އައްޑޫގައި ކުޑަ އަންހެން ކުއްޖަކާމެދު ގަދަކަމުން ބަދުއަހުލާގީ ޢަމަލު ހިންގި ކަމުގެ ތުހުމަތަށް ދެ މީހަކު ހޯދަން ފަށައިފި އެވެ.

ފުލުހުން ބުނީ އެ ދެ މީހުން ހޯދަމުންދަނީ 17 އަހަރުގެ އަންހެން ކުއްޖަކު ތަނަކަށް ގެންގޮސް ގަދަކަމުން ބަދުއަޚްލާގީ އަމަލު ހިންގި ކަމުގެ ތުހުމަތުގައި ކަމަށެވެ. ނަމަވެސް އެ އަމަލު ހިންގީ އައްޑު އަތޮޅުގެ ކޮން ރަށެއްގައި ކަމެއް ފުލުހުން ނުބުނެ އެވެ. އަދި ރޭ ހުށަހެޅި މައްސަލައިގެ ތުހުމަތުގައި ހޯދަމުން އަންނަ މީހުންގެ ވަނަވަރެއް ވެސް ފުލުހުން ހާމައެއް ނުކުރެ އެވެ.

މިދިޔަ އަހަރު ފުލުހުންނަށް ހުށަހެޅި މައްސަލަތަކަށް ބަލާ އިރު، ކުޑަކުދިންނާއި އަންހެނުންނާ ގުޅުން ހުރި މައްސަލަތަކުގައި 18 އަހަރުން ދަށުގެ ކުޑަކުދިންނާ ބަދުއަޚްލާގީ ޢަމަލު ހިންގުމުގެ މައްސަލަތަކާއި ކުޑަކުދިންނަށް އަނިޔާ ކުރުމުގެ މައްސަލަތައް ގިނަކަން ފާހަގަ ކުރެވޭ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.