ތޭރަ ފަޅުވެރިންނާއެކު ދަތުރުކުރަމުން ދިޔަ މަސް ދޯންޏެއް ކަނޑުމައްޗަށް ބިންދައިގެން ދިއުމާ ގުޅިގެން އެމްއެންޑީއެފް ކޯސްޓްގާޑުން ހަރަކާތްތެރިވާން ފަށައިފިއެވެ.

އެމްއެންޑީއެފް އިން ބުނީ ބިންދައިގެން ގޮސްފައި ވަނީ "ދިރުން 4" ކިޔާ 91 ފޫޓުގެ މަސް ދޯންޏެއް ކަމަށެވެ. އެއީ ވޭމަންޑޫ ދޯންޏެކެވެ.

ދޯނި ބިންދައިގެން ދިޔައީ ތ. ކިނބިދޫގެ ހުޅަނގު ދެކުނުން ހަތަރު ނޯޓިކަލް މޭލު ބޭރުން ކަމަށެވެ.

އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު، މޭޖަ އިބްރާހިމް އާޒިމް ވިދާޅުވީ އެ ހާދިސާގެ ރިޕޯޓު ލިބިފައި ވަނީ މިއަދު ހެނދުނު 07:10 ގައި ކަމަށެވެ.

ދޯނީގައި ތިބީ 11 ދިވެހީންނާއި ދެ ބިދޭސީން ކަމަށާއި، އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާކަމަށް އާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ މިހާރު އެ އުޅަނދު ކައިރީ ކޯސްޓްގާޑު ހަރަކާތްތެރިވަމުން އަންނަ ކަމަށާއި، އަދި ބިންދައިގެން ދިޔަ ދޯނި ކަފު ޖަހާނެ ދޯންޏެއް ހަމަޖެއްސުމުގެ މަސައްކަތް ދޯނީގެ ވެރިފަރާތުން ކުރަމުން އަންނަ ކަމަށެވެ.