މި މަހުގެ އެކަކުން ފެށިގެން ތެލުގެ ބާވަތްތަކުން ޑިއުޓީ ކަޑާ ލުމާއެކު ސަރުކާރުގެ ވިޔަފާރި ކުންފުނި އެސްޓީއޯއިން ވިއްކާ ޑީސަލާއި ޕެޓްރޯލްގެ އަގު ހެޔޮކޮށްފި އެވެ.

މިއަދުން ފެށިގެން ޑީސަލް ލީޓަރެއް ވިއްކަނީ 62ލ. އަގުހެޔޮކޮށް 15.03ރ އަށެވެ. އަދި ޕެޓްރޯލް ލީޓަރެއް ވިއްކަނީ 1.17ރ. އަގު ހެޔޮކޮށް 15.02ރ. އަށެވެ.

މީގެ ކުރިން ޑީސަލް ލީޓަރެއް ވިއްކީ 15.65ރ އަށެވެ. އަދި ޕެޓްރޯލް ލީޓަރެއް ވިއްކީ 16.19ރ އަށެވެ.

އެ ކުންފުނިން މިއަދު އާންމު ކުރި އިއުލާނެއްގައި ބުނީ އެ ކުންފުނިން ވިއްކާ ޑީސަލާއި ޕެޓްރޯލްގެ އަގު ހެޔޮކުރީ ޑިއުޓީ މާފުވުމުން އޭގެ ލުއި ރައްޔިތުންނަށް ފޯރުކޮށް ދިނުމަށް ކަމަށެވެ.

"ޑީސަލާއި ޕެޓްރޯލުން ނަގަމުން އައި އިމްޕޯޓް ޑިއުޓީ އެކެއް ޖެނުއަރީ 2012 އިން ފެށިގެން ނެގުން ހުއްޓާލުމާ ގުޅިގެން ތެޔޮ އިމްޕޯޓް ކުރުމުގެ ހަރަދަށް އައި ލުއިކަން ރައްޔިތުންނަށް ފޯރުކޮށް ދިނުމުގެ ގޮތުންނެވެ،" ނޫސް ބަޔާނުގައިވެ އެވެ.