07 Jul 2020, 14:36
އައްޑޫ ސިޓީ އަދި ކުޅުދުއްފުށީގައި ގާއިމް ކޮށްފައިވާ ޕޯޓުތަކަށް އެތެރެކުރާ ގިނަ ބާވަތުގެ މުދަލުގެ ޑިއުޓީއިން 50 ޕަސެންޓް މާފުކުރަން މުޅި މަޖިލީހުގެ ކޮމިޓީން ފާސްކޮށްފި އެވެ.
އެކްސްޕޯޓް އޮމްޕޯޓް ގާނޫނަށް ގަމު ދާއިރާގެ މެމްބަރު މުހައްމަދު ވިސާމް ހުށަހެޅުއްވި އިސްލާހުތައް ދިރާސާ ކުރުމަށް މިއަދު ވަނީ މުޅި މަޖިލީހުގެ ކޮމިޓީ ބާއްވާފަ އެވެ. އެ ކޮމިޓީ ބައްދަލުވުމުގައި ހިތަދޫ މެދު ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުށަހެޅުއްވީ އުތުރާއި ދެކުނުގެ ޕޯޓުތަކަށް މުދާ އެތެރެ ކުރުމުން އެ މުދަލުން 50 ޕަސެންޓް ޑިއުޓީ ކަނޑާލާ ގޮތަށް ބިލު އިސްލާހު ކުރާށެވެ. އެގޮތަށް 50 ޕަސެންޓް ކަނޑާލަން ގިނަ ޗެޕްޓަރުތަކެއް މުހައްމަދު ރަޝީދު ހުށަހެޅުއްވި އެވެ.
50 ޕަސެންޓް ޑިއުޓީ ކަނޑާލާ ބައެއް މުހިންމު ޗެޕްޓާތައް
ޗެޕްޓާ 22- މި ޗެޕްޓަރަކީ ބުއިމަށް ބޭނުންކުރާ ބާވަތްތަކުގެ ތައްޔާރީ ދިޔާއެއްޗިއްސާއި ރާހުތް ހިމެނޭ ޗެޕްޓަރެވެ. އެގޮތުން ބަނގުރަލާއި ބަނގުރާ އެކުލެވޭ އެހެނިހެން ބާވަތްތަކާއި އެނާޖީ ޑްރިންކާއި ސޮފްޓް ޑްރިންކް މި ޗެޕްޓަރުގައި ހިމެނެ އެވެ.
ޗެޕްޓަރު 25- މި ޗެޕްޓަރުގައި ހިމެނެނީ ލޮނާއި ސަލްފަރާއި ވެއްޔާއި ހިލަވެއްޔާއި، އުވަޖެހުމަށާއި ސިމެންތި ޖެހުމަށް ބޭނުންކުރާ ބާވަތްތަކެވެ. އެ ޗެޕްޓަރުގައި ހިމެނޭ ބާވަތްތަކުން 0 ޕަސެންޓް ޑިއުޓީ ނަގަން އިސްލާހު ހުށަހަޅާފައިވާތީ ކޮންމެ ޕޯޓަކަށް އެތެރެކުރިއަސް އެއަކަށް ބަދަލެއް ނާންނާނެ އެވެ.
ޗެޕްޓަރު 33- އެސެންޝިއަލް އޮއިލާއި ރެޒިނޮއިޑްސް އަދި މީރުވަސް ދުއްވުމަށާއި ރީތިވުމަށް އަދި ފެންވެރުމަށް ބޭނުން ކުރާ ސާމާނު އެ ޗެޕްޓަރުގައި ހިމެނެ އެވެ. އޭގެ ތެރޭގައި ސެންޓު ފަދަ ތަކެތި ހިމެނެ އެވެ. އެތަކެއްޗަކީ މިހާރު ހުށަހަޅާފައިވާ އިސްލާހުގެ ދަށުން 20 ޕަސެންޓް ޑިއުޓީ ދައްކަން ޖެހޭ އެއްޗިއްސަށް ވަތީ އުތުރާއި ދެކުނުގެ ޕޯޓަށް އެތެރެކުރުމުން ޑިއުޓީ ލުއިވެގެން ދާނެ އެވެ.
ޗެޕްޓަރު 63- ބޭނުންކޮށްފައި ހުންނަ އަންނައުނު، ކުނޑި ފޮތި ފޮތިން ހަދާފައި ހުންނަ އެހެނިހެން އެއްޗެހި، ބޭނުންކޮށްފައި ހުންނަ ފޮއްޗާއި ބޭނުންކޮށްފައި ހުންނަ ކުނޑި ފޮއްޗާއި ފޮތިން ހަދާފައި ހުންނަ ބައެއް އެޗެހި މި ޗެޕަޓަރުގައި ހިމެނެ އެވެ. އޭގެ ތެރޭގައި އެއްގަމުގައި ދުއްވާ އިންޖީނުލީ އެއްޗިހީގެ ގޮނޑީގެ އުރަވެސް ހިމެނެ އެވެ. އޭގެ މިހާރު 50 ޕަސެންޓް ޑިއުޓީ ނަގަ އެވެ.
