08 Jul 2020, 21:36
އަހްލާގީ މައްސަލަތަކާ ގުޅިގެން ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދު އިސްތިއުފާ ދިނުމަށް ރައީސް އިބްރާހިމް މުހައްމަދު އޭނާއަށް އަންގަައިފިި އެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދު މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މަސައްކަތުގެ މާހައުލުގައި ހިނގައިގެން ނުވާނެފަދަ އަހްލާގީ މައްސަލަތަކެއް ޓުއަރިޒަމް މިނިސްޓްރީގައި ހިނގާފައި ވާކަމުގެ ޝަކުވާ އެ މިނިސްޓްރީގެ މުވައްޒަފުންތަކެއް ރައީސުލްޖުމްހޫރިއްޔާއަށާއި ޖެންޑާ މިނިސްޓްރީ އަށް ހުހަޅާފައިވާ ކަމަށެވެ.
"މިކަމާ ގުޅިގެން މިނިސްޓަރ އޮފް ޓުއަރިޒަމް އަލްފާޟިލް އަލީ ވަހީދު މަގާމުން އިސްތިއުފާ ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ މިރޭ އަންގަވާފަ،" ހޫދު ކުރެއްވި ޓްވީޓްގައި ވިދާޅުވެފައިވެ އެވެ.
އަލީ ވަހީދާ ގުޅިގެން ހުށަހަޅާފައިވަނީ ކޮން ޝަކުވާއެއް ކަމެއް ހޫދު ހާމައެއް ނުކުރައްވަ އެވެ.
"ސަން"އަށް އެނގިފައިވާ ގޮތުގައި، ޓުއަރިޒަމް މިނިސްޓްރީގެ މުވައްޒަފުން ރައީސް އޮފީހަށް ޝަކުވާ ހުށަހެޅީ އެ މިނިސްޓްރީތެރޭގައި ޖިންސީ ފުރައްސާރައިގެ މައްސަލަތަކެއް ހިނގައިގެންނެވެ.
ރައިސުލްޖުމްހޫރިއްޔާ އަލީ ވަހީދު އިސްތިއުފާ ދިނުމަށް އެންގި އިރު، އޭނާ ކަމަށް ތުހުމަތު ކުރެވޭ މީހެއްގެ އޯޑިއޯއެއް މީގެ ކުރިން ވަނީ ލީކްވެފަ އެވެ. އެ އޯޑިއޯގައި އަލީ ވަހީދު ކަމަށް ބެލެވޭ މީހަކު ޓްރާންސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާާއާ އާންމު އިޖުތިމާއީ މިންގަނޑާ ހިލާފަށް ވާހަކަ ދައްކަވަ އެވެ. އެކަމާ ގުޅިގެން އަލީ ވަހީދު އިސްތިއުފާ ދިނުމަށް އޭރު އާންމު ގޮވާލާ އެ މައްސަލަ ވަރަށް ހޫނުވި އެވެ.