04 Jan 2012, 10:32
ފިނޭންސް މިނިސްޓަރު ކަމަށް މުހައްމަދު ޝިހާބު ހަމަޖައްސައްވައި ރައީސުލް ޖުމްހޫރިޔާ މުހައްމަދު ނަޝީދު އޭނާއަށް މަގާމުގެ ފަތްކޮޅު އަރުވައިފި އެވެ.
ކުރިން ހޯމް މިނިސްޓަރުގެ މަގާމުގައި ހުންނެވި ޝިހާބު އެ މަގާމަށް ހަމަޖެއްސެވީ މިދިއަ މަހު 29 ވަނަ ދުވަހު ކުރީގެ ފިނޭނސް މިނިސްޓަރު އަހުމަދު އިނާޒް ފިނޭންސް މިނިސްޓަރު ކަމުގެ މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެނެވެ.
ރައީސްގެ ޕޮލިޓިކަލް އެޑްވައިޒަރުގެ މަގާމުގައި މިހާތަނަށް ޝިހާބު ހުންނެވީ ހޯމް މިނިސްޓަރު ކަމުގެ މަގާމުގައި ހުންންވަނިކޮށް ރައްޔިތުންގެ މަޖިލީހުން ރުހުން ނުލިބި ޑިފެކްޓޯ ވަޒީރަކަށް ބަދަލުވެވަޑައިގަތުމުންނެވެ.
ޝިހާބަށް މިނިސްޓަރުކަން ދެއްވުމަށް ފަހު ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވީ މި ދުވަސްވަރަކީ ރާއްޖޭގެ މާލީ އަދި އިޤްތިޞާދީ ސިޔާސަތަށް ވަރަށް ބޮޑެތި ބަދަލުތަކެއް އަންނަމުންދާ ދުވަސްވަރެއް ކަމަށާއި ޓެކްސްގެ ނިޒާމު ތަޢާރުފް ކުރެވި، ސަރުކާރުގެ އާމްދަނީ އިތުރުވަމުން އަންނަ އިރު ރައްޔިތުންނަށް ފައިދާހުރި ގޮތެއްގައި، ދައުލަތުގެ އާމްދަނީ ޚަރަދު ކުރުމަކީ، ވަރަށް މުހިންމު ކަމެއް ކަމަށެވެ. އަދި އެ މަސައްކަތް ކުރަން ޝިހާބަކީ ޤާބިލް ބޭފުޅެއް ކަމަށް ކަމަށެވެ.
ޝިހާބް ވަނީ އޭނާގެ ލިޔާޤަތާއި ޤާބިލިއްޔަތު ތަންދިން މިންވަރަކަށް މަގާމުގައި ދެމި ހުންނަވާނެ ކަމަށް މިއަދު ވިދާޅުވެފަ އެވެ. އޭނާ މިއަދު މަގާމާ ހަވާލުވެ ވަޑައިގެންނެވިއިރު މިނިސްޓްރީ ހިންގެވުން ވަގުތީ ގޮތުން ހަވާލު ކުރައްވާފައި ވަނީ ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމާ އެވެ.
ޕްރެސް ސެކްރެޓަރީ މުހައްމަދު ޒުހައިރު މިއަދު ވިދާޅުވީ ޝިހާބަކީ ރައްޔިތުންގެ މަޖިލީހުގައި ގިނަ ޒަމާންތަކެއް ހޭދަކުރައްވައި މަޖިލީހުގެ ރައީސްކަން ވެސް ކުރައްވާފައިވާ ގާބިލު ބޭފުޅެއް ކަމަށާއި ފިނޭންސް މިނިސްޓްރީ ހިންގެވުމުގައި ޝިހާބުގެ ގާބިލު ކަމާމެދު ޝައްކު ނުކުރައްވާ ކަމަށެވެ.
ޝިހާބަށް ހުވާ ލައިދެއްވެވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޢަބްދުﷲ ޢަރީފެވެ.