08 Jul 2020, 23:20
ޒަމާނަށް އަންނަ ބަދަލުތަކާއެކު ލިޔުންތެރިކަންވެސް ތަރައްގީ ކުރުމަށް އަދާކާދައާއި ސަގާފަތާ ބެހޭ ވަޒީރު ޔުމްނާ މައުމޫން ވިދާޅުވެއްޖެއެވެ.
މިއަދަކީ، ރާއްޖޭގައި ފާހަގަކުރާ ލިޔުންތެރިންގެ ދުވަހެވެ.
ދުވަހުގެ މުނާސަބަތުގައި ލިޔުންތެރިންނަށް ތަހުނިޔާ ފޮނުވާ، ޔުމްނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ލިޔުންތެރިންނަކީ ގައުމަށް ނުހަނު ބޭނުންތެރި ބައެއް ކަމަށެވެ. އެގޮތުން އެމީހުން ކުރާ އަގުހުރި މަސައްކަތަކީ، ތައުލީމާއި އުފެއްދުންތެރިކަމާއި މުނިފޫހިފިލުވުމުގެ ބިންގާގެ ގޮތުގައި ޔުމްނާ ސިފަ ކުރެއްވިއެވެ.
"ޒަމާނަށް އަންނަ ބަދަލުތަކާއި އެކު، ތަފާތު އެކި ބާވަތްތަކުގެ ލިޔުންތައް ދިރާސާކޮށް، ދިވެހި ލިޔުންތެރިކަންވެސް އެ މަގުން ތަރައްޤީ ކުރުމަށް މަސައްކަތްކޮށްދެއްވުމަށް އަޅުގަނޑު ލިޔުންތެރިންނަށް އިލްތިމާސްކުރަން،" ޔުމްނާގެ ޓްވީޓްގައި ވިދާޅުވިއެވެ.
މަދުން އުފެއްދޭ ލިޔުންތައް، އިތުރަށް ލިޔުމަށް ލިޔުންތެރިން އިސްކަން ދިނުމަށްވެސް ޔުމްނާ އެދިވަޑައިގެންނެވިއެވެ.
"ދިވެހި ބަހުން ޝާއިއު ކުރެވޭ ލިޔުންތެރި އުފެއްދުންތަކުގެ ބާވަތްތަކުގެ ތެރެއިން މަދުން އުފެއްދޭ ބާވަތްތަކުގެ ލިޔުންތައް އިތުރަށް އުފައްދަވައި އާންމުކޮށްދެއްވުމަކީ އަޅުގަނޑު، ލިޔުންތެރިންގެ ކިބައިން އެދޭ ވަރަށް ބޮޑު އެދުމެއް،" ޔުމްނާ ވިދާޅުވިއެވެ.
މިއަދު ފާހަގަކުރަމުން މިދަނީ ރާއްޖޭގެ 27 ވަނަ ލިޔުންތެރިންގެ ދުވަހެވެ. ރާއްޖޭގެ ލިޔުންތެރިންގެ ދުވަސް ފާހަގަ ކުރަނީ ކޮންމެ އަހަރެއްގެ ޖުލައި މަހުގެ އަށްވަނަ ދުވަހުއެވެ.