ޗެޕްޓަރު 70- ބިއްލޫރިން ތައްޔާރުކޮށްފައި ހުންނަ ތެކެތި އަދި ބިއްލޫރި މި ޗެޕްޓަރުގައި ހިމެނެ އެވެ.
ޗެޕްޓަރު 87- އެއްގަމުގައި ދުއްވާ އެއްޗެހި މި ޗެޕްޓަރުގައި ހިމެނެ އެވެ. މިއީ މިހާރު 100 ޕަސެންޓަށްވުރެ މަތިން ޑިއުޓީ ނަގާ ތަކެއްޗެވެ. ދެ ސަރަހައްދުގެ ޕޯޓަށް އެ ތަކެތި އެތެރެ ކުރުމުން 50 ޕަސެންޓް ޑިއުޓީ އޭގެން އުނިވެގެންދާނެ އެވެ.
ޗެޕްޓަރު 96- މި ޗެޕްޓަރުގައި ހިމެނެނީ އުފައްދާގައި ހުންނަ ތަފާތު ވައްތަރުގެ އެއްޗިއްސެވެ. އޭގެ ތެރޭގައި ދުންފަތުގެ އިސްތިއުމާލުކުރަން ބޭނުންކުރާ ތަކެތި ހިމެނެ އެވެ. އެއީ މިހާރު 200 ޕަސެންޓް ޑިއުޓީ ނަގާ އެއްޗިއްސެވެ. ނަމަވެސް އައްޑުއާއި ކުޅުދުއްފުށީ ޕޯޓަށް އެތެރެކުރުމުން އޭގެން 50 ޕަސެންޓް ޑިއުޓީ ކަނޑާލާނެ އެވެ.
އިސްލާހުތަކާއެކު އެކްސްޕޯޓް އިމްޕޯޓް ގާނޫނަށް ގިނަ ބަދަލުތަކެއް ގެންނަން މިއަދު މުޅި މަޖިލީހުގެ ކޮމިޓީއިން ވަނީ ފާސްކޮށްފަ އެވެ. އޭގެ ތެރޭހައި އިމާރާތްކުރުމަށް ބޭނުންކުރާ ގިނަ ތަކެތިން ޑިއުޓީ ކަނޑާލަން ވަނީ ކޮމިޓީއިން ފާސްކޮށްފަ އެވެ. އެ އިސްލާހުގައި ދަގަނޑާއި އެކަތަ ޝީޓު، ޕްލޭޓު އަދި އިމާރާތްކުރަން ބޭނުންކުރާ ދަނގަނޑުން ކުރިން ނަގަމުން އައި ފަސް ޕަސެންޓުގެ ޑިއުޓީ ސުން ޕަސެންޓަށް ކަނޑާލަން ވަނީ ހުށަހަޅާފަ އެވެ. އަދި ދަގަނޑުގެ ބާވަތްތަކުގެ ތެރެއިން ދަގަނޑު ޓިނުން ނަގާ ޑިއުޓީ 10 ޕަސެންޓަށް ބޮޑުކުރަން ވަނީ ހުށަހަޅާފަ އެވެ.
ޒިންކުން ހަދާފައިވާ ހުންނަ ތަކެތީގެ ތެރެއިން ޓިނު، ތިނބި އަދި ދިޔަދޮވިން ކުރިން ނަގަމުން އައި 15 ޕަސެންޓު ޑިއުޓީ ސުން ޕަސެންޓަށް ކަނޑަން ވަނީ ހިމަނާފަ އެވެ.
މީގެ އިތުރުން ސެރަމިކުން ހަދާފައި ހުންނަ ތަކެތީގެ ތެރެއިން ތަށިމުށިން ނަގާ ޑިއުޓީ 10 ޕަސެންޓުން ސުން ޕަސެންޓަށް އަދި ޓޭބަލްވެއާ އާއި ކިޗަންވެއާއިން ނަގާ ޑިއުޓީ 15 ޕަސެންޓުން ފަސް ޕަސެންޓަށް ކުޑަކުރަން ވަނީ ހުށަހަޅާފަ އެވެ.
އޭގެ އިތުރުން ބައިސްކަލާއި އޭގެ ބައިތަކާއި، އަދި ހެލްމެޓުން މިހާރު ނަގާ އިމްޕޯޓު ޑިއުޓީ ކަނޑާލަންވެސް މުޅި މަޖިލީހުގެ ކޮމިޓީން ފާސްކުރިއެވެ.. އެ އިސްލާހުތައް ކޮމިޓީން ފާސްކޮށްފައިވަނީ 54 މެމްބަރުންގެ ވޯޓާއެކު އެވެ.