނަށް ދިނުމަށް ސައޫދީ ސަރުކާރުންވަނީ ނިންމާފައެވެ.
މިއަހަރު ހައްޖުގެ ފުރުސަތު ދޭ މީހުންގެ ތެރޭގައި މާބޮޑަށް މުސްކުޅި މީހުންނާއި ބޮޑެތި ބަލިތައް ތަހައްމަލް ކުރާ މީހުން ނުހިމެނުމަށާއި މިހާތަނަށް ހައްޖުގެ ފަރުޟު އަދާކޮށްފައިނުވާ މީހުންނަށް އިސްކަން ދިނުމަށްވެސް ހައްޖާއި ޢުމުރާގެ ކަންތައްތަކާބެހޭ ސައޫދީ ވުޒާރާ އިން ވަނީ ނިންމާފައެވެ.
ކޮވިޑް-19 ގެ ބިރުވެރި ވަބާއާ ގުޅިގެން މިއަހަރުގެ ހައްޖުގެ މޫސުމުގައި މިބަދަލުތައް ގެނައި ކަމަށްވިޔަސް އާންމު ގޮތެއްގައި 2.5 މިލިޔަނާއި 2.6 މިލިޔަނާ ދެމެދުގެ އަދަދެއްގެ މީހުން އެހެން އަހަރުތަކުގައި ހައްޖުގެ އަޅުކަމުގައި ބައިވެރިވެއެވެ. (ނޫސްއެޖެންސީތައް)