08 Jul 2020, 12:23
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ވުރެ، ކުޑަކުދިންނާ އަންހެނުންނަށް ކުރާ ގޯނާގެ މައްސަލަތަކަށް ހޭލުންތެރި، އަދި އެ މައްސަލަތަކުގެ މައުލޫމާތު ލިބި ތިއްބެވި ބަޔަކު ނެތް ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރާއްޖޭގައި ކުޑަކުދިންނަށް ކުރާ އަނިޔާ ހުއްޓާލުމަށް ޓަކައި ކުޑަކުދިންނާއި އެކުދިންގެ ހައްގުތައް ހިމާޔަތްކުރުމުގެ މަސްއޫލިއްޔަތު ގާނޫނުން މަތިކޮށްފައިވާ ފަރާތްތަކުން އެމީހުންގެ މަސްއޫލިއްޔަތު ފުރިހަމަގޮތުގައި އަދާކުރުމަށް ބާރުއެޅުމުގެެ ގޮތުން މައްޗަންގޮޅި ދެކުނު ދާއިރާގެ މެމްބަރު އަހްމަދު ހައިތަމް ވަނީ މަޖިލީހަށް ގަރާރެއް ހުށަހަޅުއްވައިފައެވެ.
އެ ގަރާރާ ގުޅިގެން ބައެއް މެމްބަރުންގެ ވާހަކަތަކަށް ފަހު، މަޖިލިސްގެ ރައީސް ވަނީ މިއީ ވަރަށް މުހިންމު ބަހުސެއް ކަމަށް ވިދާޅުވެ، މެމްބަރުންނަށް އަމާޒުވެދާނެ މަލާމާތަކަށް ނުވަތަ ރައްދަކަށް ވިސްނައި، މައްސަލައިގައި މެމްބަރުން "ތަޅުލެވިފައި" ނުތިއްބެވުމަށް އިލްތިމާސްކުރައްވައިފައެވެ.
"އަޅުގަނޑު ދެކޭ ގޮތުގައި ތިޔަ އިއްޒަތްތެރި މެމްބަރުންނަށް ވުރެ ވަކި ފުންކޮށް މިކަންކަމުގައި މައުލޫމާތު ލިބި، ތަޖުރިބާ ލިބި، ހޭލުންތެރިވެފަ ތިބި ބަޔަކު ހަގީގަތުގައެއް ނެތް،" މަޖިލިސް ރައީސް ވިދާޅުވިއެވެ.
މަޖިލިސް ރައީސް ވިދާޅުވީ މިކަންކަމުގައި ފަންނީ މާހިރުން އެބަ ތިއްބެވިކަން އެނގިވަޑައިގަންނަވާ ކަމަށާއި އަދި ޒުވާން ޖޯށުގައި މިކަންކަމާ ގުޅޭގޮތުން ވާހަކަދައްކާއިރު "ފެއިލް ވެއްޖެ"، "ނުވި"، "އަޅައެއް ނުލި"، ފަދަ ބަސްތައް އަމާޒުވާނެކަން ވެސް އެނގިވަޑައިގަންނަވާ ކަމަށެވެ.
"އެހެން ނަމަވެސް ކަންބޮޑުވެނުލައްވާ. އަޅުގަނޑުމެން ރާއްޖޭގެ ގިނަ ރައްޔިތުންނަށް ވަރަށް ބޮޑަށް ސާފު ތިޔަ އިއްޒަތްތެރި މެމްބަރުން ފެއިލްް ނުވާކަން. ކޮން އިރަކުތޯ މި މަޖިލީހުގައި ކެނޑިނޭޅި މި ވާހަކަ ދެއްކީ. ކޮން އިރަކުތޯ؟ ނުދައްކާނެ،" މަޖިލިސް ރައީސް ވިދާޅުވިއެވެ.
