04 Jan 2012, 11:29
ށ. މިލަންދޫ އާއި އއ. މަތިވެރި ބައި އިލެކްޝަނުގައި ރައީސުލް ޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ދައުލަތުގެ ތަކެއްޗާ ފައިސާ ބޭނުން ކުރައްވައިގެން އެމްޑީޕީގެ ކެންޑިޑޭޓުންނަށް ކެމްޕެއިން ކޮށްދެއްވެވި ކަމަށް ބުނެ ޕީޕީއެމުން އޭސީސީ އަށް ހުށައެޅި މައްސަލަ މާދަމާ އަށް އެޖެންޑާ ކޮށްފައިވާ ކަމަށް އޭސީސީން ބުނެފި އެވެ.
އޭސީސީގެ ރައީސް ހަސަން ލުތުފީ މިއަދު ވިދާޅުވީ ރައީސް ނަޝީދު ދައުލަތުގެ މުދަލާއި ފައިސާ ހަރަދު ކުރައްވައި ރަށްރަށަށް ވަޑައިގެން އެމްޑީޕީގެ ކެނޑިޑޭޓުންނަށް ކެމްޕެއިން ކޮށްދެއްވި ކަމަށް ބުނާ މައްސަލަ ނުބެލި ލަސްވީ އެ ކޮމިޝަނުގެ ބައެއް މެންބަރުން ޗުއްޓީގައި ތިއްބެވުމުން ކަމަށާއި ނަމަވެސް މާދަމާ އޮންނަ ބައްދަލުވުމަށް އެޖެންޑާކޮށް އެ މައްސަލަ ބައްލަވާނެ ކަމަށެވެ.
ލުތުފީ ވިދާޅުވީ ރައީސަކަށް ހުންނަވާ ބޭފުޅަކު ދައުލަތުގެ މުދަލާއި ފައިސާ ހަރަދު ކުރައްވައިގެން ކެމްޕެއިން ކުރައްވާ މައްސަލައަކީ މީގެ ކުރިން ވެސް އޭސީސީއަށް ހުށައަޅާ މައްސަލައެއް ކަމަށާއި، އެ މައްސަލަތައް ނުބެލެނީ ކަމާބެހޭ ގާނުނެއް ވެސް ގަވައިދެއް ވެސް ނެތުމުން ކަމަށެވެ. އަދި ވިދާޅުވީ އެފަދަ މައްސަލަތައް ހައްލުކުރަން ގަވާއިދެއް ހަދަން ޖެހޭކަމަ ށެވެ.
އިލެކްޝަންސް ކޮމިޝަނުގެ ރައީސް ފުވާދު ތައުފީގު އިއްޔެ ވިދާޅުވެފައިވަނީ ޕީޕީއެމް އިން ހުށަހެޅި ޝަކުވާގައި ރައީސް ނަޝީދު ދައުލަތުގެ ތަކެތި ބޭނުން ކުރައްވައިގެން އިންތިޚާބުގައި ކެންޕޭން ކުރައްވާފައިވާ ކަމަށް ބުނެފައިވާ ކަމަށާއި، އެފަދަ މައްސަލަތަކަކީ އެ ކޮމިޝަނުން ބެލޭނެ މައްސަލައެއް ނޫން ކަމަށެވެ.
މިލަންދޫ އާއި މަތިވެރި އަދި ފިއްލަދޫގެ ލޯކަލް ކައުންސިލްގެ ބައި އިލެކްޝަނަށް ރައީސް ނަޝީދު ނުފޫޒު ފޯރުއްވަވާފައިވާ ކަމަށް ބުނެ ޕީޕީއެމުން ވަނީ މައްސަލަ ފުލުސް އޮފީހަށާއި އިލެކްޝަނާއި އޭސީސީ އަދި ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީއަށް ވެސް ހުށަހަޅައިފަ އެވެ.
އެ މުއައްސަސާތަކަށް ޕީޕީއެމުން ފޮނުވި ސިޓީގައި ބުނަނީ ރައީސް ނަޝީދު ދައުލަތުގެ މުދަލާއި ފައިސާ ބޭނުން ކުރައްވައިގެން ވަފުދުތަކާއި ދައުލަތުގެ އުޅަނދުފަހަރުތަކުގައި ދަތުރުކުރައްވައި އަމިއްލަފުޅު ޕާޓީގެ ކެނޑިޑޭޓުންނަށް ތާއީދު ހޯދެއްވުމަށްޓަކައި އިންތިހާބަށް އެކިގޮތް ގޮތުން ނުފޫޒްފޯރުވި ކަމަށެވެ.