ފުލުހުންގެ މަސައްކަތްތައް ހަރުދަނާ ކުރުމަށް ޑައިރެކްޓަރޭޓްތަކެއް އެކުލަވާލައިފި އެވެ.

މޯލްޑިވްސް ޕޮލިސް ސާވިސް އިން ބުނީ ފުލުހުންގެ އާ އޮނިގަނޑުގެ ދަށުން މަސައްކަތް ހަރުދަނާ ކުރުމަށް ސްޓްރެޓީޖިކް ޕްލޭނިން ޑައިރެކްޓަރޭޓްކާއި ޕްރޮފެޝަނަލް ސްޓޭންޑަޑްސް ޑައިރެކްޓަރޭޓާއި ކްރިމިނަލް އިންވެސްޓިގޭޝަން ޑައިރެކްޓަރޭޓާއި އިންވެސްޓިގޭޝަން ސަޕޯޓް ޑައިރެކްޓަރޭޓާއި އޮޕަރޭޝަންސް ޑައިރެކްޓަރޭޓާއި ރީޖަނަލް ޕޮލިސިން ޑައިރެކްޓަރޭޓާއި ސަޕޯޓް ސާވިސް ޑައިރެކްޓަރޭޓް، އަދި ސަވިސް ޑިވެލޮޕްމަންޓް ޑައިރެކްޓަރޭޓްގެ ހިމެނޭ ގޮތަށް ހަތް ޑައިރެކްޓްރޭޓެއް އެކުލަވާލައިފައިވާ ކަމަށެވެ.

އުނގެނުމާއި މުވައްޒަފުންގެ މެދުގައި މައުލޫމާތު ހިއްސާކޮށް، ޚިޔާލު ބަދަލުކޮށް އެކި ކަންކަމުގައި މުވައްޒަފުންގެ މެދުގައި މަޝްވަރާކުރުމުގެ ރޫހު ހުރި ތަނަކަށް ފުލުހުންގެ މުއައްސަސާ ހެދުމުގެ ސްޓްރެޓީޖިކް ޕްލޭންގެ ދަށުން އެ ޑައިކްޓަރޭޓްތަކާއެކު ޑިޕާޓްމަންޓްތަކާއި ޑިވިޝަންތަކާއި ޔުނިޓްތަކެއް ޤާއިމް ކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

އިންސާނީ ވަސީލަތްތައް އެކަށީގެންވާ ގޮތެއްގައި ބޭނުންކުރުމަށް ސިވިލް މުވައްޒަފުންނަށް އަދާކުރެވޭ އިދާރީ ދާއިރާތަކުގައި ތިބި ފުލުހުން އޮޕަރޭޝަން ދާއިރާތަކަށް ބަދަލުކޮށް، އިދާރީ ދާއިރާތަކަށް ސިވިލް މުވައްޒަފުން ހަމަޖައްސަން މަސައްކަތް ކުރާ ކަމަށާއި ފުލުހުންނަކީ ސުލޫކު ރަނގަޅު، ޤާބިލް ބަޔަކަށް ހަދަން ޖިންސުގެ ތަފާތު ކަމެއްނެތި ތައުލީމާއި ތަމްރީނުގެ ފުރުސަތުތައް ހޯދައި ދެމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.