08 Jul 2020, 12:57
ކޮވިޑް-19 އާ ގުޅިގެން އިއުލާނުކުރި ފުރަބަންދުގައި ގޭގައި ތާށިވެފައި އެތައް ދުވަހެއް ތިބެން ޖެހުމުން 46 ޕަސެންޓް މީހުން "ވަރަށް ބޮޑަށް" ސްޓްރެސްވި ކަމަށް ގައުމީ ޔުނިވާސިޓީ، އެމްއެންޔޫގެ ދިރާސާއިން ދައްކައިފި އެވެ.
ކޮވިޑް-19 އާ ގުޅިގެން އިޖުތިމާއީ އަދި އިގްތިސޯދީގޮތުން ކޮށްފައިވާ އަސަރުތައް ދެނެގަތުމަށް އެމްއެންޔޫއާއި ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ދަނީ ދިރާސާތަކެއް ހަދަމުންނެވެ. އެގޮތުން އެ ދިރާސާގެ ފުރަތަމަ ރައުންޑުގައި 2،871 މީހެއް ދިރާސާގައި ބައިވެރިވެފައިވެއެވެ.
އެ ދިރާސާގައި ބައިވެރިވި މީހުންގެ ތެރެއިން 46 ޕަސެންޓް މީހުން ވަކީ ގޭގައި މަޑުކުރަން ޖެހުމުން ވަރަށް ބޮޑަށް ސްޓްރެސް ވެފައިވާ ކަމަށް އެ ދިރާސާއިން ދައްކައެވެ. އަދި ބާކީ މީހުންގެ ތެރެއިން ގިނަ ބަޔަކު ކޮންމެވެސް ވަރަކަށް ސްޓްރެސްވި އިރު އެއްވެސް ވަރަކަށް ސްޓްރެސް ވެފައި ނުވާ ބަޔަކުވެސް ތިބި ކަމަށް ދިރާސާއިން ދައްކައެވެ.
ކޮވިޑާ ގުޅިގެން ސިއްހީ ހިދުމަތްތައް ހޯދަމުން ދިޔަ ގޮތްތަކަށްވެސް ވަނީ ބަދަލުވެފައެވެ. ވައިރަސް ފެތުރޭތީ ގެއިން ބޭރަށް ނިކުތުން މަނާވުމުން ޑޮކްޓަރުންނަށް ދައްކަން ޖެހުނީ އޮންލައިންކޮށެވެ. އެގޮތުން ދިރާސާއިން ދައްކާގޮތުގައި 21 ޕަސެންޓް މީހުން ވަނީ އޮންލައިން ހިދުމަތް ބޭނުންކޮށްގެން ޑޮކްްޓަރަށް ދައްކާފައެވެ. އެހެންނަމަވެސް 61 ޕަސެންޓް މީހުންނަކީ އެއްވެސް ކަހަލަ ހެލްތު ކެއާއެއް ބޭނުން ވެފައި ނުވާ މީހުން ކަމަށް ދިރާސާއިން ދައްކައެވެ.
ވައިރަސްގެ ހާލަތު ގޯސްވެ ރާއްޖޭގެ ހެލްތު ކެއާ ސިސްޓަމް އޯވަލޯޑް ވެދާނެތީ އެކަމާ 91 ޕަސެންޓް މީހުން ކަންބޮޑުވާ ކަމަށް ދިރާސާއިން ދައްކައެވެ.
ފުރަބަންދުގައި އެންމެ ބޮޑު ޑިމާންޑެއް އޮތް އެއް ހިދުމަތަކީ ޑެލިވަރީގެ ހިދުމަތަށެވެ. އެގޮތުން ކާއެއްޗެއްސާއި ޒަރޫރީ ބޭނުންތަަކަށް 72 ޕަސެންޓް މީހުން ވަނީ ދެލިވަރީގެ ހިދުމަތް ބޭނުންކޮށްފައެވެ. އަދި 46 ޕަސެންޓް މީހުން ވަނީ ފިހާރައަށް ތަކެތި ގަތުމަށް ގޮސްފައި ކަމަށް ދިރާސާއިން ދައްކައެވެ.
ޑެލިވަރީގެ ހިދުމަތް ބޭނުންކޮށްފައިވާ ފަރާތްތަކުގެ 48 ޕަސެންޓް މީހުން ވަނީ ހަފްތާއަކު އެއް ދުވަހާއި ތިން ދުވަހާ ދެމެދަށް ޑެލިވަރީގެ ހިދުމަތް ބޭނުންކޮށްފައި ކަމަށް ދިރާސާއިން ދައްކައެވެ. އަދި 16 ޕަސެންޓް މީހުންނަކީ ޖުމްލަ ފަސްވަރަކަށް ފަހަރު އެ ހިދުމަތް ބޭނުންކޮށްފައިވާ މީހުންނަށްވާއިރު 26 ޕަސެންޓަކީ އެއްވެސް ވަރަކަށް ޑެލިވަރީގެ ހިދުމަތް ބޭނުންކޮށްފައި ނުވާ މީހުންނެވެ.