އެންމެ ބޮޑު އިސްކަމެއް ދެއްވާނީ މި އަހަރުގެ ބަޖެޓް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ގޮތަށް ތަންފީޒު ކުރުމަށް ކަމަށް އަލަށް ފިނޭންސް މިނިސްޓަރުކަމާ ހަވާލުވެ ވަޑައިގެންނެވި މުހަންމަދު ޝިހާބު މިއަދު ވިދާޅުވެއްޖެ އެވެ.

ފިނޭންސް މިނިސްޓަރު ކަމާ ހަވާލުވެ ވަޑައިގަތުމަށް ފަހު މީޑިޔާއަށް ދެއްވި ފުރަތަމަ އިންޓަވިއު ސަން އޮންލައިނަށް ދެއްވަމުން ޝިހާބު ވިދާޅުވީ ސަރުކާރުން ހުށަހަޅައި މަޖިލީހުން ފާސްކުރި މި އަހަރުގެ ބަޖެޓަކީ ވަރަށް ވިސްނުންތެރިކަމާއެކު ފާސްކޮށްފައިވާ ބަޖެޓެއް ކަމަށާއި ދައުލަތުގެ ހަރަދުތަށް އެމަނިކުފާނު ކުރައްވާނީ މަޖިލީހުން ފާސްކޮށްފައިވާ ގޮތަށް ކަމަށެވެ.

"ރައްޔިތުން މަޖިލީހުންނާއި ދިވެހި ސަރުކާރުން ވަރަށް ބޮޑަށް ވިސްނަވާފައި ފާސްކުރައްވާފައި އޮތް ބަޖެޓެއް އެއީ. އެހެންވީމަ އެ ބަޖެޓްގައި އަޅުގަނޑު އަމަލުކުރާނެ ގޮތުގެ ބޮޑެތި މައްސަލަތަކެއް ހުރެގެން ނުވާނެ. އެހެންވީމަ އެގޮތަށް އިމްޕްލިމެންޓް ވޭތޯ ބެލުން މިހާރު ސަރުކާރުގެ މަސްއޫލިއްޔަތަކައްވާނީ،" ހޯމް މިނިސްޓަރު ކަން ވެސް ކުރެއްވި ޝިހާބު ވިދާޅުވި އެވެ.

ޕޮލިޓިކަލް އެޑްވައިޒަރެއްގެ ގޮތުގައި މަސައްކަތް ކުރެއްވުމަށް ފަހު ފިނޭންސް މިނިސްޓްރީއާ ހަވާލުވެ ވަޑައިގަތް ޝިހާބު ވިދާޅުވީ އެމަނިކުފާނުގެ ވިސްނުންފުޅަކީ މިހާރަށްވުރެ ބޮޑަށް ހުޅުވާލެވިފައިވާ އިގްތިސޯދަކަށް ގައުމު މިސްރާބު ބަދަލުކުރެއްވުން ކަމަށެވެ. އެގޮތުން ޕްރައިވެޓް ސެކްޓަރު ހަރުދަނާކޮށް ސަރުކާރުގެ ކުންފުނިތަށް ޕްރައިވެޓައިޒް ކުރުމަށް އިސްކަންދެއްވާނެ ކަމަށް މިއަދު ވިދާޅުވި އެވެ.

"އިގްތިސޯދީ ގޮތުން އަޅުގަނޑުމެންގެ ޕޮލިސީއަކީ ހުޅުވާލެވިފައިވާ އިގްތިސޯދީ ސިޔާސަތެއް. އޭގެ މާނައަކީ ޕްރައިވެޓް ސެކްޓަރުގެ އިންވޯލްމަންޓް ވަރަށް ބޮޑަށް ބޮޑުވާންޖެހޭ. ރާއްޖޭގެ ގިނަ ބަޔަކު މަސައްކަތް ކުރަނީ ޕްރައިވެޓް ސެކްޓަރުގައި އަމިއްލަ މަސައްކަތުން އެހެންވީމަ އެމީހުންނަށް ފުރުސަތު ލިބިގެން އެމީހުން ކުރިއެރީމަ ގައުމު ކުރިއަރާނީ. ސަރުކާރުގެ ޕޮލިސީ އަކީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިއްސާތައް ވެސް އާންމު ރައްޔިތުންނަށް ވިއްކާ ޕްރައިވެޓައިޒް ކުރުން. އެހެންވީމައި މި ޕޮލިސީ އޯޕަންމާކެޓް ޕޮލިސީ ތަންފީޒް ކުރުން އަޅުގަނޑުގެ ޕޮލިސީ އަކީވެސް،" ޝިހާބް ވިދާޅުވި އެވެ.