ހައިތަމްގެ ގަރާރުގައި މިހާރަށް ވުރެ ބޮޑަށް ދައުލަތުން އަނިޔާ ލިބޭ އެފަރާތްތަކަށް ސަމާލުކަން ދިނުމަށާއި، ދައުލަތުގެ ފެންވަރުގައި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމަށް މިހާރަށްވުރެ ހަރުދަނާ މަސައްކަތްތަކެއް ކުރުމަށާއި، ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމަށްޓަކައި ދައުލަތުން ކުރާ ހޭދަ މިހާރަށް ވުރެ އިތުރުކުރުމަށް ގޮވާލާފައިވެ އެވެ.
މެމްބަރު ހުށަހެޅުއްވި ގަރާރުގަައި ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގެ މަގުސަދު ހާސިލްކުރުމަށް ޓަކައި، ކުޑަކުދިންނަށް ބޭނުންވާ ރައްކާތެރިކަން ގާއިމުކުރުމަށް ޓަކައި ބޭނުންވާ އިންސާނީ ވަސީލަތްތައް އިތުރުކުރުމަށާއި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ދާއިރާގެ ފަންނީ މާހިރުން އިތުރުކުރުމަށް ހުށަހަޅާފައިވެ އެވެ.
އަދި އަނިޔާ ލިބިފައިވާ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމަށް ޓަކައި ފޮސްޓަ ކެއާގެ ދާއިރާއަށް ދައުލަތުން މިހާރަށް ވުރެ ބޮޑަށް ސަމާލުކަންދީ، އަނިޔާ ލިބިފައިިވާ ކުޑަކުދިން ވީހާ ވެސް އަވަހަކަށް ރައްކާތެރި މާހައުލަކަށް ބަދަލުކުރުމުގެ ކަންކަން ހަރުދަނާ އުސޫލެއްގެ މަތިން ކުރުމަށް ވެސް ވިދާޅުވެފައިވެ އެވެ.
އެގޮތުން އިދާރީ އޮނގަނޑުތަކެއްގެ މަތިން ފޮސްޓަ ކެއާ ސިސްޓަމް ހިންގުމަށް ވަކި ސެކްޓާއެއް ގާއިމުކޮށް، އޭގެ ދަށުން އަހަންމިއްޔަތުކަމެއް ދީގެން ގެންގުޅުމަށް ގަރާރުގައިވެ އެވެ.
ހަމައެއާއެކު ފޮސްޓަ ކެއާ ސިސްޓަމް ގާއިމުކުރަން ސޯޝަލް ވޯކަރުން ތަމްރީނުކުރުމަށާއި ދައުލަތުގެ ފޮސްޓާ ކެއާ ހޯމް އެއް ގާއިމުކޮށް، ކޮންސަލްޓެންޓުން އަދި ތެރަޕިސްޓުން ހަމަޖައްސަން ވެސް ގަރާރުގައިވެ އެވެ.
އަދި ކުޑަކުދިންގެ ރައްކާތެރިކަމާ ގުޅޭ ކަންކަން އިސްލާހުކޮށް ހަރުދަނާކުރުމަށް އިންވެސްޓް ކުރާވަރާއި، ހަރަދުކުރާ މިންވަރު އިތުރުކުރުމަށް ވެސް ގަރާރުގައިވެ އެވެ.
މީގެ އިތުރުން ކުޑަކުދިންނަށް އަޅާނުލާ ފަރާތްތަކާއި އެ ކުދިންނާމެދު އިހުމާލުވެ، އިހާނެތިކޮށް ހިތައި، ގޯނާކޮށް، އެކުދިންގެ ކިބައިން ނާޖާއިޒް ފައިދާ ހޯދާ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމަށާއި، އަނިޔާގެ ޝިކާރައަކަށްވާ ކުޑަކުދިންނަށް ރައްކާތެރި މާހައުލެއް ހޯދައިދިނުމަށް ޓަކައި ކުޑަކުދިންނާ ގުޅުންހުރި ކަންކަމުގައި، ދައުލަތުގެ އެކިއެކި މުއައްސަސާތައް ގުޅިގެން މަސައްކަތް ކުރުމަށް ވެސް ބުނެފައިވެ އެވެ.