04 Jan 2012, 10:58
ދުނިޔޭގެ ގައުމުތަކުގެ އިގުތިސާދުތައް ރަނގަޅުވާން އުޅޭކަމުގެ އުއްމީދުތަކާއެކު ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލެން ފަށައިފި އެވެ.
ބީބީސީން ބުނި ގޮތުގައި ބްރެންޓް ކްރޫޑް ފީފާއެއް އިއްޔެ 112.27 ޑޮލަރަށް ހުރި އިރު އެއީ ކުރީގެ އަގަށް ވުރެ 4.89 ޑޮލަރު އިތުރު އަދަދެކެވެ. އަދި ޔޫއެސް ކްރޫޑް ފީފާއެއް އިއްޔެ ހުރީ ކުރިއަށް ވުރެ 4.13 ޑޮލަރު ބޮޑުކޮށް 102.96 ޑޮލަރަށެވެ.
އެމެރިކާއާއި ޗައިނާ އަދި އިންޑިޔާ ފަދަ ގައުމުތަކުގެ އިގުތިސާދު ކުރިން ހީކުރި ވަރަށް ވުރެ ރަނގަޅުވެފައިވާތީ ދުނިޔެއަށް ކުރިމަތިވެފައިވާ އިގުތިސާދީ ހީނަރުކަމުން އަރައިގަނެވޭނެ ކަމަށާއި ތެލަށް އޮންނަ ޑިމާންޑް އިތުރުވެގެންދާނެ ކަމަށް ވަނީ ބެލެވިފައެވެ.
އަދި އީރާނުން ކުރި މިސައިލް ޓެސްޓްތަކާއި އެމެރިކާއިން އެ ގައުމާ ދެކޮޅަށް އެޅި ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން ވެސް ތެލުގެ ސަޕްލައިއަށް މައްސަލަތައް ކުރިމަތިވާނެ ކަމަށް ބެލެވެއެވެ. އަރަބި ގަލްފަށް ވަންނަން އޮންނަ ހޮރުމުޒް ކަނޑުއޮޅި ބަންދުކޮށްފާނެ ކަމުގެ އިންޒާރު އީރާނުން ދީފައިވާއިރު އެ ކަނޑުއޮޅިއަކީ ދުނިޔޭގެ އެކިކަންކޮޅުތަކަށް ގެންދާ ތެލުގެ 15 ޕަސެންޓް ގެންދެވޭ ކަނޑު އޮޅިއެވެ.
ދުނިޔޭގެ ގިނަ ގައުމުތަކެއްގެ އިގުތިސާދު ހީނަރުވުމާ ގުޅިގެން މިދިޔަ އަހަރު ތެލުގެ އަގު އޮތީ ދާދި އެއްވަރެއްގައި ހިފެހެއްޓިފައެވެ.