14:30


ސަރުކާރާއެކު މިހާތަނަށް އިއްތިހާދު ވެފައިވާ، ގާސިމް އިބްރާހީމްގެ ޖުމްހޫރީ ޕާޓީ އިއްތިހާދުން ވަކިކޮށް، ސަރުކާރުގައި ތިއްބެވި އެ ޕާޓީއަށް ނިސްބަތްވެ ވަޑައިގަންނަވާ ބޭފުޅުން ވަޒީފާއިން ވަކިރުމަށް އެމްޑީޕީގެ ގައުމީ މަޖިލީހުން ނިންމައިފި އެވެ.


އެމްޑީޕީގެ ހަރުގޭގައި ރޭ އޮތް އެ ޕާޓީގެ އާއްމު ޖަލްސާގައި ވާހަކަ ދެއްކެވި އެ ޕާޓީގެ ގައުމީ މަޖިލީހުގެ މެންބަރުން ވިދާޅުވީ، ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިނލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް އިސްވެ ހުންނަވައިގެން ސަރުކާރު ހިންގުމަށް ތަފާތު ގޮތްގޮތުން ދަތި ކުރައްވަމުން ގެންދަވާ ކަމަށެވެ. އެހެންކަމުން ގައުމީ މަޖިލީހުން އެ ފިޔަވަޅު އެޅީ ކަމަށް ވެސް އެ މެންބަރުން ވިދާޅުވި އެވެ.


މި ޖަލްސާގައި ވާހަކަ ދައްކަވަމުން، އެމްޑީޕީގެ ޗެއާ ޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޯޅި ދެކުނު ދާއިރާގެ މެންބަރު މާރިޔާ އަހްމަދު ދީދީ، ވިދާޅުވީ ކެބިނެޓްގެ ހުރިހާ މެންބަރުން އިއްޔެ އިސްތިއުފާ ދެއްވީ އެމްޑީޕީގެ ރޫހާ އެއްގޮތަށް ކަމަށެވެ. އަދި އެ ބޭފުޅުން އެ ދެއްކެވި ހިތްވަރުގަދަ އަމަލަށް އެމްޑީޕީގެ ފަރާތުން މަރުހަބާ ވިދާޅުވާ ކަމަށް ވެސް މާރިޔާ ވިދާޅުވި އެވެ.


މިޖަލްސާގައި ވާހަކަ ދައްކަވަމުން، ޕޮލިޓިކަން އެޑްވައިޒާ ޓުދަ ޕްރެޒިޑެންޓް ހަސަން އަފީފު ވިދާޅުވީ، ގާނޫނީގޮތުން ލިބިގެންވާ ބާރުގެ ބޭނުންކޮށްގެން ސަރުކާރު ހިންގުމަށް ހުރަސްއަޅާ ފަރާތްތަކާމެދު އަޅަންޖެހޭ އެއްމެ ހަރުކަށި ފިޔަވަޅު ސަރުކާރުން އަޅާނެ ކަމަށެވެ. އަދި ސަރުކާރުން ކުރަންއުޅޭ ކަންތައްތައްކަށް އެއްވެސް ފަރާތަކުން ހުރައް ނޭޅުމަށް އަފީފު އިންޒާރު ކުރެއްވި އެވެ.


މި ޖަލްސާގައި، ސްޕެޝަން އެންވޯއީ ޓުދަ ޕްރެޒިޑެންޓް، އިބްރާހިމް ހުސެއިން ޒަކީގެ އިތުރުން އެމްޑީޕީއަށް ނިސްބަތްވެ ވަޑައިގަންނަވާ ރައްޔިތުންގެ މަޖިލީހުގެ ވަރަށްގިނަ މެންބަރުން، ސަރުކާރު ފެއިލް ނުވާ ކަމަށާއި، ފުރިހަމަ ބާރުގައި އަދިވެސް އޮތީ އެމްޑީޕީ ސައުރާރު ކަމަށް ތަކުރާރުކޮށް ވިދާޅުވަމުން ގެންދެވި އެވެ.