ސަރުކާރުގެ ދަރަނި ބޮޑުވުން ނޫނީ ޑެފިސިޓް ބޮޑުވުމުގެ ސަބަބުން އިގްތިސޯދީ ގިނަ މައްސަލަތަކެއް ކުރިމަތިވެފައިވާއިރު ޝިހާބް ވިދާޅުވީ ސަރުކާރުގެ ބޭކާރު ހަރަދު ކުޑަކުރުމަށް ސަރުކާރު ހިއްސާވާ ކުންފުނިތަކުން ކުރާ ހަރަދުތަށް ވަރަށް ކައިރިން ބައްލަވާ ކޮންޓްރޯލް ކުރައްވާނެ ކަމަށެވެ.

"ރައްޔިތުންގެ މަޖިލީހުން ފާސްކުރާ މިންގަޑަކަށް ދެއްތޯ ހަރަދު ކުޑަކުރެވޭނީ . ބަޖެޓުން އޮންނާނީ ސަރުކާރު ހިއްސާވާ އެކި ކުންފުނިތަކާއި އެކި ތަންތަނުގެ ހަރަދު ކުރަނީ ރަނގަޅައްތޯ އެތަންތަން ރަނގަޅަށް އޯޑިޓް ކޮށް ބަލައި އިންޓާނަލް އޮޑިޓް ކޮށް އެކަންތައްތައް ބެލީމައި އަޅުގަނޑަށް ހީވަނީ ތަންކޮޅެއް ގާތުން ބެލީމައި. ބޭކާރު ހަރަދުތަށް ކުރުން މަދުވެގެން ދާނެ ކަމަށް،" މިނިސްޓަރު ވިދާޅުވި އެވެ.

ގައުމަށް ދިމާވެފައިވާ ޑޮލަރުގެ މައްސަލަ އާއި އަދި އިންފްލޭޝަންގެ މައްސަލަ ހައްލުކުރުމަށް މިހާރު ވެސް ތަންފީޒް ކުރަމުން އަންނަ އިގްތިސޯދީ އިސްލާހީ އެޖެންޑާގެ ކުރިއަށް ގެންދަން ޖެހޭ ކަމައްވެސް ޝިހާބު ވިދާޅުވި އެވެ.

"ދިވެހިރާއްޖޭގައި މިހާރު ތަންފީޒް ކުރާ އާ ސިޔާސަތު، އެއީ ޓެކްޒޭޝަނާއި ހުރިހާ ކަމެއް މި އަންނައިރު އަޅުގަނޑަށް ހީވަނީ ރަނގަޅު ވާނެ ހެން،" ޝިހާބު ވިދާޅުވި އެވެ. "މި ސަރުކާރުގެ ސިޔާސަތަކީ އެއް ސިޔާސަތެއް، ސަރުކާރުގެ އިގްތިސޯދީ ސިޔާސަތު ތަންފީޒް ކުރުން އަޅުގަނޑުގެ ވާޖިބަކަށް އަދި މަސްއޫލިއްޔަތަކަށް ވާނީ. އެހެންވީމައި އެ މަސައްކަތްތައްތައް ކުރިއަށް ގެންދާނަން."

ޝިހާބް ފިނޭންސް މިނިސްޓަރުކަމަށް މިއަދު އައްޔަން ކުރީ ކުރިން އެމަގާމުގައި ހުންނެވި އަހުމަދު އިނާޒް މިދިޔަ މަހު ކުއްލި ގޮތަކަށް އެ މަގާމުން އިސްތިއުފާދެއްވާފައި ވަނިކޮށެވެ. އިނާޒް އާއި އެކު އޭރު ސްޓޭޓް މިނިސްޓަރުކަން ކުރެއްވި އަހުމަދު ނަސީރު ވެސް ވަނީ މިނިސްޓްރީން އިސްތިއުފާ ދެއްވާފަ އެވެ. އަދި އޭގެކުރިން ފައިނޭންސް ކޮންޓްރޯލާގެ މަގާމުގައި ހުންނެވި އަހުމަދު އައްސަދުވެސް ވަނީ އިސްތިއުފާދެއްވާ ގެއަށް ވަޑައިގެންފަ އެވެ.