ދެ މީހަކު މަރާލި ކަމުގެ ދައުވާ އުފުލައި ނުރައްކާތެރި ކުށްވެރިއެއްގެ ގޮތުގައި އިއުލާންކޮށްފައިވާ ގ. ކޯޒީ އިބްރާހިމް ޝަހުމް އާދަމް ކައިވެނިކޮށްފި އެވެ.

ސަން އޮންލައިނަށް ކަށަވަރުވެފައިވާ ގޮތުގައި ޒުވާން ޝަހުމް ކައިވެނިކޮށްފައި ވަނީ މިދިޔަ ޑިސެމްބަރު މަހުގެ ފަހުކޮޅު އެވެ.

ހޮޓަލެއްގެ ތެރޭގައި ލަކުޑި ބުރިއަކުން މީހަކަށް ހަމަލާދިން ކަމުގެ ކުށް ސާބިތުވެގެން އެއް އަހަރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުން އަންނަ ޝަހުމް ކައިވެނި ކުރަން ގެންދިޔައީ އޭނާ ޖަލުގައި ހުއްޓަ އެވެ. އަދި އާއިލާއާ ބެހޭ ކޯޓަށް ޝަހުމް ގެންދިޔައީ ޑީޕީއާރުއެސްއާ ފުލުހުންގެ ސެކިއުރިޓީއާ އެކު އެވެ.

ޓެރަރިޒަމްގެ ދައުވާ ވެސް އުފުލައި 20 އަހަރުގެ ޝަހުމް ކައިވެނިކޮށްފައި ވަނީ ދިވެހި އަންހެން ކުއްޖަކާ އެވެ.

"ވަރަށް ރީތި ކުއްޖަކާ ކައިވެނި ކުރީ، އެދުވަހު އޭނާގެ ވަރަށް ގިނަ އެކުވެރިން ވެސް މި ހިސާބަށް އައިސް އުޅުނު،" ޝަރުއީ ދާއިރާގައި މަސައްކަތް ކުރައްވާ ބޭފުޅަކު ވިދާޅުވި އެވެ.

ޝަހުމަކީ މ. ބިއުޓީފްލާވާ، މުހައްމަދު ހުސެއިން މަރާލި ކަމަށް ތުހުމަތު ކުރާ މީހެކެވެ. މީގެ އިތުރުން މިދިޔަ އަހަރުގެ މާޗް މަހު މަޖީދީމަގުގައި އަހުސަން ބަޝީރަށް ވަޅިން ހަމަލާދީ މަރާލި ކަމުގެ ތުހުމަތު ވެސް ފުލުހުން ކުރަނީ ޝަހުމްގެ މައްޗަށެވެ.

ބަޝީރުގެ މަރުގެ މައްސަލައިގައި ފުލުހުން ޝަހުމް ހޯދަމުން ދަނިކޮށް އިތުރު ބަޔަކާ އެކު އޭނާ އަތުލައިގެންފައި ވަނީ ފަޅު ރަށެއްގައި ފިލައިގެން އުޅެނިކޮށެވެ.